Roadha Mihaaru
ޒީރޯ ޓޮލަރެންސާއެކު ކޮރަޕްޝަން ރިޕޯޓްކުރުން އިތުރުވެއްޖެ

ޒީރޯ ޓޮލަރެންސް ކެމްޕޭނާ އެކު ކޮރަޕްޝަން ރިޕޯޓް ކުރުން އިތުރުވެއްޖެ: ރައީސް

09 ޑިސެމްބަރ 2020

ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި މޫލާފައި އޮތް ކޮރަޕްޝަނަށް މި ސަރުކާރުގެ "ޒީރޯ ޓޮލަރެންސް" ސިޔާސަތު އާއްމުކޮށް ފެށި ކެމްޕޭނާ އެކު މައްސަލަތައް ރިޕޯޓްކުރުން ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށާއި އެ މައްސަލަތަކުގައި ވަކި މަގާމަކަށް ބެލުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި މޫލާފައި އޮތް ކޮރަޕްޝަނަށް މި ސަރުކާރުގެ "ޒީރޯ ޓޮލަރެންސް" ސިޔާސަތު އާއްމުކޮށް ފެށި ކެމްޕޭނާ އެކު މައްސަލަތައް ރިޕޯޓްކުރުން ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށާއި އެ މައްސަލަތަކުގައި ވަކި މަގާމަކަށް ބެލުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޭރެންސީ އެންޑް އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި ރައީސް ވިދާޅުވީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކެމްޕޭން ފެށި ފަހުން ސަރުކާރުގެ ކޮރަޕްޝަން އަމަލުތައް ގިނަވެއްޖެ ކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. އެކަމަކު ފަހުން އައި ބަދަލަކީ މައްސަލަތައް ބަލައި ފިޔަވަޅު އަޅައިދޭން އެދުން އިތުރުވުން ކަމަށް ވިދާޅުވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ފެށި މަސައްކަތުގައި މައްސަލަތައް ރިޕޯޓްކުރަން ރައީސް އޮފީހުން ޕޯޓަލްއެއް ހެދީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މައްސަލަ ރިޕޯޓްކުރުން އިތުރުވީ ކޮރަޕްޝަން ހުއްޓުވަން މި ސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ގަބޫލުކުރެވި ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާ އެކު ހުށަހެޅޭނެ މަގު ފަހިވެފައި އޮތީމަ އެވެ. އެގޮތަށް ހުށަހަޅާ ޝަކުވާތަކާ މެދު ތަހުގީގީ އިދާރާތަކުގެ ލަފައަށް ބިނާކޮށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް އެބަ އަޅަން. އަދި ޕޯޓަލްއިން ފާހަގަވާ ކަންކަމާ މެދު މުއައްސަސާތަކާ މަޝްވަރާކޮށް ޕޮލިސީ ލެވެލް އާއި ހިންގުމުގެ ލެވެލްގައި ގެންނަންޖެހޭ އިސްލާހުތައް ވެސް އެބަ ގެންނަން،" ރައީސް ވިދާޅުވި އެވެ.

ޕޯޓަލްއަށް މިހާތަނަށް 1081 މައްސަލަ ހުށަހަޅާފައިވެ އެވެ.

އޭސީސީ އާއި ޓްރާންސްޕޭރަންސީ ގުޅިގެން ބޭއްވި ކޮންފަރެންސްގައި އެމަނިކުފާނު ވިދާޅުވީ އޭގެތެރެއިން ތަހުގީގުކުރަން ޖެހޭ ކަމަށް ފެންނަ 209 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ އިރު 51 މައްސަލައެއް ތަހުގީގުކުރަން އެ ކޮމިޝަނުން ބަލައިގެންފައި ކަމަށެވެ. ޖިނާއީ ތުހުމަތު އެކުލެވޭ މައްސަލަތައް ފުލުހުންނަށް ފޮނުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި ވެސް ކޮރަޕްޝަނަކީ ވަރަށް ދުވަސްވީ ބޮޑު މައްސަލައެއް. ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި އޮތް، އަދި ހައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ބޮޑު ކަމެއް. ހަގީގަތަކީ މިއީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޕޯޓަލްއަށް މިހާތަނަށް ލިބުނު މައްސަލަތަކުން ވެސް ދައުލަތުގެ ތެރޭގައި ކޮރަޕްޝަންގެ ނުރައްކާތެރި ބަލި ފެތުރިފައި އޮތް މިންވަރު ވަޒަންކުރެވެ އެވެ. އޭގެ ތެރޭގައި މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކާއި ކައުންސިލްތަކާއި މިނިވަން މުއައްސަސާތަކާއި ފުލުހުންނާއި ރައްޔިތުންގެ މަޖިލީހާއި ގާނޫނީ އަދި ޝަރުއީ އިދާރާތަކަށް ނިސްބަތްކޮށް ހުށަހެޅި މައްސަލަތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި ވެސް ކޮރަޕްޝަނަކީ ވަރަށް ދުވަސްވީ ބޮޑު މައްސަލައެއް. ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި އޮތް، އަދި ހައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ބޮޑު ކަމެއް. ހަގީގަތަކީ މިއީ،" ރައީސް ވިދާޅުވި އެވެ.

"ބަދަލުކުރަންވީ ހަމަޔާއި އުސޫލުން ބޭރުވުމުގެ އާދަ"

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދައުލަތުގެ ތެރޭގައި ގިނަ ކަންކަން އެބަހުއްޓެވެ. އެއް ކަމަކީ ޕްރޮކިއުމަންޓުގެ ކަންތައް މިހާތަނަށް އޮތް ގޮތް ކަމަށް ވިދާޅުވި އެވެ. ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ބީލަމުގެ ކަންކަން ރޭވިފައި ހުރި ގޮތާއި އިދާރާތަކުން ހިދުމަތް ދިނުމުގައި އަމަލުކުރާ އުސޫލުގެ އިތުރުން ވަޒީފާ ދިނުމުގައި އަމަލުކުރަމުން އައި ގޮތް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޚިދުމަތެއް ނުވަތަ ވަޒީފާއެއް ބޭނުންވިޔަސް އޮންނަ ވިސްނުމަކީ އެތަނެއްގައި ހުރި ތިމާގެ ރައްޓެއްސަކު މެދުވެރިކޮށްގެން އެކަމަކަށް މަގު ފަހިކުރުމެވެ. ހަމަޔާއި އުސޫލުން ބޭރުން ކަންތައް ކުރުން ފެށެނީ އެ ހިސާބުން ކަމަށާއި އެއީ ބަދަލު ކުރަން ޖެހިފައި އޮތް އާދައެއް ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، އެ ވާހަކަ ދައްކާ މީހާ ވެސް ކޮރަޕްޝަނާ ދުރުވުން. --ރައީސް

ރާއްޖޭގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ނުބަލައި ދޫކޮށްލާފައިވާ ކަން ފާހަގަކުރައްވައި މިސާލެއްގެ ގޮތުން ނެންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ޚިޔާނާތެވެ. އެ މައްސަލަ ފެންމަތިވީ ރިޔާސީ ލޯންޗްކޮޅު ގޮއްވާލައި ވެރިކަން ގެއްލިދާނެ ކަމުގެ ބިރު ހީވި ހިސާބުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މައްސަލަ އޭރުގެ ސަރުކާރުން ހާމަކުރީ ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައެއް ނޫނެވެ. އެއީ ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން ޖެހި މަޅިއެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު މި ސަރުކާރުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަކުރައްވައި ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނައްތާލަން ކުރެއްވި ބައެއް މަސައްކަތްތަކުގެ ތަފްސީލްތައް ވެސް ދެއްވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް ގެނައި އިސްލާހުތައް

- ސިޔާސީ މަގާމްތަކާއި ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން، ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މާލީ ބަޔާންތައް ހުށަހެޅުމާއި އާއްމުކުރުން.

- ކޮރަޕްޝަން ހުއްޓުވަން ގާނޫނުލްއުގޫބާތަށް ދެ ކުށެއް އިތުރުކުރަން ދެ އިސްލާހެއް ހުށަހެޅުން. އެއީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުން ކުށެއްގެ ގޮތުގައި ކަނޑައެޅުމާއި ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމަކީ ކުށަކަށް ހެދުން.

- ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް މާލިއްޔަތު ގާނޫނަށާއި ގަވާއިދާއި ޕްރޮކިއުމެންޓް ގައިޑްލައިންތަކަށް ބަދަލު ގެނައުން.

- ޕޮރޮކިއުމެންޓް ކަންކަން ބެލެހެއްޓުމަށް ބޯޑެއް އުފައްދައި ބިޑްކުރުމަކާ ނުލައި މަސައްކަތް ހަވާލުކުރެވޭ ގޮތަށް، މާލިއްޔަތު ގަވާއިދުގައި އޮތް މާއްދާ އިސްލާހުކުރުން.

- ދައުލަތުގެ އޮފީސްތަކުން ކުރުވާ މަސައްކަތްތަކުގެ އެގްރީމަންޓް ހެދުމުގެ ކުރިން، ބީލަމާ ގުޅިގެން މައްސަލަ ހުށަހަޅަން ވަކި މުއްދަތެއް ދިނުމަށް ލާޒިމްކޮށް، އެފަދަ މައްސަލަތައް ބެލުމަށް ފަހު ނޫނީ ކޮންޓްރެކްޓްތަކުގައި ސޮއި ނުކުރެވޭނެ ގޮތަށް ގަވާއިދު އިސްލާހުކުރުން. އެފަދަ މައްސަލަތައް ބެލުމަށް މިނިވަން ކޮމިޓީއެއް ވަނީ އުފައްދާފައި.

- ނޭޝަނަލް ޓެންޑަ ބޯޑުން އެވޯޑް ކުރާ ހުރިހާ މަސައްކަތްތަކެއް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި އާއްމުކުރުން. އަދި އެބޯޑުން އެވޯޑް ކުރާ ހުރިހާ މަސައްކަތްތަކެއްގެ އިވެލުއޭޝަން ރިޕޯޓްގެ ޚުލާސާ އާއްމުކުރުން. މީގެ ބޭނުމަކީ ބީލަމެއް އެވޯޑް ކުރެވުނު ގޮތާއި އެވޯޑް ކުރެވުނު ފަރާތާއި އަދި ބިޑަށް ކުރިމަތިލި ފަރާތްތަކަކީ ކޮބައިކަމާއި ބީލަމުގެ ކަންތައް ކުރިއަށް ގެންދިޔަ ގޮތް ރައްޔިތުންނަށް ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި އެންގުން.

"ކޮރަޕްޝަން ފަޅާއަރުވާ، ރައްކާތެރިކަން ދޭނަން"

ރައީސް މިރޭ ވެސް ތަކުރާރު ކުރެއްވި ގޮތުގައި މި ސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނަށް ނޫނެކޭ ބުނެ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުމާއި ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ގާނޫނުން ރައްކާތެރިކަން ހޯދައިދިނުމެވެ.

ރައީސް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ކޮރަޕްޝަން ނައްތާލުމަކީ ގޮންޖެހުންބޮޑު މަސައްކަތެއް ކަން ފާހަގަކުރައްވައި ވިދާޅުވީ މި ސަރުކާރުން އިސްލާހީ ބަދަލުތަކެއް ގެންނަމުންދާ ކަމަށް..---ފޮޓޯ/މިހާރު

ރައީސް މުހައްމަދު ސޯލިހް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ކޮރަޕްޝަން ނައްތާލުމަކީ ގޮންޖެހުންބޮޑު މަސައްކަތެއް ކަން ފާހަގަކުރައްވައި ވިދާޅުވީ މި ސަރުކާރުން އިސްލާހީ ބަދަލުތަކެއް ގެންނަމުންދާ ކަމަށް..---ފޮޓޯ/މިހާރު

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އަމަލުކުރަން ފެށި ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިގެ އަމަލުތަކަށް ޖަވާބުދާރީވަނިވި ދެފުށްފެންނަ، ނަޒާހަތްތެރި ސަގާފަތެއް ދައުލަތުގެ އިދާރާތަކާއި އާއްމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް އެ ގާނޫނުގެ މުހިއްމު މަގްސަދެއް ކަމަށެވެ.

އޭސީސީ އާއި ޓްރާންސްޕޭރެންސީ ގުޅިގެން ކޮންފަރެންސެއް ބޭއްވީ ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކޮށް އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން ދެނެގަނެ އެކަންކަން ހައްލުކުރާށެވެ.

މުޖުތަމައުން ކޮރަޕްޝަންގެ ނުބައި ވިހަ ނައްތާލުމަކީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަން ފާހަގަކުރައްވައި އެ އުނދަގޫތަކާ ކުރިމަތިލައިގެން އޭސީސީ ކުރަމުންދާ މަސައްކަތް ރައީސް މިރޭ ފާހަގަކުރެއްވައި ޝުކުރު އަދާކުރެއްވި އެވެ. އަދި ކޮރަޕްޝަނާ ދެކޮޅު މަސައްކަތުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ މަސައްކަތްތަކަށް ވެސް ރައީސް ހިތްވަރު ދެއްވި އެވެ.