Roadha Mihaaru
އިޓަލީއާ އެއްވަރުކޮށް ޕޯޗުގަލް ސެމީ އަށް

އިޓަލީއާ އެއްވަރުކޮށް ޕޯޗުގަލް ސެމީ އަށް

18 ނޮވެމްބަރ 2018

މިލާން (ނޮވެމްބަރު 18) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ރަށުން ބޭރުގައި އިޓަލީއާ 0-0 އިން އެއްވަރުކޮށް ޕޯޗުގަލުން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިލާން (ނޮވެމްބަރު 18) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ރަށުން ބޭރުގައި އިޓަލީއާ 0-0 އިން އެއްވަރުކޮށް ޕޯޗުގަލުން މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އަންނަ އަހަރު އޮންނަ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅޭނީ ފުރަތަމަ ކެޓަގަރީގެ ހަތަރު ގްރޫޕުގެ އެއް ވަނަ ޓީމެވެ. މިހާރު އޮތްގޮތުން ޕޯޗުގަލްގެ އިތުރުން ސެމީގައި ދެން ފެނުމުގެ ފުރުސަތު ބޮޑީ ގްރޫޕް އެކަކުން ނެދަލެންޑްސް ނުވަތަ ފްރާންސް، ދެ ވަނަ ގްރޫޕުން ސްވިޒަލެންޑް ނުވަތަ ބެލްޖިއަމް އަދި ގްރޫޕް ހަތަރަކުން ކްރޮއޭޝިއާ ނުވަތަ އިންގްލެންޑް އެވެ. މި ގްރޫޕުން ސްޕެއިނަށް ވެސް ހަނި ފުރުސަތެއް އެބައޮތެވެ.

ބާކީ އެއް މެޗު ނުކުޅެ އޮއްވާ ޕޯޗުގަލް ސެމީގެ ޖާގަ ކަށަވަރުކުރީ ރޭ އިޓަލީ އަށް މޮޅުނުވެވުމުންނެވެ. މި ގްރޫޕްގެ އެއް ވަނައިގައި ޕޯޗުގަލް އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިޓަލީގެ ހުރިހާ މެޗެއް ހަމަވިއިރު ހަތަރު މެޗުން އެ ޓީމަށް ލިބުނީ ފަސް ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ޕޮލެންޑަށް ތިން މެޗުން ލިބުނީ އެއް ޕޮއިންޓެވެ. ފަހު މެޗުގައި އަންގާރަ ދުވަހު ޕޯޗުގަލް ނުކުންނާނީ ދެ ވަަނަ ކެޓަގަރީ އަށް ރެލިގޭޓްވެފައިވާ ޕޮލެންޑާ ދެކޮޅަށެވެ.

ރޭގެ މެޗުން މޮޅުވުން މަޖުބޫރުވެފައިވާތީ އިޓަލީން ވަނީ ފުރަތަމަ މިނިޓުން ފެށިގެން އެޓޭކަށް ވިސްނައިގެން ކުޅެފަ އެވެ. ފުރަތަމަ ހާފުގައި އިޓަލީގެ ލޮރެންޒޯ އިންސީނިއޭ އާއި ސީރޯ އިމޯބިލޭ ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ޕޯޗުގަލްގެ ވިލިއަމް ކަވާލިއޯ އާއި ޔާއޯ މާރިއޯ އަށް ވަނީ ދެ ވަނަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެ ޓީމުން ފުރުސަތު ނުލިބެ އެވެ. ދެ ފަހަރެއްގެ މަތިން ޓީމުން ބާކީކުރީ ރޮނާލްޑޯ އެގޮތަށް ބޭނުންވާތީ ކަމަށް ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ މީގެ ކުރިން ބުނެފަ އެވެ.

ރޭގެ މެޗަށް ފަހު ސަންޓޯސް ބުނީ ނޭޝަންސް ލީގުގެ ފައިނަލް ބުރަށް ދެވުމުން ވަަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޓީމުން ރޮނާލްޑޯ ފެންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ރޮނާލްޑޯގެ ހިއްސާ މި ޓީމަށް މުހިއްމު. އޭނާ އަކީ މި ޓީމުގެ ކުޅުންތެރިއެއް. އޭނާ އަދި މި ޓީމުން ފެންނާނެ،" ސަންޓޯސް ބުންޏެވެ.

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ މި މެޗުގައި އޭނާގެ ޓީމުން ދެއްކި ކުޅުމާ މެދު ކުރެވޭނެ އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ހަމައެކަނި މައްސަލައަކީ ގޯލެއް ނުޖެހުން ކަމަށެވެ. އަދި އޭނާ ޓީމާ ހަވާލުވެގެން މިހާތަނަށް ކުރެވުނު މަސައްކަތަށް ބަލާއިރު ޓީމު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

ރޭގެ މެޗަކީ އިޓަލީގެ ޑިފެންޑަރު ޖިއޮޖިއޯ ކިއެލީނީ ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ.