Roadha Mihaaru
ތެލަށް ކުރާ ހަރަދު 95 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން ތެލަށް ކުރާ ހަރަދު 95 ޕަސެންޓް އިތުރުވެއްޖެ

26 ޖުލައި 2022

މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ރާއްޖެއިން ތެލަށް ކުރި ހަރަދު 95 ޕަސެންޓް އިތުރު ވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ރާއްޖެއިން ތެލަށް ކުރި ހަރަދު 95 ޕަސެންޓް އިތުރު ވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖޫން މަހުގެ ނިޔަލަށް ރާއްޖެއިން ހަ ބިލިއަން ރުފިޔާ ތެލަށް ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ތެޔޮ އެތެރެކުރަން ހޭދަވީ 3.1 ބިލިއަން ރުފިޔާ އެވެ.

ޔޫކްރެއިން-ރަޝިއާ ހަނގުރާމައާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑުތަނުން އުފުލިފަ އެވެ. އެހެންވެ، މިއަހަރުގެ ދެވަނަ ކުއާޓާގައި އެކަނި ވެސް ރާއްޖެއިން ތިން ބިލިއަން ރުފިޔާ ތެލަށް ހޭދަކޮށްފައިވެ އެވެ.

ރާއްޖެއިން އާންމުކޮށް އެތެރެކުރާ ތެލުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ޑީސަލް، ޕެޓްރޯލް އަދި ޖެޓް ފިއުލް އެވެ.

މިއަހަރު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ރަމްޒުކޮށްދޭ ޗާޓެއް: އެންމެ ބޮޑަށް އުފުލުނީ މާޗު މަހު

މިއަހަރު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ރަމްޒުކޮށްދޭ ޗާޓެއް: އެންމެ ބޮޑަށް އުފުލުނީ މާޗު މަހު

މިއަހަރު ފެށުނުއިރު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގަކީ އެވްރެޖްކޮށް 79 ޑޮލަރެވެ. ރަޝިއާ-ޔޫކްރެއިން ހަނގުރާމަޔާ އެކު ފީފާއެއްގެ އަގު 123 ޑޮލަރަށް މަތިވި އެވެ. ދެވަނަ ކުއާޓާ ނިމުނުއިރު ތެޔޮ ފީފާއެއްގެ އަގު އުޅުނީ ގާތްގަނޑަކަށް 103 ޑޮލަރަށެވެ. މިއަދު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 98 ޑޮލަރަށެވެ. ސާފުނުކުރާ ތެލުގެ އަގު ސަތޭކައިން ދަށްވެފައި އެވަނީ ދެ މަސް ފަހުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާގުޅިގެން މި އަހަރުގެ ތެރޭ އެސްޓީއޯއިން ވަނީ ތެޔޮ ވިއްކާ އަގަށް ދެ ފަހަރަކު ބަދަލުގެނެސްފަ އެވެ. އެގޮތުން، އަހަރު ފެށުނު އިރު ޕެޓްރޯލް އަދި ޑީސަލް ލީޓަރެއް ގާތްގަނޑަކަށް 11 ރުފިޔާ އަށް ހުރި ނަމަވެސް، މާޗު މަހުގެ ތެރޭގައި ވަނީ 14 ރުފިޔާ އަށް ބޮޑުކޮށްފަ އެވެ. އަދި ޖޫން 24 ވަނަ ދުވަހު އެ އަގު ވަނީ 16 ރުފިޔާ އަށް ލީޓަރެއްގެ ރޭޓަށް ބޮޑުކޮށްފަ އެވެ.