Roadha Mihaaru
އަޅުގަނޑުގެ މައްސަލަ ނަގަން ވަކީލުން ޖެހިލުންވޭ:އަދީބު

އަޅުގަނޑުގެ މައްސަލަ ނަގަން ވަކީލުން ޖެހިލުންވޭ: އަދީބު

30 ޖެނުއަރީ 2019

ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޭނާގެ ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވަން ބައެއް ވަކީލުން ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޭނާގެ ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވަން ބައެއް ވަކީލުން ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބޮން ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 15 އަހަރުގެ ޖަލު ހުކުމް އަދީބުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން އެ ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ވަކީލުން ހޯދުމުގައި ހުރި ދަތިތައް ފަނޑިޔާރުންގެ ސަމާލު ކަމަށް ގެންނަވައިފަ އެވެ.

އިސްތިއުނާފް ޝަރީއަތަށް ހާޒިރުވެވަޑައިގެންފައި ވަނީ އަދީބުގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުންނެވެ. އަދީބުގެ ވަކީލެއްގެ ގޮތުގައި ހުންނެވި މޫސާ ސިރާޖު ވަނީ ޝަރީއަތް ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން މައްސަލަ އިން ތަނާޒަލްވެވަޑައިގެންނެވި ކަން ކޯޓަށް އަންގަވައިފަ އެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދު ބައްލަވާ މި މައްސަލައިގައި ފަނޑިޔާރު ނިޔާޒު ވިދާޅުވީ އަދީބުގެ ވަކީލް މައްސަލަ އިން ތަނާޒަލްވިކަން ސިޓީއަކުން ހައި ކޯޓަށް އަންގަވާފައިވާ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ކޮޅަށް ތެދުވެ ހުންނަވައި އަދީބު ވިދާޅުވީ އޭނާގެ ވަކީލް މައްސަލަ އިން ތަނާޒަލްވެވަޑައިގަތުމަށް ނިންމެވިކަން އެނގިވަޑައިގަތީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެހެންވެ، މައްސަލައިގައި ކުރިއަށް ދިއުމަށްޓަކައި ވަކީލަކު އައްޔަން ކުރަން 10 ދުވަސް ބޭނުންވާ ކަމަށް އަދީބު ވިދާޅުވި އެވެ. އެހެންވެ، ފަނޑިޔާރުންގެ ބެންޗުން ވަނީ ވަކީލަކު އައްޔަން ކުރަން އަދީބަށް 10 ދުވަސް ދީފަ އެވެ.

"އަޅުގަނޑު މިހާރު ހުންނަނީ މާފުށީ ޖަލުގައި. ވަކީލަކު ހޯދުމަށްޓަކައި މަސައްކަތް ކުރާއިރު، ވަކީލުން ޖެހިލުންވޭ އަޅުގަނޑުގެ މައްސަލަ ނަގަން، އެހެންވީމަ ދިހަ ވަރަކަށް ދުވަސް ބޭނުންވާނެ ފޯނުން ގުޅައިގެން ވަކީލުން ހޯދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް،" އަދީބު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ހައި ކޯޓުގައި މައްސަލަ އޮންނަތާ ވަރަށް ގިނަ ދުވަސްވެފައިވާއިރު، ޕީޖީގެ އޮފީހުން މަސައްކަތްކޮށްގެން އަދީބަށް ވަކީލަކު އައްޔަން ކުރުމަށް އެހީތެރިވާން ޖެހޭނެ ކަމަށެވެ. އަދި އަދީބަށް ވަކީލަކު އައްޔަން ނުކުރެވިއްޖެ ނަމަ، ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"ވަކީލަކު ގަދަކަމުން މިތަނަކަށް ނުވެއްދޭނެ،" ނިޔާޒު ވިދާޅުވި އެވެ.

ޔާމީންގެ ދެކަނބަލުން ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ ވަޑައިގެން، އެއާޕޯޓުން މާލެ އަށް ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ ސެޕްޓެމްބަރު 28، 2015 ގަ އެވެ. އެ ހާދިސާގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާއި އެހެން ބައެއް ބޭފުޅުންނަށް އަނިޔާތައް ވި އެވެ.

ޔާމީން އަވަހާރަކޮށްލަން އެ މަނިކުފާނުގެ ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލަ އާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކާއި ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި ކުށް ސާބިތުވެ އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދީބު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ދަނިކޮށް، އޭނާ އަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެގެން މިހާރު ދަނީ ފަރުވާ ހޯއްދަވަމުންނެވެ.