Roadha Mihaaru
އެޑްމިޓްކޮށްފައި އޮތުމުން އަދީބުގެ ޝަރީއަތް ކެންސަލް

އެޑްމިޓްކޮށްފައި އޮތުމުން، އަދީބުގެ ޝަރީއަތް ކެންސަލްކޮށްފި

25 ނޮވެމްބަރ 2018

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނާތީ، އޭނާގެ މައްޗަށް ކުރި 15 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނާތީ، އޭނާގެ މައްޗަށް ކުރި 15 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލްކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވައިލި މައްސަލައިގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ޖޫން 9، 2016 ގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި ހައި ކޯޓުގައި މިއަދު ބާއްވަން އުޅުނީ އެ މައްސަލައިގައި އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުމެވެ.

އަދީބުގެ ވަކީލް މޫސާ ސިރާޖު ވިދާޅުވީ، ހައި ކޯޓުގައި ތާވަލް ކުރި އަޑުއެހުން ވަކީލުންގެ އެދުމަކަށް ކެންސަލް ކުރީ އަދީބުގެ ހާލު ގޯސްވުމުން ކަމަށެވެ. އަދީބުގެ ޝަރީއަތެއް ހައި ކޯޓުގައި ތާވަލްކޮށް ވަކީލުންނަށް ޗިޓު ފޮނުވާފައި ވަނީ އަދީބު އެޑްމިޓް ކުރުމުގެ ކުރިންނެވެ.

އަދީބު، މީގެ ދެ ހަފުތާ ކުރިން އެޑްމިޓްކުރީ ކިޑްނީގައި ހިލަ އުފެދުމާ ގުޅިގެންނެވެ. އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލަތައް ބޭސް ދީގެން ވެސް ނައްތައިނުލެވުނު އިރު، ކިޑްނީ ދުޅަވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުންޏެވެ. އަދި ހިލަ ނައްތައިލުމަށް ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން އަދީބުގެ ހަށިގަނޑުގައި ސިސްޓްތަކެއް އުފެދިފައިވާ ކަމަށް އަދީބުގެ އާއިލާ އިން ވަނީ ބުނެފަ އެވެ. އަދި ލޮލުގެ ފެނުމަށް އަސަރުކުރާ ބައްޔެއް ކަމަށްވާ ގްލޫކޯމާ އަށް ވެސް އަދީބު ބޭސް ކުރާއިރު، އަދީބުގެ ހާލަތާ މެދު އާއިލާ އިން އިންތިހާ އަށް ކަންބޮޑުވެ އެވެ.

އަދީބު ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަތާ ތިން އަހަރު ވެފައިވާއިރު އޭނާ ހުކުމް ތަންފީޒު ކުރަނީ ޓެރަރިޒަމްގެ މައްސަލައިގައި އިއްވި ހުކުމްގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެންނާއި މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޮޑު މުޒާހަރާ ބޭއްވި ދުވަހު ދެ ފިސްތޯލަ ގެންގުޅެއްވި ކަމަށް ބުނާ މައްސަލައިގަ އެވެ. އަދީބުގެ އިތުރު މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

އޭރުގެ ރައީސް ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ ވަޑައިގެން، އެއާޕޯޓުން މާލެ އަށް ދަތުރުފުޅު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވައިލީ ސެޕްޓެމްބަރު 28، 2015 ގަ އެވެ. އެ ހާދިސާގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމާއި އެހެން ބައެއް ބޭފުޅުން ޒަހަމްވި އެވެ.

އަދީބުގެ މައްޗަށް އިއްވާފައިވާ ހުކުމްތަކުގެ މުއްދަތު 33 އަހަރަށް އަރަ އެވެ.