Roadha Mihaaru
ކޮރަޕްޝަންގެ މޫތައް އާ ކޮމިޝަނަށް ލުހެލެވޭނެ؟

ކޮރަޕްޝަންގެ މޫތައް އާ ކޮމިޝަނަށް ލުހެލެވޭނެ؟

20 ނޮވެމްބަރ 2018

އެއީ، ކޮރަޕްޝަނާއި ޚިޔާނާތުގެ ތުހުމަތު އެޅިފައިވާ ސިޔާސީ ބާރުވެރިންނެވެ. ގާނޫނީ އިމުގެ ތެރެއިން އެ މީހުންގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯވެ އެވެ. އޭގެތެރޭގައި، ނިމިގެން ދިޔަ ސަރުކާރުތަކުގެ އެންމެ މަތީ ފަންތިން ފެށިގެން، ރައްޔިތުންގެ މަޖިލީހާއި މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އުޅުއްވި ބޭފުޅުން ހިމެނެ އެވެ. ވެރިކަން ބަދަލުވުމުން، މިސްރާބު އަނެއްކާވެސް އެހެން ދިމާއަކަށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެއީ، ކޮރަޕްޝަނާއި ޚިޔާނާތުގެ ތުހުމަތު އެޅިފައިވާ ސިޔާސީ ބާރުވެރިންނެވެ. ގާނޫނީ އިމުގެ ތެރެއިން އެ މީހުންގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯވެ އެވެ. އޭގެތެރޭގައި، ނިމިގެން ދިޔަ ސަރުކާރުތަކުގެ އެންމެ މަތީ ފަންތިން ފެށިގެން، ރައްޔިތުންގެ މަޖިލީހާއި މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އުޅުއްވި ބޭފުޅުން ހިމެނެ އެވެ. ވެރިކަން ބަދަލުވުމުން، މިސްރާބު އަނެއްކާވެސް އެހެން ދިމާއަކަށެވެ.

މިފަހަރު، ނިވާފަތްގަނޑަކަށް މި ހަދަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރެވެ!

ތުހުމަތުކުރެވޭ ބޮޑެތި ޖަރީމާތަކުން "ހިމާޔަތް ހޯދަން" ބައެއް ބޭފުޅުން ކޯލިޝަން ޕާޓީތަކާ ގުޅިވަޑައިގެންފި އެވެ. ދެން ތިއްބެވި ބައެއް ބޭފުޅުން، އިޚްލާސްތެރިންގެ ޓެގު އަޅުވައިގެން ޖާގައެއް ލިބޭތޯ ފޯރީގައި، މަޝްވަރާ ކުރެއްވުމުގަ އެވެ. ރައްޔިތުންގެ ތާއީދު ނެތަސް، މަޖިލީސް އިންތިޚާބުގެ ކުރިން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން އެ ބޭފުޅުން ޖާގަ ކަށަވަރު ކުރައްވާނެ އެވެ.

ޕާޓީތަކުގެ އިސްލާހީ މަސައްކަތުގެ ތެރެއަށް މާ ކުރިން ވަދެ، އެއް ބަޔަކު "ހުދު ކާފޫރަށް" ވެއްޖެ އެވެ.

ސިޔާސީ ޕާޓީއަކާ ގުޅުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ، ހިންގި ޖަރީމާތަކުން ރެކެވޭނެ މަގެއް ކަމަށް ދެކޭތީ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުތައް ކުރެވުނަސް ގާނޫނީ ގޮތުން އަތްނުލެވި ބައެއް ބޭފުޅުން އެބަތިއްބެވި. - ފޮޓޯ:  މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުތައް ކުރެވުނަސް ގާނޫނީ ގޮތުން އަތްނުލެވި ބައެއް ބޭފުޅުން އެބަތިއްބެވި. - ފޮޓޯ: މަޖިލިސް

މި ހަގީގަތް، މިހެން ހިނގަނިކޮށް، ކޮރަޕްޝަނާއި ޚިޔާނާތްތައް ބަލަައި އަދި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ކޮމިޝަނެއް އެކުލަވާލައިފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނޫނެކޭ ބުނެ، ކޯލިޝަން ސަރުކާރަކަށް ރައްޔިތުން ވޯޓު ދިނީ ކޮރަޕްޝަނާ ދެކޮޅަށް ކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަބޫލުފުޅު ކުރައްވާތީ އެވެ.

މިއީ، ދައުލަތުގެ ތެރޭގައި މޫ ފެތުރިފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ހައްލު ހޯދަން އުފެއްދި ތިން ވަނަ ކޮމިޝަނެވެ. ކޮންމެ ސަރުކާރަކުން ވެސް މި ކުރަނީ އެއް ކަމެކެވެ.

މި ކޮމިޝަނުން ވެސް ބަލާނީ ވަކި ބައެއްގެ މައްސަލަތައް ހެއްޔެވެ؟ ދުވާނީ ވަކި ބައެއްގެ ފަހަތުން ހެއްޔެވެ؟ ނުވަތަ، ސަރުކާރުން "ހިމާޔަތް" ހޯދި މީހުން ވެސް ހިމެނޭ ގޮތަށް އިސްތިސްނާއެއް ނެތި މައްސަލަތައް ކުރިއަށް ގެންދާނެ ހެއްޔެވެ؟ ވަޒީރުންގެ މަޖިލީހުން ފެށިގެން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ މަސްލަހަތު ފުށުއަރާ ކަންކަން ހިނގާ ނަމަ ބެލުމުގެ ހިތްވަރު އެބަހުރި ހެއްޔެވެ؟

މި ސުވާލުތައް އުފެދެނީ، ޚިޔާނާތް ހުއްޓުވަން ކުރިން އެކުލަވާލި ދެ ކޮމިޝަނަށް ނަތީޖާ ނުނެރެވި "ސިޔާސީ ކުޅިގަނޑަކަށް" ބަދަލުވުމުންނެވެ.

"ސުމަކުން ފަށަން ޖެހޭ"!

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުން ދައުލަތަށް މަދުވެގެން 1.2 ބިލިއަން ރުފިޔާ ގެއްލުނު ކަން އެ އޮތީ ރަސްމީ ލިޔެކިޔުންތަކުން ފެންނާށެވެ. އެކަމުގައި ހިމެނީ ދައުލަތުގެ ކޮން ފަންތިއެއްގެ، ކޮން ބޭބޭފުޅުން ކަން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް ހިމެނޭ ގޮތަށް ސަރުކާރުގެ މުއައްސަސާތަކަށް ސާފެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.

ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ، ތަހުގީގުގައި ސުވާލުކޮށް އޭސީސީން އެކުލަވާލި ރިޕޯޓުގައި، ދައުލަތަށް ގެއްލުނު ފައިސާ ބައި އެޅުނު ގޮތާއި، ވަދެގެން ދިޔަ އެކައުންޓްތަކާއި އެއީ ކޮން ބޭފުޅުންނެއް ކަން ވެސް އެ އޮތީ ފެންނާށެވެ.

އެކަމަކު އެ ތުހުމަތުތައް ކުރެވޭ ބޭފުޅުންގެ ނަންތައް އޭސީސީން އާއްމުނުކުރީ، ތަހުގީގު ފުރިހަމަ ނުވާ ކަމުގެ ބަހަނާއާ އެކުގަ އެވެ.

އެމްއެމްޕީއާރުސީގެ "ފައިސާ ގޯނި" ހިފައިގެން މެމްބަރުން ގާތަށް ވަޑައިގެންނެވި އެ ބެއްސެވި ކަމަށް ވެސް އެއް މެމްބަރަކު ވިދާޅުވެފައިވެ އެވެ. އެކަމަކު ވެސް ގަތް ބިރެއްގެ ބޮޑުކަމުން، ފިޔަވަޅު ނާޅައި ދައުރު ނިމެންދެން މުއައްސަސާތަކުން ތިބީ ރަޖާލައިގެން ފިލަ އެވެ.

ބޮޑު އެއް މައްސަލައިގެ ގޮތުގައި އެމްއެމްޕީއާރުސީ ޚިޔާނާތަކީ ސުމަކުން ފަށައި އިންސާފުވެރިކޮށް ބަލަން ޖެހޭ މައްސަލައެކެވެ. ކުންފުނިތައް "ދޮވެލި" ގޮތާއި، ދައުލަތުގެ ފައިސާ ނާޖާއިޒު ގޮތެއްގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ހުރިހާ މައްސަލައެއް ވެސް ބަލަން ޖެހެ އެވެ.

މިފަހަރު ވެސް "ސިޔާސީ ހަތިޔާރަކަށް"؟!

ކޮރަޕްޝަން ނައްތާލާނެ ކަން ދައްކަން ކޮންމެ ސަރުކާރަކުން ވެސް ބޮޑު ކޮމިޝަނެއް އެކުލަވާލަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރިޔާސީ ކޮމިޝަނެވެ. އޭގެ ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނެވެ.

ދެ ކޮމިޝަންގެ ވެސް ތަޖުރިބާއަކީ މި އެވެ؛ ގާނޫނީ ބޮޑެތި ބާރުތަކެއް ދީ އުފައްދާ ކޮމިޝަނުން ދުވެނަގަނީ ވަކި ބައެއްގެ ފަހަތުންނެވެ. ސަރުކާރަށް ސިޔާސީ ފައިދާ ނެގޭނެ މައްސަލަތަކުގެ ފައިލްތައް ހުޅުވައި ބިރު ދައްކަނީ ވަކި ބަޔަކަށެވެ. ސަރުކާރުގައި ތިބި އިސް ވެރިންނަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވި އެކަށީގެންވާ ހެކި ލިބިފައި ހުއްޓަސް މައްސަލައެއް ނުބަލަ އެވެ.

އަމިއްލަ އަށް އިސްނަގައިގެން ބަލާ މައްސަލަތަކުގެ ތެރޭގައި ވެސް އެ ހިނގާ ސަރުކާރަކުން ހިންގާ ކޮރަޕްޝަނެއް ބެލޭނެ ހަމައެއްގޮތެއް ވެސް ނޯވެ އެވެ. ޝަކުވާއެއްގެ ގޮތުގައި ނަމަވެސް ކޮމިޝަނަށް ހުށަހަޅާ ކަމަކަށް ވެސް ނުވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު މަގާމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން އެމަނިކުފާނު ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް

މިދިޔަ ހޮނިހިރު ދުވަހު މަގާމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުން އެމަނިކުފާނު ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް

ކޮރަޕްޝަނާއި ޚިޔާނާތް ބަލަން އާ ސަރުކާރުން، އެކުލަވާލި ކޮމިޝަނަށް ދިން ނަމަކީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އެވެ.

އެ ކޮމިޝަނާ ހަވާލުކުރީ، ޖެނުއަރީ 1، 2012 އިން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ބެލުމެވެ. އެފަދަ މައްސަލަތައް ބެލުމުގައި ތަހުގީގީ އިދާރާއަކަށް ލިބިދޭ ބާރުތައް ކޮމިޝަނަށް އޮންނާނެ ކަަމަށް ވެސް ރައީސްގެ ގަރާރުގައި ވިދާޅުވެފައިވެ އެވެ.

މިއީ، ކިހިނެއް ކަނޑައަޅާފައި އޮތް މުއްދަތެއް ހެއްޔެވެ؟ ތާރީޚަށް ބަލާއިރު، ތަހުގީގު ކުރަން މި އުޅެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ފަހުން، ހިންގާފައި ހުރި ކަންކަމެވެ. އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ކޮރަޕްޝަނެއް ނުހިންގަނީ ހެއްޔެވެ؟

މި ސުވާލަށް ޖަވާބު ލިބޭނީ، ކޮމިޝަނުގެ މައިގަނޑު އަމާޒާއި ވިސްނުންތައް ހާމަކުރުމުންނެވެ.

ކޮރަޕްޝަން ނައްތާލައްވާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެން، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނައިގެން ކޮމިޝަނެއް އުފެއްދެވުމަކީ ރަނގަޅު ފެށުމެކެވެ. އޭގެ ފަހުން، މި ސަރުކާރުގެ އެންމެ ފުރަތަމަ ކެބިނެޓު ބައްދަލުވުމުގައި ވެސް އެއްވެސް ވަޒީރަކު ކޮރަޕްޝަނާ ގާތް ނުވާން ރައީސް ނަސޭހަތް ދެއްވުމަކީ ވެސް ކޮރަޕްޝަނަށް ދެއްވާނީ "ޒީރޯ ޓޮލަރެންސް" ކަމަށް ވެވަޑައިގެންނެވި ވައުދަށް ބާރު ލިބޭ ކަމެކެވެ.

ނަމަވެސް މި ކޮމިޝަނުން ވަކިވަކި މައްސަލަތަކެއް ނަގައިގެން ކޮރަޕްޝަން ހުއްޓުވަން އުޅެފި ނަމަ، ލިބޭނެ ހައްލެއް އޮތް ކަމަށް ނުފެނެ އެވެ. އާއްމުންގެ މަސްލަހަތާ ގުޅިފައިވާ ބައެއް މައްސަލަތައް ބެލި ނަމަވެސް އިސްކަން ދޭން ޖެހޭނީ އެ ކޮރަޕްޝަނެއްގެ ސަބަބުން ދައުލަތަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ މައްސަލަތަކަށެވެ.

ގައުމީ މައްސަލައެއް، ގޮންޖެހުން ބޮޑު!

މިހާތަނަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮރަޕްޝަން ނައްތާލުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކުން އިޚްލާސްތެރިކަމާ އެކު ޒިންމާ އަދާކުރާނެ ކަމުގެ ޔަގީން ކަމެއް ނެތުމެވެ.

ކޮރަޕްޝަން ހުއްޓުވުން ކޮންމެ ފަހަރަކު ވެސް ހަދަނީ ސިޔާސީ ބޭފުޅުން ކެމްޕޭންގައި ބޭނުންކުރާ ހަތިޔާރަކަށެވެ. އެކަމަކު އޭގެ ބަދަލުގައި، މިފަހަރު ދައްކަންވީ، މައްސަލަ ހައްލުކުރާ ތަނެވެ. ކޮރަޕްޝަންގެ ހާލިތަކަށް، ފަސްއަޅައި ފޮރުވުމުގެ ބަދަލުގައި ހާމަކޮށް، ހުއްޓުވަންވީ އެވެ.

"މިހާރު"އާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ކޮރަޕްޝަން ހުއްޓުވުމުގެ އިޚްލާސްތެރި ވިސްނުމެއް ގެންގުޅޭ ނަމަ، އެކަމާ ގުޅުން ހުރި މުއައްސަސާތައް ބާރުވެރި ކުރުވަން ޖެހެ އެވެ. މިހާތަނަށް، ކުރިމަތިވި އެއް ގޮންޖެހުމަކީ މުއައްސަސާތައް ބާރުވެރި ކުރުވައި، މަސައްކަތްތަކަށް ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތް ހިންގިކަން ފަޅާއެރުމާއެކު ފުލުހުންނާއި ސިފައިން އެ އޮފީހުގެ ދޮރުމަތީގައި ފޯރިމަރަނީ:

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތް ހިންގިކަން ފަޅާއެރުމާއެކު ފުލުހުންނާއި ސިފައިން އެ އޮފީހުގެ ދޮރުމަތީގައި ފޯރިމަރަނީ:

ކުރީގެ ސަރުކާރުގައި އާންމުންނަށް އޭސީސީ ފެނުނީ "ސިޔާސީ ކޮމިޝަނެއް"ގެ ގޮތުގަ އެވެ. ސަރުކާރުގެ އިސް އެތައް ވެރިންނެއްގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރެވޭ އެތައް މައްސަލައެއް އަޅާނުލާ ދޫކޮށްލި އެވެ. އެކަމަކު އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވަނީ އެ ކޮމިޝަނަށް ދިމާވި ބައެއް ހުރަސްތައް ފާހަގަކުރައްވައިފަ އެވެ.

"ކޯޑިނޭޝަނެއް ނެތް، އެއް މުއައްސަސާ އަނެއް މުއައްސަސާގައި. މިސާލަކަށް އޭސީސީން ބުނެފާނެ ޕީޖީ އަށް ފޮނުވީމަ ފިޔަވަޅު ނާޅައޭ. ޕީޖީން ބުނެފާނެ، އޭސީސީން ތަހުގީގުކޮށް ނުފޮނުވައޭ. ނުވަތަ ކޯޓަށް ނުފޮނުވައޭ. އެއް ބަޔަކު އަނެއް ބަޔަކަށް އުޒުރު މި ދައްކަނީ،" މުއައްވިޒް ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި، އެންމެން އެއް ތަނެއްގައި ތިބެގެން ގައުމީ ހައްލެއްގެ ގޮތުގައި މިކަން ނަގަންވީ."

ރާއްޖޭގައި ވަރަށް ގިނަ ކަންކަމަށް އެކްޝަން ޕްލޭން އެކުލަވާލާފައިވެ އެވެ. އެކަމަކު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން އެއްވެސް ސަރުކާރަކުން ގައުމީ ފެންވަރުގެ އެކްޝަން ޕްލޭނެއް މިހާތަނަށް އެކުލަވާލާފައި ނުވާ ކަން މުއައްވިޒް ފާހަގަކުރެއްވި އެވެ.

"ކިތައް މުއައްސަސާ އިންތޯ އޭސީސީން އެންގީމަ އަމަލުކުރީ؟ ކިތައް މީހުންތޯ އޭސީސީން އެންގީމަ ބޮލާލައި ޖަހައި އެކަމެއް ކުރިއަށް ގެންދިޔައީ. ފަހުން ތަހުގީގު ކުރީމަ ފިޔަވަޅު ނޭޅި ދަނީ،" މުއައްވިޒް ވިދާޅުވި އެވެ.

މި ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގައި ހިމަނާފައިވާ، ނުހައްގު މުއްސަނދިކަން ހުއްޓުވުން ފަދަ ގާނޫނުތައް ލަސްވެގެން ދިއުމަކީ ވެސް ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު ނޭޅި ދިޔަ ސަބަބެކެވެ.

"މިސާލަކަށް، އެމްއެމްޕީއާރުސީ މައްސަލައާ އެކު އައި ގިނަ އަދަދެއްގެ މަނީ ލޯންޑެރިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރެއް އޭސީސީއަކަށް ނުލިބޭ. އެ ބާރު މިއޮންނަނީ ޕޮލިހަށް. އެމްއެމްޕީއާރުސީ މައްސަލައިގެ ތެރޭގައި އޭސީސީން މި ގެންދިޔައީ، ދައުލަތުގެ މުވައްޒަފުންގެ ތެރޭގައި އެކަމާ އިންވޯލްވި މީހުންގެ މައްސަލަ އެކަނި،" މުއައްވިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން އައި މަނީލޯންޑެރިންގެ މައްސަލަތައް ޕޮލިހާއި އޭސީސީ ގުޅިގެން ކުރެވެން ޖެހޭނެ އެވެ.

"މުޅި މައްސަލަ އަށް ހައްލެއް ނުލިބި އޮތް ކަމަށް އޭސީސީން ގަބޫލުކުރަނީ އޭގައި ހިމެނޭ މަނީ ލޯންޑެރިންގެ ބައިތައް ތަހުގީގު ނުކުރެވުމާއި އެސްޓް ރިކަވަރީ އަށް މަސައްކަތްތައް ކުރެވިފައި ނުވާތީ،" މުއައްވިޒް ވިދާޅުވި އެވެ.

އެކަމަކު ކޮރަޕްޝަން ނުހުއްޓުވިގެން މިއުޅެނީ ކޮމިޝަނެއް ނެތިގެން ނޫނެވެ. ގާނޫނީ ނިޒާމެއް ވެސް ނެތިގެން ނޫނެވެ.

އިޚްލާސްތެރިކަމާ އެކު މައްސަލަ ހައްލުކުރަން ބޭނުން ނަމަ، މުއއްސަސާތަކަށް ގާނޫނީ ބާރު ވެސް ދޭން ޖެހެ އެވެ. އެއާ އެކު، ވަކި މީހަކަށް ބެލުމެއް ނެތި ޚިޔާނާތުގައި ބައިވެރިވާ އެންމެންނާ މެދު ފިޔަވަޅު އަޅަން ޖެހެ އެވެ. އެއީ، ކެބިނެޓުގެ ވަޒީރަކަށް ވުމުން ނުވަތަ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ މެމްބަރަކަށް ވުމުން އިސްތިސްނާކުރުމެއް ނެތި އެވެ.