Roadha Mihaaru
"40+" ފެބްރުއަރީ މަހުގެ 27 ގައި

"40+" ފެބްރުއަރީ މަހުގެ 27 ގައި، ޓީޒާ ވެސް ދައްކާލައިފި

25 ނޮވެމްބަރ 2018

ކުރިން މި އަހަރުގެ އޮގަސްޓްގައި ސިނަމާ އަށް ގެންނަން ނިންމައި، ފަހުން އަންނަ އަހަރަށް ފަސްކުރި ފިލްމު "40+" އަންނަ ފެބްރުއަރީ މަހުގެ 27 ގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން މި އަހަރުގެ އޮގަސްޓްގައި ސިނަމާ އަށް ގެންނަން ނިންމައި، ފަހުން އަންނަ އަހަރަށް ފަސްކުރި ފިލްމު "40+" އަންނަ ފެބްރުއަރީ މަހުގެ 27 ގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.

ފިލްމު އަޅުވާ ތާރީހު އިއުލާން ކުރަން ހޮނިހިރު ދުވަހު ބޭއްވި ހަފުލާއެއްގައި ވަނީ ފިލްމުގެ ޓީޒާ ޓްރެއިލާ ވެސް ދައްކާލައިފަ އެވެ. "40+" އަކީ 2016 ވަނަ އަހަރު ޔޫސުފް (ޔޫއްޕެ) ޝަފީއު ލިޔެ، ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅުނު "ނޯޓީ 40" ގެ ދެވަނަ ބައެވެ.

ހެއްވާ މަޖާ ހާދިސާތަކާ އެކު ތަފާތު އެތައް ރަހައެއް އެކުލެވޭ ގޮތަށް ގެނެސް ދިން އެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު ގެނެސްދޭ "40+" ގެ ޓީޒާ އަށް ފެންނަ ގޮތުގައި މިއީ ވެސް މަޖާ ކަންތައްގަނޑެއް ފެނިގެން ދާނެ ފިލްމެކެވެ. އެކަމަކު ފިލްމުގެ ވާހަކަ މި ފަހަރު މައިގަނޑު ގޮތަކަށް ބިނާކޮށްފައި ވަނީ ބިރުވެރި ކަންތައްތަކެއް މަޖާ ގޮތަކަށް ގެނެސް ދޭން ކަމަށް ބެލެވެ އެވެ.

"40+" އަކީ ވެސް ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އަދި އޭނާއާ އެކު "ނޯޓީ 40" ގެ މައިގަނޑު ރޯލްތައް ކުޅުނު ބައެއް ތަރިން މި ފަހަރު ވެސް ފިލްމުން ފެނިގެން ދާނެ އެވެ. އޭގެ ތެރޭގައި އަލީ ސީޒަން، މުހައްމަދު މަނިކު، އަހުމަދު ސައީދު، ފާތުމަތު (އަޒޫ) އަޒީފާ އަދި އަލީ (ދޮންއައްޔަ) އާޒިމް ހިމެނެ އެވެ.

މި ފަހަރު ތ. ބުރުނީގައި ޝޫޓް ކުރި ފިލްމާ އަލަށް ގުޅުނު މަޝްހޫރު ބައެއް ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ އަދި އަހުމަދު (އާނަންދު) އީސަ ހިމެނެ އެވެ. އަދި ހަމައެއާ އެކު "40+" އިން އާ އެކްޓަރުންތަކެއް ވެސް ތައާރަފުވެގެން ދާނެ އެވެ.

އިސްމާއީލް ޝަފީގުގެ އެންވިޝަން އެންޓަޓައިންމަންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ މި ފިލްމުވެގެން ދާނީ އަންނަ އަހަރު ސިނަމާ އަށް އަންނަ ތިން ވަނަ ދިވެހި ފިލްމަށެވެ.

އަންނަ އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީ މަހުގެ 3 ގައި އަޅުވާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި އެވެ. އޭގެ ފަހުން ފެބްރުއަރީ 4 ގައި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ގޮށްރާޅު" ސިނަމާ އަށް ގެންނާނެ އެވެ.