Roadha Mihaaru
މުއްސަނދިވީ ކިހިނެއް؟ ބުނެނުދެވެންޏާ މުދާ އަތުލާ!

މުއްސަނދިވީ ކިހިނެއް؟ ބުނެނުދެވެންޏާ އެ މުދަލެއް ނަގާ!

02 ޑިސެމްބަރ 2018

ނިމިދިޔަ ސަރުކާރަށް ބަލަމާތޯ އެވެ. ފަސް އަހަރުގެ ދައުރެއް ނިމުނުއިރު މާލޭގެ އެންމެ ހިތްގައިމު ސަރަހައްދުން ބިމެއް ހޯއްދަވައި މާލޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭނެ އިމާރާތެއް ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގެ ގޮތުގައި ވަނީ ހަދަން ފަށައިފަ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ނިމިދިޔަ ސަރުކާރަށް ބަލަމާތޯ އެވެ. ފަސް އަހަރުގެ ދައުރެއް ނިމުނުއިރު މާލޭގެ އެންމެ ހިތްގައިމު ސަރަހައްދުން ބިމެއް ހޯއްދަވައި މާލޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭނެ އިމާރާތެއް ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގެ ގޮތުގައި ވަނީ ހަދަން ފަށައިފަ އެވެ.

ޕާޓީގެ ނައިބު ރައީސްއަކަށް ހުންނެވި އަބްދުއްރަހީމް އަބްދުﷲގެ ދެކަނބަލުން 9 މިލިއަން ރުފިޔާ އަށް ދެ ފުލެޓް ބައްލަވައިގަތެވެ.

ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އަޅުއްވަނީ އޭނާއަށް ލިބިވަޑައިގަންނަވާ މުސާރައާ އަޅާބަލާއިރު މާ އަގުބޮޑު ގަޑި ކަމަށް އެތައް ބަޔަކު ގަބޫލުކުރެ އެވެ. އަދި ދަރިކަލުންނަށް 18 އަހަރު ވުމުން ފްލެޓަކާއި އަގު ބޮޑު ކާރެއް ދެއްވި ކަމުގެ އަޑުތައް ވެސް އެރި އެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް ކޮރަޕްޝަން ކަމަށްވާ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތެއް ފަޅާއެރި ސަރުކާރުގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެ ގެންދަވަނީ، ބަންދުގައި ހުންނެވިޔަސް، އާ ޕާޓީއެއް އުފައްދަވައި ސިޔާސީ މަސައްކަތް ފައްޓަވަން ތައްޔާރުވަމުންނެވެ.

އާދައިގެ މީހުންގެ ގޮތުގައި ވަޒީރުންނަށާއި ކުންފުނިތަކުގެ ވެރިންނަށް އައި ބައެއް ބޭފުޅުން މިއަދު ވެފައި ވަނީ މަހުޖަނުންނަށެވެ.

މިއީ އެންމެންނަށް އެނގޭ، އެންމެ ވާހަކަ ދައްކައި، ބަހުސްކުރާ ކަމެކެވެ. ނަމަވެސް ނުހައްގުން ހޯދާ ފައިސާ އާއި މުދާ އަނބުރާ ހޯދިފައެއް ނެތެވެ. އެހެންކަމުން ކޮންމެ ސަރުކާރެއްގައި ވެސް، ވާނުވާއެއް ނޭނގި، މުއްސަނދިވާ ބަޔަކު އުޅެ އެވެ.

ނިހާންގެ އަގު ބޮޑު ގަޑިއެއް އޭނާ އިންސްޓަގްރާމުގައި

ނިހާންގެ އަގު ބޮޑު ގަޑިއެއް އޭނާ އިންސްޓަގްރާމުގައި

ކޮންމެ ސަރުކާރަކުން ވެސް ވެރިކަމާ ހަވާލުވުމަށް ފަހު ކުރީގެ ހިޔާނާތްތައް ބަލަން ކޮމިޝަން ހަދައި ހަރަދުތަކެއް ކުރެ އެވެ. އެކަމަކު އޭގެ ނަތީޖާއެއް ނުފެނެ އެވެ.

އޭސީސީން ދައްކަނީ ބަހަނާ!

އޭސީސީގެ ބަހަނާ އަކީ އެކަށީގެންވާ ގާނޫނީ ބާރު ނެތުމެވެ. ނަމަވެސް ގާނޫނީ ބާރު ނެތީތޯ ނުވަތަ އޭސީސީ މެމްބަރުންގެ އިހުލާސްތެރިކަން ނެތީތޯ މިއީ އުފައްދަން ޖެހޭ ސުވާލެކެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ، މާލީ މުއާމަލާތްތަކަށް ފާރަވެރިވާ، އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން އެތައް މައްސަލައެއް މިހާތަނަށް ހުށަހަޅާފައިވާއިރު އޭސީސީންނާއި ފުލުހުން ވެސް ބަލާފައިނުވުމެވެ. އޭގެ ބަދަލުގައި އެ މައްސަލަތައް ރައްދުވާ ފަރާތްތަކަށް އެކަން އަންގައި "ހިމާޔަތްކޮށްދެނީ" އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވީ ނުހައްގު މުއްސަނދިކަން ހުއްޓުވަން އެހެން ބައެއް ގައުމުތަކުގައި ހުރި ކަހަލަ ގާނޫނުތަކެއް ރާއްޖޭގައި ނެތް ނަމަވެސް އެ ކުށް ހުއްޓުވޭނެ ގޮތް މިހާރު ހުރި ގާނޫނުގެ ތެރެއިން އެބަ އޮތް ކަމަށެވެ.

އާ ގާނޫނުއަސާސީ ތަންފީޒު ކުރަން ފެށި ފަހުން ވެސް އެފަދަ ފިޔަވަޅުތައް އަޅައި، މުދާ ހޯދި ގޮތް ބުނެނުދެވުނު މީހުންގެ މުދާ ދައުލަތަށް ނަގާފައި އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ވިއްކައިގެން ލިބުނު އާމްދަނީން ގަތް މުދާ ހިމެނެ އެވެ. އެފަދަ ގަޒިއްޔާތައް ސުޕްރީމް ކޯޓުން ވެސް ނިންމާފައި އެބަ ހުއްޓެވެ. ނަމަވެސް ދައުލަތުގެ ފައިސާއަށް ހިޔާނާތް ވެގެން ހޯދި މުއްސަދިކަން އެއްކުރި މުދާ ނެގިފައެއް އަދި ނެތެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވެސް [އެކަން] ހުއްޓުވޭނެ. ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން ކޮންމެ އަހަރަކު ހުށަހަޅަން ޖެހޭއިރު އެ މާލީ ބަޔާންތަކާއި އެބޭފުޅުންގެ ދިރިއުޅުމަށް ފަހުން އަންނަ ތަނަވަސް ކަމަށް ބަލައި ވެސް އެކަން ކުރެވޭނެ،" ފާއިޒް ވިދާޅުވި އެވެ.

ކުރެވޭ ރައީސް އަބްދުﷲ ޔާމީނާއި ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އިސްތަށިފުޅުގައި އެޅިފައިވާ ތުހުމަތުތައް ގިނަ --ފައިލް ފޮޓޯ

ކުރެވޭ ރައީސް އަބްދުﷲ ޔާމީނާއި ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އިސްތަށިފުޅުގައި އެޅިފައިވާ ތުހުމަތުތައް ގިނަ --ފައިލް ފޮޓޯ

މާލީ ކަންކަން ބަލާ އިދާރާއެއްގެ އިސް އޮފިޝަލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ތަހުގީގުތައް މުޅިންހެން އަމާޒުކޮށްފައި ހުރީ ކޮރަޕްޝަންގެ އަމަލުކުރީ ކާކު ކަމަށާއި އެފަރާތުން ކުރި އަމަލު ނުވަތަ ކޮރަޕްޝަންގެ ޖިނާއީ ކުށް ތަހުގީގު ކުރުމަށް ކަމަށެވެ.

"ނުހައްގުން ނުވަތަ ކޮރަޕްޝަންގެ އަމަލުން ފައިސާ ހޯދި ގޮތާއި، އެ ފައިސާގެ އަދަދު ނުވަތަ ހޯދާފައިވާ މުދަލާއި ފައިސާއިން ހޯދި މުދަލާއި މަންފާގެ އަދަދު ބަލައި، އެ ފައިސާ އާއި މުދާ ހޯދައި، ކޮރަޕްޝަނުގެ އަމަލުން ހޯދި ފައިސާ ހަރަދުކުރި ގޮތް ދެނެގަނެ އެ ފައިސާ ދައުލަތަށް ނަގަން މަސައްކަތް ކޮށްފައެއް ނެތް" އޭނާ ވިދާޅުވި އެވެ.

"ބޭންކަކަށް އާއްމު ފަރުދަކު ޖަމާކުރާ ނުވަތަ އެކައުންޓަކަށް ޓްރާންސްފަކުރާ ފައިސާއާ ގުޅޭ ގޮތުން ސުވާލު ކުރެވޭއިރު ކީއްވެގެންތޯ ސިޔާސީ މީހާގެ ފައިސާއާ މެދު ސުވާލު ނުކުރެވެނީ؟ އެކަން ބަލާކަށް ނޫޅޭ."

ވައްކަމަށްޓަކައި ނިޒާމް ފުރިހަމަނުކޮށް!

މީހަކު މުދާ ހޯދި ގޮތް، ކަމާ ބެހޭ ފަރާތްތަކަށް ބުނެ ނުދެވޭ ނަމަ ގިނަ ގައުމުތަކުގައި އެ މުދަލެއް ދައުލަތަށް ނަގަ އެވެ. ނަމަވެސް ރާއްޖޭގައި އެކަން އޮތީ ދިމާ އިދިކޮޅަށެވެ. ނުހައްގު މުދާ ކަން ސާބިތުކޮށްދޭން ޖެހެނީ ދައުލަތަށެވެ.

އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަން ބެލުމަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ކަމަށް ގާނޫނުގައި އޮތް ނަމަވެސް އެކަން ތަންފީޒެއް ނުކުރެވެ އެވެ.

ރެހެންދި ފްލެޓް އިމާރާތް: ބައެއް މީހުން އެހާ އަގުބޮޑުކޮށް ފްލެޓް ގަންނަން ފައިސާ ހޯދި ގޮތެއް ނޭނގޭ-- ފޮޓޯ:މިހާރު

ރެހެންދި ފްލެޓް އިމާރާތް: ބައެއް މީހުން އެހާ އަގުބޮޑުކޮށް ފްލެޓް ގަންނަން ފައިސާ ހޯދި ގޮތެއް ނޭނގޭ-- ފޮޓޯ:މިހާރު

ރައީސް އާއި ނައިބު ރައީސްގެ މާލީ ބަޔާން ކޮންމެ އަހަރަކު އޮޑިޓަ ޖެނެރަލަށް ހުށަހަޅަން ގާނޫނުން ލާޒިމް ކުރެ އެވެ. މަޖިލިސް މެމްބަރުން އަމީންއާއްމަށް މާލީ ބަޔާން ހުށަހަޅަން ޖެހޭއިރު ފަނޑިޔާރުން ޖޭއެސްސީއަށް އެ ބަޔާން ހުށަހަޅަން ޖެހެ އެވެ. މިނިވަންކަމަށް ގާނޫނުގައި ބުނާ މުއައްސަސާތަކުގެ ވެރިންނާއި ދައުލަތުގެ ވަޒީރުންގެ މާލީ ބަޔާން ވެސް އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ގާނޫނު ލާޒިމްކުރެ އެވެ.

ނަމަވެސް އެކަން ނުބަލާ ކަމުގެ އެންމެ ބޮޑު ހެއްކަކީ ކުރީގެ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތް އަހަރު ހުށަހެޅުއްވި މާލީ ބަޔާން ފިޔަވާ އެހެން މާލީ ބަޔާނެއް އޮޑިޓަ ޖެނެރަލަށް ހުށަހަޅުއްވާފައިނުވުމެވެ. އެކަމަކު އެޅުނު ފިޔަވަޅެއް އަދި ކުރެވުނު ކަމެއް ވެސް ނެތެވެ.

"މާލީ ބަޔާނަށް އެ އަންނަ ބަދަލުތަކާއި ދިރިއުޅުމަށް އަންނަ ބަދަލުތަކާ ބެލޭނެ. އެ ފުރުސަތު އެބަ އޮތް. އެއީ ހަމައެކަނި އެއްކުރާ ނުވަތަ ފައިލް ކުރާ އެއްޗެއް ނޫން،" ފާއިޒް ވިދާޅުވި އެވެ.

"މާލީ ބަޔާން ހުށަހެޅީމަ އަންނަ ބަދަލު ބަލައި ސުވާލު ކުރަން ޖެހޭ. ހުށަނާޅަންޏާ އެ ގާނޫނާ ހިލާފުވީ. އެހެންވީމަ ޑިސްކޮލިފައިކުރެވޭނެ. އެ ހިސާބުން ޝަރުތު ގެއްލޭނެ."

އެހެންކަމުން، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އަސްލު މައްސަލައަކީ ގާނޫނު ނެތުމެއް ނޫނެވެ. މުއައްސަސާތަކުން އެ ބާރުތައް ތަންފީޒު ނުކުރާ މައްސަލަ އެވެ.

ނުހައްގު މުދާ ހޯދައި، އަތުލަން އާންމުން ޕްރެޝަރުކުރާ އިރު މިހާރުގެ ނިޒާމު ވެސް ފުރިހަމަ ނޫން ކަމަށް ބުނެވޭނެ ސަބަބުތައް އެބަ ހުއްޓެވެ. މިސާލަކަށް ޓެކްސް ނަގަން ފެށިތާ އެތައް އަހަރެއް ވީއިރު ވެސް އިންކަމް ޓެކްސްގެ ބައެއް ނެތެވެ. އިންކަމް ޓެކްސް ނަގާ ނަމަ ކޮންމެ ފަރުދެއްގެ މާލީ ބަޔާން ޓެކްސް އިދާރާއަށް ހުށަހަޅަން ޖެހެ އެވެ. އަދި އެމީހަކާ ނުބައްދަލު އާމްދަނީއެއް ހޯދާފައިވާ ނަމަ އެކަން ފަސޭހައިން ދެނެގަނެވޭނެ އެވެ. ނަމަވެސް ރާއްޖޭގައި އިކްމަން ޓެކްސް ނުނަގާތީ އެކަން ކުރެވޭކަށް ނޯވެ އެވެ.

ކޮރަޕްޝަނަށް ފާރަވެރިވެ އެ މައްސަލަތައް ބެލުން ލާޒިމްކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުގެ އިސް ވެރިން-- ފޮޓޯ: މިހާރު

ކޮރަޕްޝަނަށް ފާރަވެރިވެ އެ މައްސަލަތައް ބެލުން ލާޒިމްކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުގެ އިސް ވެރިން-- ފޮޓޯ: މިހާރު

އިންކަމް ޓެކްސް ނެގުމަކީ އާ ސަރުކާރުގެ ވައުދެކެވެ. ފަގީރުންނާއި ތަނަވަސް މީހުންގެ ފަރަގު ކުޑަކޮށް މުއްސަނދިންގެ އާމްދަނީން ފަގީރުންނަށް ވެލްފެއާ ކަންކަން ހަމަޖައްސަން އެހީއަކަށް ވާ އެ ޓެކްސް ނަގަން ފެށިއްޖެ ނަމަ ނުހައްގު މުއްސަނދިކަން ހޯދައިގަންނަން ވެސް ވަރަށް ފަސޭހަ ވާނެ އެވެ.

ދެން އޮތީ ރައްޔިތުންގެ މަޖިލިހެވެ. މާލިއްޔަތު ކޮމެޓީއަކީ އޭގެ ޒާތުގައި ވަރަށް ބާރުގަދަ ގުނަވަނެއް ނަމަވެސް އޭގެ މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރެވޭތީ، ދައުލަތުގެ ފައިސާއާ ގުޅޭ ކޮރަޕްޝަންގެ ކަންކަން ބަލާނެ ހިތްވަރެއް ނުހުރެ އެވެ. މިސާލަކަށް މިދިއަ ފަސް އަހަރު އެ ކޮމެޓީގެ މުގައްރިރަކަށް އިންނެވި ނިހާނަށް އެފަދަ މަސައްކަތެއް ކުރައްވާކަށް ފަސޭހައެއް ނުވާނެ އެވެ. އެހެންކަމުން ދައުލަތުގެ އެތައް މިލިއަން ރުފިޔާޔަކަށް ބަޔަކު ހިޔާނަތްވި އިރު އޭނާ ހުންނެވީ ހަނެވެ.

ބަހުންބަހަށް ގާނޫނެއް މުހިންމު!

ނުހައްގުން ހޯދާ މުއްސަނދިކަން ހޯދައި، އަތުލުމަށް ސީދާ އެކަމަށް ހާއްސަކޮށްގެން ގާނޫނެއް ހަދަން ޖެހޭ ވަރަށް ރާއްޖޭގައި އެ މައްސަލަ އޮތީ ބޮޑުވެފަ އެވެ. އެހެންކަމުން ދުނިޔޭގެ އެހެން ގައުމުތަކުން އަމަލުކުރާ "ނުހައްގު މުއްސަދިކަން ހުއްޓުވާ ގާނޫނު" ވީހާވެސް އަވަހަކަށް އަންނަން ޖެހެ އެވެ.

މިހާރު އޮތީ ކޮރަޕްޝަން ހުއްޓުވާ ގާނޫނެކެވެ. އެކަމަކު ނުހައްގު މުއްސަނދިކަމާއި ކޮރަޕްޝަނާ ތަފާތެވެ. އޭސީސީއަށް ބެލެން އޮތީ ކޮރަޕްޝަންގެ މައްސަލަތަކެވެ. ނުހައްގު މުއްސަނދިކަން ހޯދި ގޮތް ބަލަން އޭސީސީއަށް ދަތިތަކެއް އެބަ ހުއްޓެވެ.

އެކަމަށް ހާއްސަ ގާނޫނެއް އަތުވެއްޖެ ނަމަ ތިމާގެ އަނބިދަރިންގެ މިލްކިއްޔާތުގައި ހުރި ތަކެތި ވެސް ބެލޭނެ އެވެ. ރާއްޖޭގައި މިހާރު ބެލެނީ ހަމައެކަނި އެމީހެއްގެ ނަމުގައި ހުރި ތަކެއްޗެވެ. ބައެއް މީހުންގެ މުދާ ހުންނަނީ އަނބިދަރިންނާއި އެހެން ވެސް ތިމާގެ މީހުންގެ ނަން މަތީގަ އެވެ.

"ނުހައްގު މުއްސަދިކަން ބަލަން ހުރިހާ ކަމެއް ވެސް ބަލަން ޖެހޭ. އަނބިދަރިންގެ މިލްކިއްޔާތު ވެސް ބެލެން ޖެހޭ،" ފާއިޒް ވިދާޅުވި އެވެ.

ނުހައްގު މުއްސަނދިކަމަށް އަމާޒުކޮށް، ގާނޫނީ ފިޔަވަޅު އެޅޭނެ މަގު ފުޅާކޮށްގެން ނޫނީ ދައުލަތުގެ ވެރިންގެ ހިޔާނާތާއި ދައުލަތުގެ މުދާ ބޭނުންކޮށްގެން މުއްސަނދިވުން ހުއްޓުވޭނެ ގޮތެއް ނޯންނާނެ އެވެ.