Roadha Mihaaru
ހިލޭ ދޮންކޭލާއި ކިރު: އެކަން ކުރާނީ ކިހިނެއް؟

ދަރިވަރުންނަށް ދޮންކޭލާއި ކިރު: އެކަން ކުރާނީ ކިހިނެއް؟

19 ނޮވެމްބަރ 2018

އަންނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން ފަށާނީ، ރާއްޖޭގެ ތާރީހުގައި ވެސް، މުޅިން އާ ކަމަކާ އކެު އެވެ؛ ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަންނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން ފަށާނީ، ރާއްޖޭގެ ތާރީހުގައި ވެސް، މުޅިން އާ ކަމަކާ އކެު އެވެ؛ ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ އެވެ.

އެކަމަކު ރާއްޖޭގެ އާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ދަރިވަރުންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް އިއުލާން ކުރުމާ އެކު އެތައް ބައެއްގެ ހިތުގައި އުފެދުނު ސުވާލަކީ އެކަން ކުރާނީ ކިހިނެއްތޯ އެވެ؟

ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މިހާރު ވެސް ސިއްހީ ގޮތުން ރަނގަޅު ހެނދުނުގެ ނާސްތާ ބައެއް ދަރިވަރުންނަށް ލިބެން ހުރެ އެވެ. އޭގެ ސަބަބުން ކުދިންގެ ހެދިބޮޑުވުމަށް އެހީވެ، ރަނގަޅު ކާނާއަށް ޝައުގުވެރިކަން ވެސް އުފެއްދެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއް ވައުދެއްގެ ގޮތުގައި ހިމެނުނު މި ޕްރޮގްރާމް ބިނާވާނީ، މައިގަނޑު ގޮތެއްގައި، ކޮންމެ ދަރިވަރަކަށް ލިބޭ ދެ ދޮންކެޔޮ ވަކާއި ކިރު ތައްޓަކަށެވެ. އެކަމަށް އަންނަ އަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 194 ރަށުގެ ހުރިހާ ސުކޫލެއް ހިމެނޭ ގޮތަށް ހެނދުނު ދަންފަޅީގައި އެކަނި ވެސް 35،000 އެއްހާ ދަރިވަރުން ކިޔަވަ އެވެ. އާ ސަރުކާރުން އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކޮށްފި ނަމަ އެ އަދަދު އަދި މާ މަތިވާނެ އެވެ.

މިއީ ކުރަން ޖެހޭ ކަމެއްތަ؟

އެޑިއުކޭޝަން މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެއްވެސް ގައުމެއްގައި ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން އެގޮތަށް ނާސްތާ ދިނުމާއި ކެއުން ނުބާއްވަ އެވެ. އެ ގައުމުތަކުގައި ކެއުން ފޯރުކޮށްދެނީ ފަގީރު ކުދިންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ރާއްޖޭގައި އެފަދަ ކަމެއް ފެށުމުގެ ކުރިން ވެސް އެގޮތަށް ނާސްތާ ބޭނުންވާ ފެންވަރުގެ ކުދިން ތިބިތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ ނިސްބަތުން ކުދިންނަށް ރަނގަޅު ނާސްތާ ދީފައި ފޮނުވާ ގައުމެއް. ދެން ފުރަތަމަ ކަމަކަށް ދިރާސާއެއް ހަދަންވީ ކުދިން އަންނަނީ ނާސްތާ ނުކޮށްތޯ. އެހެން އަންނަ ނަމަ އެ އަންނަނީ އާއިލާގައި އެވަރުގެ ކެރި ފޯރުންތެރިކަން ނެތީމަތޯ. ނޫނީ އެހެން ކަމަކުން ނާސްތާ ނުނަގާ އަންނަނީތޯ. އެގޮތަށް ބަލާފައި ދެއްތޯ ކަމެއް ފަށަންވާނީ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުން ހޭދަކޮށްގެން ހިންގާ މިކަހަލަ ކޮންމެ ޕްރޮގްރާމަކާ އެކު ބަހުސް އުފެދޭ އެއް ކަމަކަށް، ހިލޭ އެހީ ލިބެނީ އެންމެ ހައްގު މީހުންނަށްތޯ އެވެ. ތަނަވަސް އާއިލާތަކުގެ ކުދިންނާއި ފަގީރު އާއިލާތަކަށް ނިސްބަތްވާ ކުދިންނާ މެދު އެއްވެސް ތަފާތެއް ނެތް ނަމަ ހެނދުނުގެ ނާސްތާ ޕްރޮގްރާމަށް ވެސް ދައުލަތުން ކުރާ ހޭދައިގެ ބޮޑު ބައެއް ބޭކާރުވުމުގެ ފުރުސަތު އެބަ އޮތެވެ.

ތަނަވަސް މީހުންގެ "ދަރިން ސުކޫލަށް ދާނީ ވަރަށް ރަނގަޅު ނާސްތާއެއް ނަގައިގެން. ސުވާލަކީ ނިކަމެތި ކުއްޖާއަށް ޓާގެޓް ކޮށްގެންހޭ އެކަން ކުރާނީ؟ ހުރިހާ ކުދިންނަށް ދޭ އުސޫލުން ނަމަ ބޮޑު ހަރަދެއް ބޭކާރު ވެގެން އެދަނީ،" ކުރިން ވާހަކަދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.

"މަހެއްގެ މައްޗަށް އެތައް ހާސް ރުފިޔާ ލިބޭ މީހެއްގެ ދަރިއަކަށް ދައުލަތުގެ ފައިސާ އިން ހެނދުނު ނާސްތާ ދޭން އަޅުގަނޑު އެއްބަހެއް ނޫން. އެކަމަކު އެކަން ބޭނުންވާ ފަގީރު ކުއްޖާއަށް އެ ދިނުމަށް ތާއީދު."

އެވަރަށް ދޮންކެޔޮ ލިބި، ސަޕްލައި ކުރެވޭނެތަ؟

އާއްމު ގޮތެއްގައި ރާއްޖޭގެ ބާޒާރުގައި ދޮންކެޔޮ ކިލޯއެއްގެ އަގު އުޅެނީ 40 ރުފިޔާ އަށެވެ. ވަކިން ނަމަ މިހާރު އަގު އުޅެނީ އެވްރެޖްކޮށް 4ރ. އަށް ވަކެކެވެ. އާންމު ސައިޒުގެ ކިރު ޕެކެޓެއްގެ އެވްރެޖް އަގަކީ ހަތް ރުފިޔާ އެވެ. އެހެންކަމުން މި މިންވަރުން އާދައިގެ ހިސާބެއް ހަދާލައިފި ނަމަ ކުއްޖަކަށް ދުވާލަކު އެ ޖެހެނީ 15ރ. އެވެ.

ދަނޑުވެރިކަމަށް މަޝްހޫރު އއ. ތޮއްޑޫގެ ދަނޑުވެރިއެއް ކަމަށްވާ އިސްމާއިލް ވިޝާލް ބުނީ އެވަރުގެ ޕްރޮޖެކްޓެއް ހިންގާހާ ވަރަށް ރާއްޖޭގައި އަދި ދޮންކެޔޮ ނުހެއްދޭ ކަމަށެވެ. އެހެންކަމުން ހެނދުނު ނާސްތާގައި ކޮންމެ ކުއްޖަކަށް ދޮންކެޔޮ ދޭ ނަމަ އެކަމަށް ރާއްޖެ އިން ބޭރުން ގިނަ އަދަދަކަށް ކެޔޮ ގެންނަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"ދެން ޖެހޭނީ ސަރުކާރުން އަންގަން ދަނޑުވެރިންނަށް ގަވައިދުން ކެޔޮ ކިލޯއެއް މިވެނި އަގެއްގައި ގަންނާނަމޭ. އެހެން ބުނީމަ އެކަން ކުރެވިދާނެ. އެކަމަކު ކެޔޮ ހެއްދުމަށް ވަގުތު ނަގާނެ،" ވިޝާލް ބުންޏެވެ.

ރާއްޖޭގެ ރަށްރަށް ފެތުރިފައި އޮތް ގޮތުން ގަވާއިދުން ދޮންކޭލާއި ކިރު ފޮނުވަން ހުރަސްތަކެއް ވެސް ކުރިމަތިވާނެ އެވެ. އެހެންކަމުން އާ ސަރުކާރުގެ ޕްރޮގްރާމް ފަށާ އިރު ފުރަތަމަ އޮންނާނީ އެ ގޮންޖެހުންތަކުން އަރައިގަތުމުގެ މަސައްކަތެވެ.

ސުކޫލުތަކުގައިތަ؟ ނުވަތަ ގޭގައިތަ؟

ރާއްޖޭގެ ސްކޫލެއްގެ ޕްރިންސިޕަލަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވި ގޮތުގައި ދަރިވަރުންނަށް ހެނދުނު ނާސްތާ ދިނުމުގެ ކަންކަން ސުކޫލުތަކުގައި ހިންގުމަކީ ވަރަށް ދަތިކަމެކެވެ. މާލޭގެ ކޮންމެ ސްކޫލެއްގެ ހެނދުނު ސެޝަންގައި އާއްމު ގޮތެއްގައި 500 އަށް ވުރެ ގިނަ ކުދިން ބައިވެރިވެ އެވެ. ބައެއް ސްކޫލްތަކުގައި އެ އަދަދު 800 އަށް ވެސް އަރަ އެވެ. އެ ހުރިހާ ކުދިންނަށް ސްކޫލް ތެރޭގައި ނާސްތާ ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ޖާގައެއް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެން އޮންނާނެ މައްސަލައަކީ އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވެ ކިޔެވުމުގެ ވަގުތުން ބައެއް ގެއްލުމެވެ.

ކިޔެވުން ރޭވިފައި އޮންނަ ގޮތުން "މިހާރު ވެސް މާއްދާއަކަށް ދުވާލަކު މި ލިބެނީ 35 މިނެޓް. ދެން ވިސްނަވާ ނާސްތާ ކުރުން ކަހަލަ ކަމެއް ސްކޫލުގައި ކޮށްފި ނަމަ އެންމެ މަދުވެގެން 45 ވަރަކަށް މިނެޓް ސެޝަންއަކުން ގެއްލޭނެ. އެހެންވެއްޖެ ނަމަ ކަރިކިއުލަމް ރީޗް ކުރަން ވަރަށް ދަތިވާނެ،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ވައުޗާއެއް ދިނުން!

އެމްޑީޕީން 2013 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުކުރި މެނިފެސްޓޯގައި ވެސް ސްކޫލު ކުދިންނަށް ނާސްތާއެއް ދޭން ހިމެނި އެވެ. އޭރު ބޮޑަށް އެކަން ކުރަން ވިސްނާފައި އޮތީ އަޖުމަ ބެލުމުގެ ޕްރޮގްރާމެއްގެ ގޮތުގަ އެވެ. އޭރު ރާވާފައި އޮތީ ބެލެނިވެރިންނަށް ވައުޗާއެއް ދީގެން އެކަން ކުރާ ގޮތަށެވެ. އެ ވައުޗާ ހިފައިގެން ވަކި ފިހާރަތަކަކަށް ދިއުމުން ކުދިންގެ ނާސްތާއަށް ބޭނުންވާ ދޮންކޭލާއި ކިރު ހިލޭ ލިބޭނެ އެވެ.

ކޯލިޝަން ސަރުކާރުން އެކަން ކުރަން ރާވާފައި އޮތް ގޮތެއް އަދި ނޭނގެ އެވެ. އާ ސަރުކާރުގެ މަސައްކަތް ރަސްމީކޮށް ފަށާނީ މިއަދެވެ. އެހެންކަމުން އަންނަ އަހަރުގެ އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތާ މެދު ކެބިނެޓާއި ތައުލީމީ ދާއިރާގައި މަޝްވަރާތައް ފަށަން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވެ އެވެ.