Roadha Mihaaru
ޗައިނާގެ ސައެންސްވެރިން ކިރުމައި ގެރިއެއް ކްލޯންކޮށްފި

ޗައިނާގެ ސައެންސްވެރިން ކިރުމައި ގެރިއެއް ކްލޯންކޮށްފި

02 ފެބުރުއަރީ 2023

ގެރި ކިރު އުފެއްދުމުގެ ސިނާއަތަށް ބޭނުންވާ، ފެންވަރު މަތީ ނަސްލުތަކުގެ ގެރި އިމްޕޯޓްކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، އާދަޔާ ޚިލާފަށް ގިނައިން ކިރު އަރާ ބާވަތުގެ ތިން ގެރިއެއް، ޗައިނާގެ ސައެންސްވެރިން ކްލޯންކޮށްފި އެވެ.

ގެރި ކިރު އުފެއްދުމުގެ ސިނާއަތަށް ބޭނުންވާ، ފެންވަރު މަތީ ނަސްލުތަކުގެ ގެރި އިމްޕޯޓްކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، އާދަޔާ ޚިލާފަށް ގިނައިން ކިރު އަރާ ބާވަތުގެ ތިން ގެރިއެއް، ޗައިނާގެ ސައެންސްވެރިން ކްލޯންކޮށްފި އެވެ.

ޗައިނާ ސަރުކާރުން ހިންގާ ނޫހެއް ކަމަށްވާ ނިންގްޒިއާ ޑެއިލީ އިން ބުނި ގޮތުގައި އެ ތިން ގެރި ކްލޯން ކުރީ، ނޯތުވެސްޓް ޔުނިވަސިޓީ އޮފް އެގްރިކަލްޗާ އެންޑް ފޮރެސްޓްރީ ސައެންސް އެންޑް ޓެކްނޮލޮޖީގެ ސައެންސްވެރިންނެވެ. މިދިޔަ ޑިސެމްބަރު މަހާއި ޖެނުއަރީ މަހުގެ ތެރޭގައި އުފަންވި އެ ތިން ގެރިއަކީ ވެސް، ނެދަލޭންޑްސްގެ ގެރީގެ ނަސްލެއް ކަމަށްވާ ހޮލްސްޓެއިން ފްރީޒިއަންގެ ގެރިއަކުން ސެލް ނަގައިގެން ކްލޯން ކުރި ތިން ގެރި އެވެ.

މި ނަސްލުގެ ކޮންމެ ގެރިއަކުން އެވްރެޖް ގޮތެއްގައި އަހަރަކު 18 ޓަނުގެ ކިރު ލިބޭނެ އެވެ. އެއީ އެފަދަ ގެރިއެއްގެ މުޅި އުމުރުގައި ނަމަ، އެވްރެޖް ގޮތެއްގައި 100 ޓަނުގެ ކިރެވެ. އެމެރިކާގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކަށް ބަލާއިރު، މިއީ އެމެރިކާގެ ގެރިއަކުން 2021 ވަނަ އަހަރުގެ ތެރޭގައި އެވްރެޖް ގޮތެއްގައި ލިބުނު ކިރުގެ މިންވަރަށް ވުރެ 1.7 ގުނަ އިތުރު މިންވަރެކެވެ.

އެ ތިން ގެރީގެ ތެރެއިން ފުރަތަމަ ގެރި އުފަން ކުރަންޖެހުނީ، އޭގެ ސައިޒް ބޮޑުކަމުން، ސިޒޭރިއަން ހަދައިގެންނެވެ. ސިޒޭރިއަން ހަދައިގެން އެ ގެރި ނެގި އިރު ބަރުދަނުގައި 56.7 ކިލޯ ހުރި ކަމަށް ނިންގްޒިއާ ޑެއިލީ އިން ބުންޏެވެ.

ޗައިނާގެ ސައެންސްވެރިން މި ތިން ގެރި ކްލޯން ކުރުމުގައި ބޭނުންކުރީ، ހޮލްސްޓެއިން ފްރީޒިއަން ނަސްލުގެ ގެރިއެއްގެ ކަންފަތު ސެލްތަކެކެވެ. އެ ސެލްތައް ބޭނުންކޮށްގެން 120 ބިސް ދަރިމައިކުރި އެވެ. އަދި އޭގެ ތެރެއިން ބައެއް ބިސްތައް، އެކަމަށް ޚާއްސަކޮށްފައިވާ ގެރިތަކެއްގެ ރަހިމުގައި އިންދި އެވެ.

ސައެންސްވެރިންގެ މި ކާމިޔާބު މަސައްކަތަކީ، އެ ގައުމުގެ ގެރި ކިރު އުފެއްދުމުގެ ސިނާއަތް އެތައް ގުނައަކަށް ތަރައްގީކުރެވޭނެ ޚަރަދު ކުޑަ ގޮތެއް ކަމަށް ޗައިނާ ސަރުކާރުން ބުނެ އެވެ. ޗައިނާގައި ގެރި ކިރު އުފައްދަން ބޭނުންކުރާ ގެރީގެ ގާތްގަނޑަކަށް 70 ޕަސެންޓަކީ، އެހެން ގައުމުތަކުން ގަނެގެން އެތެރެކުރާ ގެރި އެވެ.

ކިރު އުފެއްދުމަށް ޗައިނާގައި މިހާރު އާންމުކޮށް ބޭނުންކުރާ ގެރިތަކުގެ ތެރެއިން، އޭގެ މުޅި އުމުރުގައި 100 ޓަނުގެ ކިރު އުފައްދައިދެނީ، ކޮންމެ 10000 ގެރިއަކުން އެންމެ ފަސް ގެރި އެވެ. ޗައިނާ ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ، ގިނައިން ކިރު އަރާ ޒާތުގެ ހާހަކަށް ވުރެ ގިނަ ގެރި، ކުރިއަށް އޮތް 2-3 އަހަރުގެ ތެރޭގައި ކްލޯން ކޮށްގެން އުފައްދާށެވެ.