Roadha Mihaaru
ފްލެޓް ލިޔުން މާދަމާ ރޭ 12 ޖަހަންދެން ހަވާލުކުރަނީ

ފްލެޓް ލިބުނު ކަމުގެ ލިޔުން މާދަމާ ރޭ 12އާ ހަމައަށް ހަވާލުކުރަނީ

15 ނޮވެމްބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވައިލި 7،000 ފްލެޓުގެ މަޝްރޫއުން ފްލެޓް ލިބުނު މީހުންނަށް މާދަމާ ރޭ ދަންވަރު 12 ޖެހުމާ ހަމައަށް ލިޔުން ދޫކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވައިލި 7،000 ފްލެޓުގެ މަޝްރޫއުން ފްލެޓް ލިބުނު މީހުންނަށް މާދަމާ ރޭ ދަންވަރު 12 ޖެހުމާ ހަމައަށް ލިޔުން ދޫކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގައި، ނޫސްވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރު ވިދާޅުވީ އެކި ކެޓަގަރީތަކުން ޝަރުތު ހަމަވެ ފްލެޓް ލިބުނު ގިނަ ބަޔަކާ މިހާރު ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ. ބާކީ ތިބި މީހުންނަށް މާދަމާ ރޭ 12 ޖެހުމާ ހަމައަށް ލިޔުން ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ނޮވެމްބަރު 16ގެ ދަންވަރު 12ގެ ފަހުން އަޅުގަނޑުމެންގެ އެއްވެސް މަސައްކަތެއް އެތަނުގައި [އާ ސަރުކާރު ފެށޭތީ، މިނިސްޓްރީގައި] ނުކުރާނެ. އެ ހިސާބަށް ލިޔުންތައް ދޫކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ މަޝްރޫއުން ފްލެޓަށް އެދި ގާތްގަނޑަކަށް 22،000 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ފްލެޓަށް ހޮވި، ގެޒެޓް ކޮށްފައިވާ ދާއިމީ ލިސްޓުގައިވާ މީހުންނަށް ދޫކުރާ ލިޔުމުގައިވާ ގޮތުން އެއީ، ޝަރުތު ހަމަވެ ފްލެޓް ކަށަވަރުވި ކަމުގެ ލިއޔުމެކެވެ. އޭގައި ބުނެފައިވާ ގޮތުގައި، ފްލެޓްގެ އެއްބަސްވުމާއި ފައިސާ ދެއްކުން ކުރިއަށް ގެންދާނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސިފައިންނާއި ފުލުހުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ވެސް އެ ދެ މުއައްސަސާ އަށް މިއަދު ފޮނުވާނެ އެވެ. އަދި ޓާޓާ އާއި ގުޅިފަޅުން ފްލެޓް ބީވި މީހުންނަށް ހިޔާ މަޝްރޫއުން ކަނޑައެޅި ފްލެޓްތަކުގެ ލިސްޓު އާއްމުކޮށް، ލިޔުން ހަވާލުކުރާނެ އެވެ.

އަލަތު ކައިވެނި ނުވަތަ އެއް ކޮޓަރީގެ ފްލެޓަށް ހުށަހެޅި ޝަކުވާތަކަށް ޖަވާބު ދިނުމަށް ފަހު ދާއިމީ ލިސްޓު އާއްމު ނުކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ލިސްޓު ވެސް މިއަދު ގެޒެޓްކޮށް ލިޔުން ދޫކުރާނެ ކަމަށެވެ. އަލަތު ކައިވެނި ކެޓަގަރީއަށް ފޯމް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭން ވަނީ ނިންމައިފަ އެވެ. އެ ކެޓަގަރީ އަށް 1،000 ފްލެޓް ކަނޑައެޅިއިރު، ކުރިމަތިލީ އެ އަދަދަށް ވުރެން މަދުން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

"އަލަތު ކައިވެނީގެ ކެޓަގަރީ ވެސް ދާއިމީ ލިސްޓު މިއަދު އިއުލާން ކުރާން. ވަގުތު އޮވެއްޖިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ ދެ ވަނަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ލިއުންތަކުގެ ލިއުން ވެސް ހަވާލުކުރަން،" މުއިއްޒު ވިދާޅުވި އެވެ.

"ލިސްޓުތަކަށް އަރާފައިވާ ބޭފުޅުން ވަރަށް ކަންބޮޑުވެލައްވައިގެން އުޅުއްވަނީ، މި ވެރިކަން ބަދަލުވުމަށް ފަހު، ފްލެޓްތައް ލިބުނު ކަމުގެ ލިއުން ވެސް ތިމަންނަމެންނަކަށް ނުލިބޭނެއޭ. އެހެންވީމަ ތިމަންނަމެންނަށް ކޮންމެހެން ވެސް ލިއުން ލިބޭނެ ގޮތް ހައްދަވައި ދެއްވައްޗޭ."

ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ހައުސިން މިނިސްޓަރު ޑރ.މުއިއްޒު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ފްލެޓް ދޫކުރީ ނާއިންސާފުން ކަމަށް ބުނެ ކުރާ ތުހުމަތުތައް މިއަދު ވެސް ދޮގުކުރައްވައި މުއިއްޒު ވިދާޅުވި ގޮތުގައި ފްލެޓް ދޫކޮށްފައި ވާނީ ޕޮއިންޓް ދޫކުރަން އާއްމުކުރި އުސޫލާއި ހުށަހެޅި ލިޔުންތަކަށް ބަލައި އިންސާފުންނެވެ. ނުހައްގުން އެއްވެސް މީހަކަށް ފްލެޓް ދޫކޮށްފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފްލެޓް ދޫކޮށްފައި ވާނީ، އިންސާފުން. ވަރަށް ތެދުވެރިކަމާއި އިޚްލާސްތެރިކަމާ އެކު،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓްތައް ދޫކުރާ ގޮތާ މެދު ޝައްކު ކުރާނެ ޖާގަ ރައްޔިތުންނަށް ލިބުނީ، އެމްޑީޕީގެ ވެރިކަމުގައި، އެ ޕާޓީގެ އިސްބޭފުޅަކު ވިދާޅުވި ވާހަކަ އަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ. އެހެން ޕާޓީތަކުގެ މީހުންނަށް ފްލެޓް ލިބޭނީ އެމްޑީޕީގެ މެމްބަރުންނަށް ދިނުމަށް ފަހުގައޭ އެމްޑީޕީގެ އިސްބޭފުޅަކު ވިދާޅުވުމަކީ ކިތަންމެ އިންސާފުވެރިކޮށް ދިނަސް ރައްޔިތުން ސުވާލު އުފައްދާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ފްލެޓް ދޫކުރުމުގައި އެމްޑީޕީ މީހެއް ވިއްޔާ ނުދިނުމުގެ އުސޫލެއް ނުގެންގުޅެން. ހަމަޔާއި އިންސާފުން އެކަން ކޮށްފައި ވާނީ. ފްލެޓް ލިބުނު މީހުންގެ ތެރޭގައި އަޅުގަނޑަށް ޔަގީން، އެމްޑީޕީގެ ގިނަ ބަޔަކު ވެސް އުޅޭނެ. ވަކި ބަޔަކަށް ދީ، އަނެއް ބަޔަކަށް ނުދޭ އުސޫލެއް ނުގެންގުޅެން،" މިނިސްޓަރު ވިދާޅުވި އެވެ. ފްލެޓް ދޫކުރިގޮތާ މެދު ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކަމުންދިޔަ ނަމަވެސް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނުގެ ސަރުކާރުން، މި ފްލެޓްތައް ލިބުނު މީހުންގެ އަތުން އަތުލައި، ބޭއިންސާފު ނުވުމަށް މުއިއްޒު އިލްތިމާސްކުރެއްވި އެވެ.