Roadha Mihaaru
އެކްސްޕޯޓް 37 ޕަސެންޓް ދަށަށް، އިމްޕޯޓް މައްޗަށް

އެކްސްޕޯޓް 37 ޕަސެންޓް ދަށަށް، އިމްޕޯޓް މައްޗަށް

14 ނޮވެމްބަރ 2018

މިދިޔަ އަހަރު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރަށް ވުރެ މިއަހަރު އެކްސްޕޯޓްކުރި މިންވަރު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިދިޔަ އަހަރު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރަށް ވުރެ މިއަހަރު އެކްސްޕޯޓްކުރި މިންވަރު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރަށް ވުރެ މިއަަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 37 ޕަސެންޓު މަދެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު 409.1 މިލިޔަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކުރި އިރު މިއަހަރު އެކްސްޕޯޓްކުރީ 257.1 މިލިޔަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު ދަށަށް ދިޔަ އިރު އިމްޕޯޓްކުރި މިންވަރު ވަނީ 20 ޕަސެންޓު އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ އޮކްޓޯބަރުމަހު ރާއްޖެއަށް 3.9 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެތެރެކުރީ 3.2 ބިލިޔަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ ރޯމަހާއި މަހުގެ އުފެއްދުންތަކެވެ.

ރާއްޖެއިން މުދާ އެކްސްޕޯޓްކުރި ގައުމުތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނަ މުދާ އެކްސްޕޯޓްކޮޮށްފައި ވަނީ އިނގިރޭސިވިލާތަށެވެ. ރާއްޖެއިން މިދިޔަ އަހަރު އެކްސްޕޯޓްކުރި މުދަލުގެ 19.8 ޕަސެންޓް ގެންގޮސްފައި ވަނީ އިނގިރޭސިވިލާތަށެވެެ. ރާއްޖޭގެ މުދާ ދެންމެ އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ އެމެރިކާއަށާއި ޖަރުމަނަށާއި އަވަށްޓެރި ސްރީ ލަންކާއަށެވެ. އެގޮތުން އެމެރިކާއަށް 15.5 ޕަސެންޓް، ޖަރުމަނަށް 14.2 ޕަސެންޓް އަދި ލަންކާއަށް 10.2 ޕަސެންޓް އެކްސްޕޯޓްކޮށްފައިވެ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ މުދާ އެތެރެކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެގޮތުން އިމްޕޯޓްކުރި މުދަލުގެ 17 ޕަސެންޓަކީ އެގައުމުން ގެނައި މުދަލެވެ. ދެން އެންމެ ގިނަ މުދާ އެތެރެކުރީ ސިންގަޕޫރާއި ޗައިނާއިންނެވެ. ސިންގަޕޫރުން 16 ޕަސެންޓް މުދާ ގެނައި އިރު ޗައިނާއިން ގެނައި މުދާ އިމްޕޯޓްގެ 13 ޕަސެންޓު ހިއްސާކުރެ އެވެ.