Roadha Mihaaru
އާ ސަރުކާރާ އެކު، މަޖިލިހުގެ ހަ ގޮނޑި ހުސްވެއްޖެ

އާ ސަރުކާރާ އެކު، މަޖިލިހުގެ ހަ ގޮނޑި ހުސްވެއްޖެ

17 ނޮވެމްބަރ 2018

އާ ސަރުކާރުގެ ކެބިނެޓުން ޖާގަ ލިބިވަަޑައިގަތުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި މިއަދު ހުސްވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އާ ސަރުކާރުގެ ކެބިނެޓުން ޖާގަ ލިބިވަަޑައިގަތުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރެއްގެ ގޮނޑި މިއަދު ހުސްވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ހަތަރު މެމްބަރަކު ކެބިނެޓަށް ވަޑައިގަތުމުން، މަޖިލިހުގެ މިހާ ގިނަ އަދަދެއްގެ ގޮނޑި އެގޮތަށް ހުސްވި މިއީ ފުރަތަމަ ފަހަރެވެ. ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ދައުލަތުގެ އެހެން މަގާމެއް ނުފުރުއްވޭނެ އެވެ.

ރައީސް އާއި ނައިބު ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ކެބިނެޓަށް ވަޑައިގެންނެވީ، ފޮރިން މިނިސްޓަރު ކަމަށް، ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު ކަމަށް މައްޗަށްގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ އާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހްލޫފު އަދި އިކޮނޮމިކް މިނިސްޓަރުކަމަށް، ލ. ގަމު ދާއިރާގެ ފައްޔާޒް އިސްމާއިލް އެވެ.

މި ހަ ގޮނޑި ހުސްވިޔަސް، ގާނޫނުއަސާސީ ބުނާ ގޮތުން، ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހެ އެވެ. ރައްޔިތުންގެ މަޖިލިހުގެ ބައި އިލެކްޝަން ބާއްވަން ޖެހެނީ ގޮނޑިއެއް ހުސްވުމާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމާ ދެމެދު ހަ މަހަށް ވުރެ ދިގު މުއްދަތެއް އޮތް ނަމަ އެވެ. އާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަންނަ މާޗު މަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. އެހެންކަމުން ކުރިއަށް ދެން އޮތީ ހަތަރު މަސް ދުވަހެވެ.