Roadha Mihaaru
ރިޔާސީ ކޮމިޝަންގެ ރިޕޯޓު ރައީސަށް އަރުވައިފި

އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓު ލިބިއްޖެ، ކުރަންޖެހޭ ކަންކަން ފަށައިފިން: ރައީސް

23 ޖުލައި 2020

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓު މިއަދު އެ މަނިކުފާނަށް އަރުވާފައިވާ ކަމަށާއި އެއާ އެކު، ކުރަންޖެހޭ ކަންކަން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓު މިއަދު އެ މަނިކުފާނަށް އަރުވާފައިވާ ކަމަށާއި އެއާ އެކު، ކުރަންޖެހޭ ކަންކަން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ އެސެޓް ރިކަވަރީ ކޮމިޝަންގެ ކޮން ރިޕޯޓެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ހިޔާނާތުގެ މައްސަލަތައް ބެލުމަށް ފަހު، ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއިރު، އެ ކޮމިޝަންގެ މީޑިއާ ބްރީފިންއެއް މިއަދު ހަވީރު 4:00 ގައި ރައީސް އޮފީހުގައި އޮންނާނެ އެވެ. އޭގައި، ރައީސަށް ފޮނުއްވި ރިޕޯޓާ ގުޅޭ ތަފްސީލުތައް ހާމަކުރާނެ ކަމަށް ބެލެވެ އެވެ.

ކުރީގެ ސަރުކާރުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ނިންމައި އެ މަނިކުފާނަށް ފޮނުވާފައިވާ ކަމަށް މާޗު 5، 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އޭރު ފޮނުވީ ޑްރާފްޓް ރިޕޯޓެކެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައުލޫމާތު ފުރަތަމަ ފަހަރަށް އާއްމު ކުރައްވަމުން ސެޕްޓެމްބަރު 19، 2019 ގައި ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން (އޭސީސީ) އާއި އޮޑިޓް ރިޕޯޓްތަކުގައިވާ ގޮތުން އެމްއެމްޕީއާރުސީ ޚިޔާނާތުން ދައުލަތަށް ގެއްލުންވީ 1.4 ބިލިއަން ރުފިޔާ އެވެ.

އެ ރަށްތައް ލިބުނު ފަރާތްތަކުން ދެއްކި ކަމަށް ބުނާ 91 މިލިއަން ޑޮލަރު އުނިކުރުމުން ވެސް 128 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ. ރަށްތަކުގެ ހަމަ އަގަށް ވާނީ އެ ފައިސާ ދައުލަތަށް ލިބުމުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ

އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓް ފައިނަލްވުމާ އެކު ރަށްތަކުގެ ހަމަ އަގު ހޯދަން ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ފައިނަލް ޑްރާފްޓް ނިމުމާ އެކު، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާނެ ކުރިން ވިދާޅުވި އެވެ.

މައްސަލަތައް ތަހުގީގު ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނަތް ފިޔަވައި ރިޔާސީ ކޮމިޝަނުން ތަހުގީގުކުރާ އެހެން މައްސަލަތަކުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.