Roadha Mihaaru
ޖަރުމަނުން އާ ޖީލެއް، ފެށީ އިތުބާރާ އެކު

ޖަރުމަނުން އާ ޖީލެއް، ފެށީ އިތުބާރާ އެކު

08 ސެޕްޓެމްބަރ 2024

ނިމިދިޔަ ޔޫރޯ މުބާރާތަށް ފަހު ޖަރުމަންގެ ގިނަ ތަރިންތަކެއް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން އިތުބާރާ އެކު ފުރިހަމަ މޮޅެއް ހޯދައިފި އެވެ.

ނިމިދިޔަ ޔޫރޯ މުބާރާތަށް ފަހު ޖަރުމަންގެ ގިނަ ތަރިންތަކެއް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން އިތުބާރާ އެކު ފުރިހަމަ މޮޅެއް ހޯދައިފި އެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޖަރުމަނުން އެޓީމުގެ ފުރަތަމަ މެޗުގައި ހަންގޭރީއާ ވާދަކޮށް މޮޅުވީ، 5-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ނިކްލަސް ފޫލްކްރޫގް ލީޑު ނަގައިދިން އިރު، ޖަމާލް މުސިއާލާ އާއި ފްލޯރިއަން ވާޓްޒް އަދި އަލެކްޒެންޑާ ޕަވްލޮވިޗް އާއި ކައި ހަވާޓްޒް ގޯލުތައް ޖެހީ ފަހު ހާފުގަ އެވެ.

ހަވާޓްޒްގެ ލަނޑަކީ މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. މީގެ އިތުރުން ފޫލްކްރޫގް އާއި ވާޓްޒް އަދި ޕަވްލޮވިޗް ކާމިޔާބުކުރި ގޯލުތައް އެސިސްޓް ކުރީ މުސިއާލާ އެވެ.

މިއަހަރުގެ ޔޫރޯ އަށް ފަހު މެނުއެލް ނޯޔާ އާއި ޓޯނީ ކްރޫސް އަދި ތޯމަސް މުލާގެ އިތުރުން އިލްކާއި ގުންޑޮއާން ވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ކުޅުން ހުއްޓާލުމާ ހަމައަށް މި ކުޅުންތެރިން ވަނީ ޖަރުމަން ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ނޯޔާ ރިޓަޔާ ކުރުމާ އެކު 13 އަހަރަށް ފަހު ޓީމުގެ އެއްވަނަ ކީޕަރުގެ މަގާމު ވަނީ ބާސެލޯނާގެ މާކް އަންދްރޭ ޓާ ސްޓެގަން، 32، އަށް ލިބިފަ އެވެ. ހަމަ އެއާއެކު ވާޓްޒް އާއި މުސިއާލާގެ ޕާޓްނާޝިޕަށް ވެސް ކޯޗު ވަނީ ތައުރީފް ކޮށްފަ އެވެ. އަދި ޓޯނީ ކްރޫޒްގެ ބަދަލުގައި ކޯޗު ބޭނުންކުރީ ބްރައިޓަން އަށް ކުޅުނު ޕާސްކަލް ގްރޯސް އަށެވެ.

ނޭޝަންސް ލީގުގެ ކުރިން ކޯޗު ހޫލިއެން ނާގެލްސްމަން ވަނީ ޔޯޝުއާ ކިމިކް، ޖަރުމަންގެ އާ ކެޕްޓަނަކަށް ހަމަޖައްސައިފަ އެވެ. އަދި މުޅިން އާ ޓީމެއް ބިނާކުރުމާއެކު ކުރިއަށް އޮތް ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އަޒުމުގައި މަސައްކަތް ފަށާފައިވާކަން ވެސް ނާގެލްސްމަން ވަނީ ހާމަކޮށްފަ އެވެ.

މިއަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުން ކެޓި ޖަރުމަން ވަނީ، އެންމެ ފަހުން ބޭއްވި ނޭޝަންސް ލީގުގެ އިތުރުން އެންމެ ފަހުން ބޭއްވި ދެ ޔޫރޯ މުބާރާތުގައި ވެސް ހަންގޭރީއާ އެއް ގުރޫޕެއްގައި ހިމެނިގެން ކުޅެފަ އެވެ.

ޖަރުމަނާއި ހަންގޭރީއާއެކު މި ގުރޫޕްގައި ދެން ހިމެނެނީ ނެދަލެންޑްސް އާއި ބޮސްނިއާ އެންޑް ހާޒިގޮވީނާ އެވެ. ދެ ޓީމު ރޭ ބައްދަލުކުރި މެޗު 5-2 އިން ކާމިޔާބުކުރީ ނެދަލެންޑްސް އެވެ.

މި މެޗުގައި ނެދަލެންޑްސްގެ ގޯލުތައް ވެސް ޖަހައިދިނީ ތަފާތު ފަސް ކުޅުންތެރިންނެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޔޯޝުއާ ޒާކްޒީ އާއި ލިވަޕޫލަށް ކުޅޭ ކޯޑީ ގަކްޕޯގެ އިތުރުން އޭސީ މިލާނަށް ކުޅޭ ޓިޖާނީ ރެއިންޑާސް އާއި އާރުބީ ލައިޕްޒިގަށް ކުޅޭ ޒަވީ ސިމޮންސް އަދި އެޓީމުގެ ސުޕަ ސަބް ވައުޓް ވެގޯސްޓް އެވެ.

ނެދަލެންޑްސް ޓީމަށް ކުޅޭ އިންޑޮނޭޝިއާ ދަރިކޮޅުގެ ރެއިންޑާސް، 26، ރޭގެ މެޗުގައި ޖެހި ގޯލަކީ އޭނާ މިހާތަނަށް ކުޅެދިން 15 މެޗުން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ބޮސްނިއާގެ ގޯލުތައް ޖަހައިދިނީ ޖަރުމަން ލީގުގައި ކުޅޭ ފޯވާޑް އާމެޑިން ޑެމިރޮވިޗާއި އެގައުމުގެ ލެޖެންޑަރީ ފޯވާށް އެޑިން ޒެކޯ، 38، އެވެ. ޒެކޯ ވަނީ މިހާތަނަށް ގައުމީ ޓީމަށް 135 މެޗު ކުޅެދީ 66 ގޯލު ޖަހައިފަ އެވެ.

އަންގާރަ ދުވަހުގެ ރޭ ނެދަލެންޑްސް އިން އަމިއްލަ ދަނޑުގައި ޖަރުމަނާ ދެކޮޅަށް ކުޅޭނެ އެވެ.