Roadha Mihaaru
ދައުލަތުން ސީލައިފަށް ބަދަލުދޭން ނުޖެހޭކަމަށް ނިންމައިފި

ދައުލަތުން 12 މިލިޔަން ޑޮލަރު ހޯދަން ސީލައިފުން ކުރި ދައުވާ ނާކާމިޔާބު

23 ޑިސެމްބަރ 2020

ސީލައިފާ އެކު ދައުލަތުންވެފައި އޮތް އެއްބަސްވުމެއް ބާތިލްކުރުމުން ބަދަަލުގެ ގޮތުގައި 12 މިލިއަން ޑޮލަރު ހޯދަން އެ ކުންފުނިން ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކުންފުންޏާ ދެކޮޅަށް ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސީލައިފާ އެކު ދައުލަތުންވެފައި އޮތް އެއްބަސްވުމެއް ބާތިލްކުރުމުން ބަދަަލުގެ ގޮތުގައި 12 މިލިއަން ޑޮލަރު ހޯދަން އެ ކުންފުނިން ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކުންފުންޏާ ދެކޮޅަށް ނިންމައިފި އެވެ.

ސީ ލައިފަކީ ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގުމާ ހަވާލުވެ އެކި މީހުން އަތުން އެޑްވާންސަށް ފައިސާ ނެގުމަށް ފަހު، އެޕާޓްމެންޓްތައް ނުނިންމައި އަދި ބައެއް މީހުންނަށް ފައިސާ އަނބުރާ ނުދިން މައްސަލައިގައި ހިމެނޭ ކުންފުންޏެވެ. ސީ ލައިފަށް ދެއްކި ފައިސާ އަނބުރާ ހޯދަން ގިނަ ބަޔަކު އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކޮށްފައިވާއިރު، އެ މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.

ސީ ލައިފަށް ބަދަލުދޭން ކުރީގެ ސަރުކާރުން 2018 ވަނަ އަހަރުވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުންޏަށް 12 މިލިއަން ޑޮލަރު ނަގައިދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ އެ ކުންފުނިން ހަރަދުކުރި ކަމަށް، އެއްބަސްވުން ހެދި އިރު ބުނެފައިވާ ފައިސާގެ އަދަދާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށެވެ. އެހެންވެ އެގޮތަށް ސުވާލު އުފެދިފައި ވަނިކޮށް، ހަމައެކަނި އެއްބަސްވުމަށް ބަލައިގެން ފައިސާ ނަގައިދެވޭނެ ކަމަށް ޝަރީއަތަށް ބުރަވެވެން ނެތް ކަމަށް ވެސް އެ ހުުކުމުގައި ބުންޏެވެ.

މައްސަލަ ބެލުމުގައި ސިވިލް ކޯޓަށް ފާހަގަކުރެވުނު ކަންތައްތަކުގެ ގޮތުގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ އެއް ކަމަކީ ސީ ލައިފުން ހަރަދުކުރި ކަމަށް ބުނާ ފައިސާގެ އަދަދަކީ ރަނގަޅު އަދަދެއް ނޫން ކަމަށް އެސެޓް ރިކަވަރީން ނިންމާފައިވާ ނިންމުމެވެ. ސީ ލައިފުން އެގޮތަށް ކަންތައް ކޮށްފައި އޮތް އޮތުމަކީ އެއްބަސްވުން އޭގެ ޒާތުގައި ބާތިލުވާނެ ކަމެއް ކަމަށް ހައިކޯޓުގެ ގަޒިއްޔާއަކާ ހަވާލާދީ ސިިވިލް ކޯޓުގެ ރިޕޯޓްގައި ބުންޏެވެ. ހައިކޯޓުން 2016 ވަނަ އަހަރު ނިންމި ނިންމުމެއްގައި ބުނެފައި ވަނީ ހަގީގަތް އޮޅޭ ފަދަ މައުލޫމާތުގެ މައްޗަށް ބިނާކޮށްގެން ވެފައިވާ އެއްބަސްވުމަކީ ހަގީގަތް އޮޅުނު ފަރާތުގެ ނިސްބަތުގައި ބާތިލުކުރެވިދާނެ އެއްބަސްވުމެއް ކަމަށެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް 45 މިލިއަން ރުފިޔާ ދޫކުރީ ސަރުކާރުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެޗްޑީސީން އިއުލާންކުރި މަޝްރޫއަކުން ހުޅުމާލޭގައި، 3،000 ހައުސިން ޔުނިޓް އަޅަން 2014 ގައި ސީ ލައިފުން ހުޅުވާލުމުން ފްލެޓް ގަންނަން ގިނަ ބަޔަކު ފައިސާ ދެއްކި އެވެ.

ސީ ލައިފަށް ފައިސާ ދައްކައި ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓަށް ހުށަހެޅި މައްސަލާގައި މި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި ހައްލެއް ހޯދައިދީފަ އެވެ. އެއީ، ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން، އެ މީހުންނަށް އެޗްޑީސީން ބަދަލު ދިނުމެވެ. އެއީ، މާލީ ބަދަލުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމުގެ ފުރުސަތު ވެސް ދިނުމެވެ.