Roadha Mihaaru
އަދީބުގެ ހެކި ނެތަސް، ޔާމީނަށް ކުށް ސާބިތުވާނެ: ޕީޖީ

އަދީބާއި ޒިޔަތުގެ ހެކިބަސް ނެތަސް، ޔާމީންގެ މައްޗަށް ކުށް ސާބިތުވާނެ: ދައުލަތް

05 ޖުލައި 2023

ވ. އާރަށް މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެތަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި އެބަހުރި ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެތަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި އެބަހުރި ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އޮތީ އިއްވައިފަ އެވެ. އަދި އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ މައްސަލަ އެ ދެ ބޭފުޅުންގެ ފަރާތްޕުޅުން ހައި ކޯޓުގައި އޮތީ އިސްތިއުނާފަށް ހުށަހަޅުއްވައިފަ އެވެ.

ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ކުށް ސާބިތުކުރަން އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަންގެ (އެމްއެމްޕީއާރުސީ) ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތު ހެކިންގެ ގޮތުގައި ހުށަހެޅީ މައްސަލާގެ ބާވަތުންނާއި އަދި އެހެން ގައުމުތަކުން ވެސް ކުރާ ކަމަަށްވާތީ ކަމަށެވެ. އޭގެ ސަބަބަކީ ކޮރަޕްޝަން ފަދަ ކުށްތަކަކީ މަދު ބަޔަކު ބައިވެރިވެގެން ސިއްރުވެރިކަމުގައި ކުރާ ކުށްތަކެއް ކަމަށްވާތީ ކަމަށް ދައުލަތުން ބުންޏެވެ. އޭގެ މިސާލެއްގެ ގޮތުން ދައުލަތުން ފާހަގަކުރީ ބްރެޒިލްގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއްގައި އަމަލުކުރި ގޮތެވެ.

ދައުލަތުން ބުނިގޮތުގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނެތަސް، ކުށް ސާބިތު ކުރެވޭނެ އެހެން ހެކިތައް ވެސް އެބަހުއްޓެވެ. އެގޮތުން ޔޫސުފް ނައީމާއި ޔާމީނާ ދެމެދު އޮތް ގުޅުމާއި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އާރަށް ބަދަލު ކުރުމާއި އަދި ރަށުގެ އެއްބަސްވުމުގައި ސޮއި ކުރުމާއެކު ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިކަން ދައުލަތުން ފާހަގަކުރި އެވެ. އަދި އެއީ ޔާމީންގެ އާމްދަނީއާ ނުބައްދަލު އަދަދެއްގެ ފައިސާތަކެއް ކަމަށް ދައުލަތުން ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި ދަައުލަތުގެ ވަކީލުން ވާހަކަ ދައްކަނީ

މިއަދުގެ އަޑުއެހުމުގައި ދަައުލަތުގެ ވަކީލުން ވާހަކަ ދައްކަނީ

ދައުލަތުން ބުނިގޮތުގައި އަދީބާއި ޒިޔަތު ދިނީ ދޮގު ހެކިބަސް ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި ފާސިގުން ބުނާ ހެކިބަސް ވެސް އިތުރަށް ޔަގީން ކުރަން ޖެހޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނަކަން ފާހަގަކޮށް، އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރު ދޭ ހެކި އެބަހުރި ކަމަށް ދައުލަތުން ބުންޏެވެ.

ޖިނާއީ މައްސަލަތަކުގައި ގުޅުވާލެވޭ ހެކިތަކުން ކުށް ސާބިތު ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް ކުރިން ނިންމާފައިވާ ކަން ފާހަގަކޮށް، ޔާމީންގެ މައްސަލާގައި ވެސް އެ އުސޫލުން ކުށް ސާބިތު ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ފަރާތުން ބުނެފައި ވިޔަސް، އެކަން ސާބިތުކޮށް ދެވިފައެއް ނުވެ އެވެ. އަދި މިއީ ކުށްކޮށްގެން ހޯދި ފައިސާއެއް ކަން ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުވާ ކަމަށް ދައުލަތުން ބުންޏެވެ.

އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ ޔާމީންގެ ފަރާތުން ހުށަހެޅުއްވި ދިފާއީ ހެކިންގެ ހެކިބަހަށް ބުރަދަން ނުދޭން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ވެސް ދައުލަތުން ބުންޏެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ ދިފާއީ ހެކިވެރިންނަށް މުހިންމު އެތައް ކަމެއް ބުނެދޭން ނޭނގުމާއި އެއީ ހެކިބަހުގެ ސައްހަކަމާ މެދު ސުވާލު އުފެދި، ބުއްދި ގަބޫލު ނުކުރެވޭނެ ކަންތައްތަކެއް ހުރުމުން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ފަރާތުން ވިދާޅުވިޔަސް، ތަހުގީގު މަރުހަލާގައި އެމަނިކުފާނު އެކަން ފާހަގަ ކުރައްވާފައެއް ނުވެ އެވެ. އަދި އެ މީހަކާ އެއްކޮޅަށް ހުރި ހެކިތައް ތަހުގީގުގައި ފާހަގަކުރަން ޖެހޭނެ ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާކަން ދައުލަތުން ފާހަގަކުރި އެވެ.

ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ކަނޑައެޅުމުގެ ބާރު ކެބިނެޓާ ހަވާލު ކޮށްފައިވާ ކަމަށް ޔާމީންގެ ފަރާތުން ބުނެފައި ވިޔަސް، ދައުލަތުން ބުނިގޮތުގައި އެ ނިންމުންތައް ތަންފީޒު ކުރެވެނީ ރައީސްގެ ހުއްދަ ލިބިގެން ކަން ހެކިތަކުން އެނގޭ ކަމަށެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އާރަށް އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ ޔާމީން ހުއްދަ ދެއްވައިގެން ކަން ލިޔުންތަކުން އެނގެން އެބައޮތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ޔޫސުފް ނައީމްގެ ފަރާތުން ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ސިޔާސީ ކަންކަމަށް ލިބުނު ފައިސާ ކަމަށް ބޭންކަށް އެމަނިކުފާނު އެންގެވި ނަމަވެސް، މާލީ ބަޔާންތަކުގައި ޔޫސުފް ނައީމްގެ ފަރާތުން އެފަދަ ފައިސާއެއް ލިބިވަޑައިގަތް ކަމަށް ބުނެފައި ނެތް ކަމަށެވެ.

އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ ޔާމީންގެ ޖަލު ހުކުމް ދަމަހައްޓައި ދިނުމަށެވެ.

ދައުލަތުގެ އެ ވާހަކަތަކަށް ޔާމީންގެ ފަރާތުން ރައްދު ދިނުމުގެ މަރުހަލާ މިއަދު ކުރިއަށް ދާނެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ އެކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތު ވަނީ ގެއްލިފަ އެވެ. ނަމަވެސް އެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފި ނަމަ އެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނެ އެވެ.