Roadha Mihaaru
ނެދަލެންޑްސް އިން ފްރާންސް ބަލިކުރުމުން ޖަރުމަން ރެލިގޭޓްވެއްޖެ

ނެދަލެންޑްސް އިން ފްރާންސް ބަލިކުރުމުން ޖަރުމަން ރެލިގޭޓްވެއްޖެ

17 ނޮވެމްބަރ 2018

ރޮޓެޑަމް (ނޮވެމްބަރު 17) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން 2-0 އިން ނެދަލެންޑްސް މޮޅުވުމާ އެކު ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު ޖަރުމަން މުބާރާތުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރޮޓެޑަމް (ނޮވެމްބަރު 17) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން 2-0 އިން ނެދަލެންޑްސް މޮޅުވުމާ އެކު ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު ޖަރުމަން މުބާރާތުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ އެވެ.

މި ވަގުތު ހަތް ޕޮއިންޓާ އެކު ފްރާންސް އެއް ވަނައިގައި އޮތް ނަމަވެސް ފަހު މެޗުގައި ހޯމަ ދުވަހުގެރޭ ޖަރުމަނާ އެއްވަރުކޮށްލައިގެން ވެސް ނެދަލެންޑްސް އަށް އެއް ވަނަ ހޯދައި އަންނަ އަހަރު އޮންނަ ފައިނަލް ބުރަށް ކޮލިފައިވެވޭނެ އެވެ. މި ވަގުތު ނެދަލެންޑްސް ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ޖަރުމަން ރެލިގޭޓްވީ އެއް ޕޮއިންޓާ އެކު ފުލަށް ގޮސްގެންނެވެ.

މި އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ބަލިނުވެ ހަމަކުރި 15 މެޗުގެ ސިލްސިލާ އަށް ރޭ ނެދަލެންޑްސް އިން ނިމުން ގެނައިއިރު މިއީ އެ ޓީމުގެ ފުޓްބޯޅަ އަލުން ކޮޅަށް ޖަހަން ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އެންމެ ފަހުގެ ވޯލްޑް ކަޕާއި ޔޫރޯ އަށް ކޮލިފައިނުވި ޓީމު މިހާރު ހޯދަމުން އަންނަ ކާމިޔާބީގެ މޭސްތިރިއަކީ އެ ގައުމަށް ފުޓްބޯޅައިން ލިބުނު ހަމައެކަނި ބޮޑު ކާމިޔާބީ ކަމަށްވާ 1988 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރިއިރު ކުޅުނު ރޮނާލްޑޯ ކޫމަން އެވެ.

ރޮޓެޑަމްގައި ރޭ ފްރާންސް އަތުން ނެދަލެންޑްސް މޮޅުވިއިރު ފުރަތަމަ ގޯލް 44 ވަނަ މިނެޓުގައި ޖެހީ ލިވަޕޫލުގެ ޖޯޖީނީ ވައިނާލްޑަމް އެވެ. ފަހު ގޯލަކީ އިތުރު ވަގުތުގެ ތެރޭ ޕެނަލްޓީއަކުން މެމްފިސް ޑިޕާއީ ކާމިޔާބުކުރި ލަނޑެކެވެ.

އަނެއްކޮޅުން ޖަރުމަން މި އަޑިއަޅާލީ ދުނިޔޭގައި ނެތް ވަރުގެ ޓީމެއްގެ ގޮތުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ. އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ޔޫރަޕުގެ ގިނަ ކްލަބްތަކުގައި ލީޑު ކުރަމުން އައީ ޖަރުމަން ކުޅުންތެރިންނެވެ. އެކަމަކު މި އަހަރުގެ ވޯލްޑް ކަޕުން އެ ޓީމު ކެޓީ ގްރޫޕުގެ ފުލަށް ގޮސްގެންނެވެ. ބެލެވޭ ގޮތުގައި މި ނަތީޖާތަކާ އެކު ކޯޗު ޔަކީމް ލޯގެ މަގާމް ގެއްލޭނެ އެވެ.

ތިން ޓީމު ހިމެނޭ ނޭޝަންސް ލީގުގެ ކޮންމެ ގްރޫޕެއްގެ އެއް ވަނަ ޓީމެއް އަންނަ އަހަރުގެ ޖޫން މަހު އޮންނަ ފައިނަލް ބުރަށް ހޮވޭނެ އެވެ. ދެ ވަނަ ޓީމު ފުރަތަމަ ޑިވިޝަނުގައި ދެމި އޮންނައިރު ތިން ވަނަ ޓީމު ދެން ކުޅެން ޖެހޭނީ ދެ ވަނަ ޑިވިޝަނުގަ އެވެ. ވޯލްޑް ކަޕާއި ޔޫރޯގެ ކޮލިފައިން ނޯންނަ އަހަރުތަކުގައި ކުޅޭ މި މުބާރާތް ދެން އޮންނާނީ 2020 ވަނަ އަހަރުގަ އެވެ.