Roadha Mihaaru
މަރުތަކުގެ އެންމެ ފުނަށް ދެވޭނެކަން ޔަގީން: ސުއޫދު

މަރުގެ މައްސަލަތަކުގެ އެންމެ ފުނަށް ދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް: ސުއޫދު

19 ނޮވެމްބަރ 2018

ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ކުރިއަށް ގެންދާނީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެމުން ކަމަށް މަރުތައް ތަހުގީގު ކުރާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ކުރިއަށް ގެންދާނީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެމުން ކަމަށް މަރުތައް ތަހުގީގު ކުރާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ސުއޫދު ވިދާޅުވީ، ގެއްލިފައިވާ އަދި މަރުވެފައިވާ މީހުންގެ މައްސަލަތަކަކީ އާންމުންނާ ވަރަށް ގުޅުން ހުރި މައްސަލަތަކެއް ކަމަށެވެ. އެހެންކަމުން އާންމުންނަށް މައުލޫމާތު ސިއްރުކޮށްގެން ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ހާމަކަން ބޮޑު ގޮތަކަށް އިންވެސްޓިގޭޝަން ދާ މިންވަރާއި މައުލޫމާތު ރައްޔިތުންނަށް އަޅުގަނޑުމެން ހާމަ ކުރާނަން. މިއީ ރައްޔިތުންނަށް ކޮށްދޭ ކަމެއް. އަދި އަނިޔާ ލިބިފައިވާ އާއިލާތަކަށް ތަސައްލީއެއްގެ ގޮތުން ކޮށްދޭ ކަމެއް. އާންމުންނާ ގުޅޭ މިފަދަ ބޮޑު ކަމެއްވީމަ އަޅުގަނޑުމެން އާންމުންނަށް ގަވާއިދުން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށްދާ ގޮތާއި ލިބޭ މައުލޫމާތު ހާމަ ކުރަމުން ދާނީ،" އޭނާ ވިދާޅުވި އެވެ.

މައްސަލަތައް ތަހުގީގު ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ބައެއް މައްސަލަތަކަށް ގިނަ ދުވަސްވެފައިވުންކަން ސުއޫދު ފާހަގަ ކުރެއްވި އެވެ.

"މަސައްކަތް ފެށީމަ އަސްލު ހުރި ގޮންޖެހުންތައް އެނގޭނީ. އެކަމަކު އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބައެއް މައްސަލަތަކަށް ވަރަށް ދުވަސްވެފައި އޮތުން. ދުވަސްވެފައި ހުރި މައްސަލަތައް ވަރަށް ޗެލެންޖިންވާނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

ގެއްލިފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދާނީ ބޭރުގެ ޖަމިއްޔާތަކާއި ފަންނީ ތަޖުރިބާކާރުންގެ އެހީއާއެކު ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި އެ މައްސަލަތަކުގެ އެންމެ ފުނަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަމިއްލަ އަމިއްލަ އަށް ނުކުރެވޭނެ މިކަމެއް. ޓެކްނިކަލް ނޮލެޖް ބޭނުންވޭ މިކަމަށް. މަރުތަކުގެ ހަގީގަތް ހޯދޭނެކަން އަޅުގަނޑަށް ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް. އަޅުގަނޑުމެން ބޭރުގެ އެކި ފަންނުތަކުގެ ތަޖުރިބާކާރުންގެ އަދި އޯގަނައިޒޭޝަންތަކުގެ އެހީ އެހީތެރިކަން ހޯދާނަން. އަޅުގަނޑަށް ވަރަށް އިތުބާރު އެބަ އޮތް މައްސަލައިގެ އެންމެ ފުނަށް ދެވޭނެ ކަމުގެ،" ސުއޫދު ވިދާޅުވި އެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަން އެކުލަވާލެއްވުމަށް ފަހު ސުއޫދުގެ އިތުރުން މެންބަރުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ ވަކީލު ފަރީޝާ އަބްދުﷲ އާއި ނޫސްވެރިޔާ މިސްބާހު އައްބާސް އާއި އަބްދުﷲ މުނާޒްގެ އިތުރުން އާދަމް އިބްރާހިމެވެ.

gazette-47-177.pdf

gazette-47-177.pdf

Shared with Dropbox

Dropbox

ކޮމިޝަން އުފެއްދި ގަރާރު:

ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި މަރާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން ހަގީގަތް ނޭންގޭ މަރުތަކަކީ ޑރ. އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ ޔާމީން ރަޝީދުގެ މަރެވެ. އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ.