Roadha Mihaaru

ޖީން އެޑިޓްކުރި ކަމަށް ބުނި ސައިންސްވެރިޔާ އަށް ފާޑުކިޔުން

28 ނޮވެމްބަރ 2018

ޖީން އެޑިޓްކޮށްފައިވާ ކުދިން ދުނިޔޭގައި އަލަށް އުފަންވެއްޖެ ކަމުގެ ޚަބަރާ އެކު އެކަމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ޖީން އެޑިޓްކޮށްފައިވާ ކުދިން ދުނިޔޭގައި އަލަށް އުފަންވެއްޖެ ކަމުގެ ޚަބަރާ އެކު އެކަމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ތަޖުރިބާކާރުން ރުޅި އައިސްގެން އުޅެނީ، އެޗްއައިވީ ނުޖެހޭނެ ގޮތަށް ޑީއެންއޭ ބަދަލުކޮށްފައިވާ އެއްމާބަނޑު ދެ އަންހެންކުދިން ވިހައިފި ކަމަށް ޗައިނާގެ ސައިންސްވެރިއެއް ކަމަށްވާ ހޭ ޖިއަންކޫއީ އިންޓަނެޓުގައި ބުނުމާ ގުޅިގެންނެވެ. އެއާ އެކު، ޖީން އެޑިޓިން ޓެކްނޮލޮޖީ ބޭނުންކުރުމުގެ އެތިކަލް މައްސަލަތަކާ މެދު އެތައް ބަޔަކު އަންނަނީ ވާހަކަދައްކަމުންނެވެ. ރިސާޗަރުންނާއި ސައިންސްވެރިން ބުނާގޮތުގައި ޗައިނާގެ ސައިންސްވެރިޔާ އެ ކުރީ ނުރައްކާތެރި އަދި ޒިންމާދާރުކަން ކުޑަ ކަމެކެވެ.

ޗައިނާގެ ޝެންޖެންގައި ހުންނަ ސަދަން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ ހޭ ބުނާ ގޮތުގައި އޭނާގެ ލެބުން ވަނީ އައިވީއެފް މެދުވެރިކޮށް ދަރިން ހޯދަން މަސައްކަތްކުރި ހަތް ޖޯޑެއްގެ އެމްބްރިޔޯގެ ޖެނެޓިކް ކޯޑު އެޑިޓްކޮށްދީފަ އެވެ. އަދި އޭގެ ތެރެއިން އެއް ބަޔަކަށް ކާމިޔާބު ލިބި، ލޫލޫ އާއި ނާނާގެ ނަން ދީފައިވާ ދެ ކުދިން "މީގެ ހަފްތާތަކެއް ކުރިން" އުފަންވެފައިވާ ކަމަށް ހޯމަ ދުވަހު އޭނާ ބުންޏެވެ. ހޭ މިކަން އިއުލާންކުރީ ޔޫޓިއުބުގައި ޝާއިއުކުރި ވީޑިއޯއެއްގަ އެވެ.

އެމެރިކާގެ ސްޓޭންފަޑް ޔުނިވާސިޓީން ތަމްރީން ހޯދާފައިވާ ހޭ ކިޔައިދިން ގޮތުގައި މައިމީހާގެ ރަހިމަށް އެމްބްރިޔޯތައް ލެއްވުމުގެ ކުރިން އޭނާ ވަނީ ސެލްތަކަށް އެޗްއައިވީ ވައިރަސް ވަންނަން ދޮރާއްޓެއްގެ ގޮތުގައި ބޭނުންކުރާ ޖީން، ޑީއެންއޭ އިން އުނިކޮށްފަ އެވެ.

ބޭސްވެރިކަމުގެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސައިންސްވެރިޔާ އަމިއްލަ އަށް ސިފަކުރާ މި ކަމަކީ ހަގީގަތެއްތޯ މިނިވަން ފަރާތަކުން ބަލައިފައި ނުވާ އިރު ސަންޓިފިކް ޖާނަލްއެއްގައި މި ވާހަކަ ޝާއިއުކޮށްފައެއް ވެސް ނުވެ އެވެ. އަދި މިކަން ސީރިއަސްކޮށް ތަހުގީގުކޮށް ހަގީގަތް ހޯދުމަށް ޗައިނާ ސަރުކާރުން ވަނީ ޕްރޮވިންސްގެ ހެލްތު ކޮމިޝަނަށް އަންގައިފަ އެވެ.

ދަރިން ހޯދުމަށް އެމްބްރިޔޯއެއްގެ ޖީން އެޑިޓްކުރުމަކީ ގިނަ ގައުމުތަކެއްގައި މަނާކޮށްފައި އޮންނަ ކަމެކެވެ.

ހޭ އަށް ފާޑުކިޔަމުންދާ މާހިރުންގެ ތެރޭގައި ޗައިނާގެ ސައިންސްވެރިން ވެސް ހިމެނެ އެވެ. ބަޔޮލޮޖިސްޓުންނާއި ޑޮކްޓަރުން ހިމެނޭ ގޮތަށް އެ ގައުމުގެ 100 އަށް ވުރެ ގިނަ ސައިންސްވެރިއަކު ގުޅިގެން ވަނީ މިކަން ކުށްވެރިކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. އެ މީހުން ބުނެފައިވާ ގޮތުގައި މިއީ ސައިންސާއި ބަޔޯމެޑިކަލް ރިސާޗުގައި ޗައިނާ އިން ކުރާ މަސައްކަތުގެ އަގު ދުނިޔޭގެ ކުރިމަތީގައި ވެއްޓޭނެ ކަމެކެވެ.

ޖީން އެޑިޓްކުރުމުގެ ޓެކްނޮލޮޖީ ހޯދިފައި ވިޔަސް ސައިންސްވެރިން އޭގެ ބޭނުން ނުހިފަނީ ޖީން އަށް ބަދަލު ބަދަލު ގެނައުމުން ދެން ކުރިމަތިވާނީ ކޮން ކަންތައްތަކެއްކަން ނޭނގޭނެތީކަން ވެސް އެ ސައިންސްވެރިން ފާހަގަކުރެ އެވެ.