Roadha Mihaaru
ނިހާނަށް ކުރި ޖަލު ހުކުމް ބާތިލްކުރުމުން މިނިވަންވެއްޖެ

ނިހާނަށް ކުރި ޖަލު ހުކުމް ހައި ކޯޓުން ބާތިލްކުރުމުން މިނިވަންވެއްޖެ

21 ނޮވެމްބަރ 2018

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން 17 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ހައި ކޯޓުން ނިހާނަށް ކުރި ހުކުމް ބާތިލް ކުރުމާ ގުޅިގެން އޭނާ ވަނީ މިނިވަންވެފަ އެވެ. ނިހާން މިނިވަންވިއިރު، ދާދި ފަހުން ކަރެކްޝަނަލް ސާވިސް އިން އޭނާ ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.

ފެބްރުއަރީ 6، 2016 ގައި މާމިގިލީ ކޯޓު ހުޅުވައި، ކ. މާފުށީ ކޯޓުގެ ނަމުގައި ލިޔުން ތައްޔާރު ކުރި ކަމަށް ބުނެ، ދައުލަތުން ނިހާންގެ މައްޗަށް ދައުވާ ކުރީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ އެވެ. ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް އެ މައްސަލައިގައި 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.

މުހުތާޒްގެ މައްޗަށް ޖަލު ހުކުމެއް އައި މައްސަލަ ވެސް މިހާރު އޮތީ ހުކުމަކާ ހިސާބުގަ އެވެ.

ނިހާންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ބާތިލްކޮށް، ހައި ކޯޓުން ކުރި ހުކުމްގައި ވަނީ ނިހާންގެ މައްޗަށް ހުކުމް ކުރީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

ނިހާންގެ މައްޗަށް ކުށް ސާބިތުވީ މާމިގިލީ ކޯޓު ހުޅުވައިގެން އިނދެ އެ ކޯޓުގެ ލެޕްޓޮޕުން އީމެއިލްއަކަށް ވަދެ، ރައީސް ޔާމީން ހައްޔަރުކުރަން ނެރެފައިވާ އަމުރު ކަމަށް ބުނާ ލިޔުމެއް ޑައުންލޯޑްކޮށް، އެ ލިޔުމަށް ބަދަލުތަކެއް ނިހާން ގެނައިކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށް ބުނެ އެވެ.

ގާނޫނީ އިމުގެ ބޭރުން ޔާމީން ހައްޔަރު ކުރުމުގެ އަމުރެއް ނެރެން ނިހާން އުޅުނުކަން ސާބިތުވާ ކަމަށާއި އެކަމަކީ ސަރުކާރަށް ނޭދެވޭ ނުފޫޒުތަކެއް ފޯރުވައި، ޔާމީން "ގަދަކަމުން ފޮރުވައި، ރަހީނު ކުރުމުގެ މަގްސަދުގައި" ކުރަން އުޅުނު ކަމެއް ކަމަށް ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވެ އެވެ.

ނިހާންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ހައި ކޯޓުގައި ސާބިތުނުވިއިރު، ދައުލަތުން މުހުތާޒާއި ނިހާންގެ މައްޗަށް ކުރި އިތުރު ދައުވާތަކެއް ކްރިމިނަލް ކޯޓުން ދާދި ފަހުން ވަނީ ބާތިލްކޮށްފަ އެވެ.

މުހުތާޒަށް ކުރި ދައުވާތަކުގެ ތެރެއިން ބާތިލު ކުރީ، ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އެވެ. ނިހާނަށް ކުރި ދައުވާގެ ތެރެއިން ބާތިލު ކުރީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.