Roadha Mihaaru
ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި

އީގަލްސްއާ އެއްވަރުކޮށް ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި

01 ޑިސެމްބަރ 2018

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުން ފަހު މިނިޓްގައި އިޝާން އިބްރާހިމް (ސައްޓު) ވައްދާލި ގޯލުން ކްލަބް އީގަލްސްއާ 4-4 އިން އެއްވަރުކޮށް ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ މިރޭ އުފުލާލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުން ފަހު މިނިޓްގައި އިޝާން އިބްރާހިމް (ސައްޓު) ވައްދާލި ގޯލުން ކްލަބް އީގަލްސްއާ 4-4 އިން އެއްވަރުކޮށް ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ މިރޭ އުފުލާލައިފި އެވެ.

މި މެޗަށް ޓީސީ ނުކުތްއިރު އެ ޓީމަށް ވަނީ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ. އެއީ ޓީސީއާ ލީގަށް ވާދަކުރި މާޒިޔާ މިއަދު ހަވީރު ކުޅުނު މެޗުން މިދިޔަ އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާ 4-4 އިން އެއްވަރުވުމުންނެވެ. މިރޭގެ މެޗު ފެށުމުގެ ކުރިން އީގަލްސްގެ ކުޅުންތެރިން ވަނީ ޓީސީ ޗެމްޕިއަންކަން ހޯދުމުގެ ޝަރަފުގައި އެ ޓީމަށް ގާޑް އޮފް އޮނާ އެއް ދީފަ އެވެ.

ޓީސީން ލީގު ނިންމާލީ 40 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް 38 ޕޮއިންޓް ލިބުނުއިރު، އީގަލްސް ތިން ވަނަ ހޯދީ 36 ޕޮއިންޓާ އެކު އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ނިއު އަށް ލިބުނީ ހަތަރު ވަނަ އެވެ. އެ ޓީމު ސީޒަން ނިންމާލީ 28 ޕޮއިންޓާ އެކު އެވެ.

ދެ ވަަނަ ޑިވިޝަން ޗެމްޕިއަންކަން 2014 ވަނަ އަހަރު ހޯދައި ރެލިގޭޝަން ޕްލޭއޮފް ކާމިޔާބުކޮށް ޓީސީން 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށިފަހުން އެ ޓީމުން އައީ އެއް ފެންވަރެއްގައި ހިފަހައްޓަމުންނެވެ. އެ ޓީމު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ތިން މުބާރާތެއް ފިޔަވައި ހުރިހާ މުބާރާތެއްގެ ދެ ވަނަ ހޯދީ އެ ޓީމުންނެވެ. އަދި މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރި އެވެ.

މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އާންމުކޮށް ލީގުގެ ފަހު މެޗު ފެންނަނީ ވަރަށް ފޯރިކުޑަކޮށް ކަމަށާއި މިރޭގެ އެހާ ފޯރިގަދަކޮށް ދިއުމުން އެ ހިތްހަމަ ޖެހުން އެބައޮތް ކަމަށެވެ.

"އާންމުގޮތެއްގައި ލީގުގެ ފަހު މެޗުގައި މާ ބޮޑު ފޯރިއެއް ނޯވޭ. އެކަމަކު ފެނިއްޖެ އީގަލްސް އިން ދެ ވަނަ ހޯދުމަށް ވަރަށް މޮޅަށް ކުޅުނުތަން އަސްލު ވަރަށް ހިތްހަމަ ޖެހޭ. މިއީ ހަގީގަތުގައި މުޅި ޓީމުން އެކީގައި ކުރި މަސައްކަތް،" ނިޒާމްބެ ބުންޏެވެ.

ޓީސީގެ ކެޕްޓަން ބޭންޑް އަޅައިގެން މިރޭގެ މެޗުގައި ކުޅުނީ އެ ޓީމަށް އެންމެ ގިނަ ދުވަސްވަންދެން ކުޅުނު ޔާމީން އިބްރާހިމް (ޔާމްބެ) އެވެ. މިރޭގެ މެޗުގައި ވެސް ޓީސީގެ ފުރަތަމަ ހަމަލާ އުފެއްދީ އެ ޓީމަށް ލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މެޗު ފަށައިގެން 40 ސިކުންތު ތެރޭގައި ދަގަނޑޭ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ލަނޑު ޖެހުމަށް ފަހު ޓީސީގެ ސައްޓު އުފާފާޅުކުރަނީ. -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ލަނޑު ޖެހުމަށް ފަހު ޓީސީގެ ސައްޓު އުފާފާޅުކުރަނީ. -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ފުރަތަމަ 10 މިނިޓް ތެރޭ އީގަލްސް އަށް ވެސް ވަނީ ދެ ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. އޭރިއާތެރެއިން އީގަލްސްގެ މުހައްމަދު ނާއިމް އަށް ލިބުނު ފުރުސަތުން އޭނާ ފައިގައި ބޯޅަ ލައްވާލާ ގޮތެއްނުވި އެވެ. އަހުމަދު ރިޒުވާން (ރިޒޭ) ޖެހި ބޯޅަ ޓީސީގެ ކީޕަރު ކިރަން ޝެމްޝޮން ވަނީ މަތަކޮށްފަ އެވެ.

ޓީސީ އަށް ލީޑުނަގައިދިނީ މެޗުގެ 20 ވަނަ މިނިޓްގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އޭރިއާ ބޭރުން އިއްބެ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އީގަލްސްގެ ސްރީލަންކާ ކީޕަރު ސުޖަން ޕެރޭރާ އަތްމަތިން ގޮހެވެ. އޭގެ ދެ މިނިޓް ފަހުން އިއްބެ އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ ހުއްޓުވައިފަ އެވެ.

މެޗުގެ 26 ވަނަ މިނިޓްގައި ޓީސީގެ ލީޑުފުޅާކޮށްދިނީ ދަގަނޑޭ އެވެ. އީގަލްސް ދެ ޑިފެންޑަރުން ކައިރީގައި ތިއްބައި ދަގަނޑޭ އަށް ލިބުނު ފުރުސަތުން އޭނާ ވަނީ ކީޕަރު ސުޖަން އަށް އެއްވެސް ފުރުސަތެއް ނުދީ ހަނި އޭންގަލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލިބޭ ފުރުސަތުތަކުގައި އީގަލްސް އިން ދިޔައީ ޓީސީގެ ފަހަތަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 35 ވަނަ މިނިޓްގައި ނާއިމް ވަނީ އީގަލްސް އަށް ލަނޑެއް ޖަހައިދީފަ އެވެ. ސަމީހު މޫސާ (ސަމިއްޓެ) ނަގައިދިން ހުރަހަކުން ނާއިމް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ފުރަތަމަ ފަސް މިނިޓް ތެރޭ އީގަލްސްގެ ނާއިމަށް ނަތީޖާ ހަމަހަމަކުރަން ދެ ފުރުސަތެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. ފުރަތަމަ ފުރުސަތުގައި ނާއިމްގެ ބޮލުގައި ބޯޅަ ލައްވާލާގޮތެއްނުވި އެވެ. ދެ ވަނަ ފަހަރަށް ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރުންނެވެ.

އީގަލްސް އަށް މެޗުގެ 53 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ރިޒޭ އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ރިޒޭ ވަނީ ގޯލުގެ ތެރެއަށް ފަސޭހަކަމާ އެކު ފޮނުވާލައިފަ އެވެ. އޭގެ ހަތް މިނިޓް ފަހުން އީގަލްސް އިން ލީޑުނެގީ ޕެނަލްޓީ އަކުން ރިޒޭ ވައްދާލި ގޯލުންނެވެ. މި ޕެނަލްޓީ އަކީ ޓީސީގެ އޭރިއާ ތެރެއިން އެ ޓީމުގެ މުހައްމަދު ސާމިރު އީގަލްސްގެ ހުސެއިން ޝިފާއު (ކުރޯ) އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އީގަލްސްގެ ހަތަރު ވަނަ ލަނޑު ޖަހައި ރިޒޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 69 ވަނަ މިނިޓްގަ އެވެ. މިއީ އޭރިއާ ތެރެއިން ޓީސީގެ އަހުމަދު ފައްރާހު (ފައްރަ) އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އީގަލްސް އިން ދެ ގޯލުގެ ލީޑެއް ނެގުމާ އެކު ޓީސީން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އަދި މެޗުގެ 74 ވަނަ މިނިޓްގައި ލަނޑެއް ޖެހި އެވެ. މި ގޯލު ކާމިޔާބުކުރީ އެ ޓީމަށް ކުޅޭ މިސްރުގެ ޑިފެންޑަރު އަލާ ނާސިރު އެވެ. ކީޕަރު ސުޖަން އަތުގައި ޖެހިފައި އަލާ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އިތުރުވަގުތުގެ ފަހު މިނިޓްގައި ޓީސީ އަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސައްޓު އެވެ. އޭނާ މި ލަނޑު ޖެހީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ދިން ބޯޅަ އަކުންނެވެ. މި ލަނޑާ އެކު ޓީސީ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ މިރޭ ސީޒަނުގެ އަށް ވަނަ ހެޓްރިކް ހެދި ރިޒޭ އެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ ޓީސީގެ ކިރަން އެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވުނީ ކްލަބް ގްރީން ސްޓްރީޓްސް އެވެ. ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަދި ނިއު ރޭޑިއަންޓުގެ ކުރީގެ ޗެއާމަން އަލީ ވަހީދު (ބަލަކް) އެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރިޒޭ (ކ) އަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އެވޯޑް ހަވާލުކުރަނީ. -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރިޒޭ (ކ) އަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އެވޯޑް ހަވާލުކުރަނީ. -- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު