Roadha Mihaaru
12 މިލިއަން ޑޮލަރު ހޯދަން ސީލައިފް އިން ކޯޓަށް

ސީ ލައިފަށް ދޭން ސަރުކާރުން އެއްބަސްވި 12 މިލިއަން ޑޮލަރު ހޯދަން އެ ކުންފުނިން ދައުވާކޮށްފި

29 ނޮވެމްބަރ 2018

ސީ ލައިފް މޯލްޑިވްސްއާ އެކު ސަރުކާރުން ހެދި އެއްބަސްވުމެއް އުވާލި މައްސަލައިގައި ސަރުކާރުން ދޭން އެއްބަސްވި 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) ނުދީގެން އެ ފައިސާ ހޯދަން ސީ ލައިފް ކުންފުނިން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސީ ލައިފް މޯލްޑިވްސްއާ އެކު ސަރުކާރުން ހެދި އެއްބަސްވުމެއް އުވާލި މައްސަލައިގައި ސަރުކާރުން ދޭން އެއްބަސްވި 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) ނުދީގެން އެ ފައިސާ ހޯދަން ސީ ލައިފް ކުންފުނިން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.

ސީ ލައިފް އަކީ ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގުމާ ހަވާލުވެ އެކި މީހުން އަތުން އެޑްވާންސަށް ފައިސާ ނެގުމަށް ފަހު، އެޕާޓްމެންޓްތައް ނުނިންމައި އަދި ބައެއް މީހުންނަށް ފައިސާ އަނބުރާ ނުދިން މައްސަލައިގައި ހިމެނޭ ކުންފުންޏެވެ. ސީ ލައިފަށް ދެއްކި ފައިސާތައް އަނބުރާ ހޯދަން ގިނަ ބަޔަކު އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކޮށްފައިވާއިރު، އެ މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.

ސީ ލައިފް އިން ދައުލަތާ ދެކޮޅަށް ދައުވާކުރީ އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏަށް ސަރުކާރުން ދިނުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ބަދަލުގެ ގޮތުގައި އެ 12 މިލިއަން ޑޮލަރު ދިނުމަށް ސަރުކާރުން އެއްބަސްވެ، ސެޓްލްމަންޓް އެއްބަސްވުމެއް ހެދުމަށް ފަހު އެ ފައިސާ ނުދިން މައްސަލައިގަ އެވެ. ސީ ލައިފަށް 12 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.

ސީ ލައިފްގެ ވަކީލް ހަސަން ފަލާހް ވިދާޅުވީ ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުން އުވައިލުމުގެ ސަބަބުން އެ ކުންފުންޏަށް ލިބުނު ގެއްލުން 40 މިލިއަން ޑޮލަރަށް އަރާ ކަމަށާއި އެ މައުލޫމާތުތައް ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން ދެ ފަރާތުން މަޝްވަރާ ކުރުމަށް ފަހު ގެއްލުމުގެ ބަދަލު 12 މިލިއަން ޑޮލަރަށް ހަމަޖައްސަން ދެ ފަރާތުން އެއްބަސްވީ ކަމަށެވެ. އަދި އެ މަޝްރޫއަށް ސީ ލައިފް އިން ތިން މިލިއަން ޑޮލަރު ޚަރަދުކުރި ކަމަށް ވެސް ފަލާހް ވިދާޅުވި އެވެ.

ބަދަލުގެ ގޮތުގައި ދޭން އެއްބަސްވި ފައިސާ ހޯދަން ސީލައިފުން ދައުލަތާ ދެކޮޅަށް ދައުވާ ކުރިއިރު، ސަރުކާރުން އޭރު ވަނީ ސެޓްލްމަންޓް އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާ އެކު ސޮއި ނުކުރާ ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ.

ސީ ލައިފް އިން ހުޅުމާލޭގައި އަޅަން އެއްބަސްވި ހައުސިން ޔުނިޓްތަކަށް އެޑްވާންސް ފައިސާ އަތުލުމަށް ފަހު އެތަންތަނުގެ މަސައްކަތް ނުނިމި އަދި އެޑްވާންސް ފައިސާ ވެސް އަނބުރާ ނުދިން މައްސަލާގައި ގިނަ ބަޔަކު އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރާއިރު، އެކަމުގައި ހައުސިން ޑިވެލޮޕްމަންޓާއި އިކޮނޮމިކް މިނިސްޓްރީން ފިޔަވަޅު ނޭޅި ކަމަށް ބުނެ އެ ދެ އިދާރާއާ ދެކޮޅަށް ވެސް ގިނަ ބަޔަކު ވަނީ ދައުވާކޮށްފަ އެވެ.