03 ޑިސެމްބަރ 2018
"މިފަހަރު ޗުއްޓީ އަށް ދާނީ، ބާލީއަށް، ނޫން ޕިލިޕީންސް އަށް، މެލޭޝިއާ ވެސް އޯކޭ. ޝޮޕިން ކޮށްލެވޭނެ،" މިއީ މި ދުވަސްވަރު އެކުވެރިން އެއްވެއްޖެ ނަމަ ދައްކާނެ އެއް ވާހަކަ އެވެ. ޗުއްޓީ އަށް ދާނެ ގައުމަކާ މެދު ދެކެވޭނެ ވާހަކަތަކެވެ.
"މިފަހަރު ޗުއްޓީ އަށް ދާނީ، ބާލީއަށް، ނޫން ޕިލިޕީންސް އަށް، މެލޭޝިއާ ވެސް އޯކޭ. ޝޮޕިން ކޮށްލެވޭނެ،" މިއީ މި ދުވަސްވަރު އެކުވެރިން އެއްވެއްޖެ ނަމަ ދައްކާނެ އެއް ވާހަކަ އެވެ. ޗުއްޓީ އަށް ދާނެ ގައުމަކާ މެދު ދެކެވޭނެ ވާހަކަތަކެވެ.
ބަވަނަވަމުންދާ ދުނިޔޭގައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ މިންވަރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެކި މީހުން ދަތުރު ކުރަނީ އެކި ބޭނުންތަކުގަ އެވެ. އެއް ބަޔަކު ދަތުރުކުރަނީ އާ ކަންކަން ބަލައިލުމަށެވެ. އަނެއް ބަޔަކު އެހެން ގައުމުގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅި ކައިރިން ބަލައިލަން ދަތުރުކުރާ އިރު އަނެއް ބަޔަކު ދަތުރުކުރަނީ، ވަކި ކަންތައްތަކެއް ހާސިލް ކުރުމަށެވެ. ނުވަތަ "ބަކެޓް ލިސްޓު" ގައި ހިމެނޭ އާދަޔާ ހިލާފު ކަމެއް ކޮށްލުމަށެވެ.
ދިވެހިން ދަތުރުކުރުމުގެ ވައްޓަފާޅި ނުވަތަ ޓްރެވެލް ޓްރެންޑަށް ބަލާއިރު އާންމު ގޮތެއްގައި އެންމެ ގިނަ ބަޔަކު ދަތުރުކޮށް އުޅެނީ ބޭސްފަރުވާ އަށެވެ. ޗުއްޓީއަކަށް ގައުމަކަށް ދިޔައަސް ހޮސްޕިޓަލަކަށް ވަދެނުލާ ނާންނާނެ އެވެ. އަނެއްބައި މީހުން ދަތުރު ކުރަނީ "ޝޮޕިން" ކޮށްލާށެވެ. ބޭބީ ޝޮޕިން އާއި އާ އަހަރު ޝޮޕިން އާއި ކައިވެންޏަށް ތައްޔާރުވުމަށް ޝޮޕިން ކޮށްލުމަށް ކޮންމެވެސް ގައުމަކަށް ދިއުމަކީ އާންމު ކަމެކެވެ. އަނެއް ކޮޅުން ޓްރެކް ކުރުމަށާއި ރައްޓެހިންނާއެކު މަޖާކޮށްލުމަށް ދަތުރުކުރާ ޒުވާނުން ވެސް މަދެއް ނޫނެވެ.
މި ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހިންގެ ދަތުރުކުރުމުގެ ސްޓައިލަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. "މިލޭނިއަލްސް"ގެ ޒަމާނުގައި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ޓްރެވަލާސް ނުވަތަ ދަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ރާއްޖެއިން ވެސް އެ މަންޒަރު ފެނެ އެވެ.
ދައުލަތުގެ މާލީ އިދާރާ މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން ނެރެފައިވާ މޯލްޑިވިއަން ޓްރެވެލިން އެބްރޯޑް ސާވޭ 2017 ރިޕޯޓުގައިވާ ގޮތުން ދަތުރުކުރާ މީހުންގެ 45 ޕަސެންޓަކީ ބޭސްފަރުވާއަށް ދަތުރުކުރާ މީހުންނެވެ. އަދި ދަތުރުކުރާ މީހުންގެ 33 ޕަސެންޓަކީ ޗުއްޓީ ހޭދަކުރުމަށްދާ މީހުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ޓްރެވެލް އޭޖެންސީއެއް ކަމުގައިވާ އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ މިދުވަސްވަރު ދިވެހިން އެންމެ ގިނައިން ދަތުރުގޮސް އުޅެނީ، ލަންކާ އަށް ކަމަށެވެ. އެގޮތުން އިނަ މޯލްޑިވްސް މެދުވެރިކޮށް އެވްރެޖުކޮށް މަހަކު 9000 މީހުން ލަންކާއަށްދާ ކަމަށާއި ޗުއްޓީއާ ދިމާކޮށް، އެވްރެޖުކޮށް 13000 މީހުން ދާ ކަމަށެވެ. މިދުވަސްވަރު މުޅި ޖުމްލަ 25000 ދިވެހިން ލަންކާއަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މެލޭޝިއާ، ހޮންގް ކޮންގް، ސިންގަޕޫރު، ތައިލެންޑް ތަންތަނަކީ ދިވެހިން މިހާރު ވަރަށް ގިނައިން ދަތުރުކުރާ ތަންތަން. މިދުވަސްވަރު ބެންކޮކް ތަންތަނުގެ ހޮޓާތަކުގެ ރޭޓްތައް ވެސް ވަރަށް ކުޑަ. މިއީ ވެސް ސަބަބަކަށް ވެދާނެ ތައިލެންޑަށް ދާ،" ފިރާގު ވިދާޅުވި އެވެ.
އެވްރެޖްކޮށް މަހަކު 2000 މީހުން އިރުމަތީ އޭޝިއާ ގައުމުތަކަށްދާއިރު މިދުވަސްވަރު އެ އަދަދު 3000 އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިރުމަތީ އޭޝިއާގެ ގައުމުތަކަކީ ދިވެހިން މިހާރު ވަރަށް ގިނައިން ދަތުރު ކުރާ ސަރަހައްދެކެވެ. ޗުއްޓީއަށް އެ ސަރަހައްދަށް ދާއިރު ދެ މަންޒިލް ނުވަތަ ތިން މަންޒިލަށް އެއް ދަތުރުގައި ގޮސްލާ މީހުން ވެސް ގިނަ އެވެ. އެގޮތުން މެލޭޝިއާ އާއި ސިންގަޕޫރަށް ދާ މީހުންނާއި މެލޭޝިއާ ތައިލެންޑަށް ދާ މީހުން ވެސް ގިނަ އެވެ.
"ދަތުރުތައް ރޭވުމުގައި ދިވެހިން ކުރިއާ ބަލާއިރު ވަރަށް ތަފާތު. ވަރަށް ކުރިއާލާ ދަތުރު ޕްލޭން ކުރާކަން ފާހަގަކުރެވޭ. މިއީ ޕޮޒިޓިވް ބަލެއް ގޮތުގައި ބަލަނީ. އާއިލާތައް ވެސް އެގޮތަށް ބުކް ކުރޭ. އޭގެ ތެރޭގައި 10 ނުވަތަ 12 މީހުންގެ ޓީމުތައް ވެސް ހިމެނޭ،" ފިރާގު ވިދާޅުވި އެވެ.
ގައުމުތަކަށް ދިއުމުގައި އިންޑޮނޭޝިއާ އާއި އޮސްޓްރޭލިއާ އަށް ދިއުން ވެސް ދިވެހިންގެ މެދުގައި ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން ހަނީމޫން ޑެސްޓިނޭޝަންތަކުގެ ގޮތުގައި ޔޫރަޕްގެ ގައުމުތަކަށް ދިއުން ދިވެހިންގެ މެދުގައި ވަނީ އިތުރުވެފަ އެވެ. މިފަދަ ދަތުރުތައް ގިނަ ފަހަރަށްދަނީ ވަރަށް ކުރިއާލާ ޕްލޭން ކުރެވިގެންނެވެ.
މޫދު ހޮލިޑޭސްގެ ސީނިއާ ސޭލްސް އެގްޒެކެޓިވް ސާރާ މުހައްމަދު ވިދާޅުވީ، ދިވެހިންގެ ދަތުރު ކުރުމުގެ ގޮތްތަކަށް ބަދަލުތައް އައިސްފައިވާ އިރު އަދިވެސް އެންމެ ގިނައިން ދަނީ ލަންކާ އާއި މެލޭޝިއާ އާއި އިންޑިއާ އަށް ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
"ސްކޫލު ނިންމާ ކުދިންނާއި އަލަށް ވަޒީފާ އަށް ގޮސް އުޅޭ ޒުވާނުން ދަތުރުކުރާލެއް ގިނަ. ހާއްސަކޮށް ރައްޓެހިން އެކުގައި ދަތުރުކުރާ މިންވަރު ވަރަށް އިތުރު. ބޭރު ގައުމުތަކުގެ އިތުރުން ރާއްޖޭގެ ރަށްތަކަށް ވެސް ދަތުރުކުރާ މިންވަރު އިތުރު. އެގޮތުން ބ. އަތޮޅުގެ ރަށްތަކާއި މާފުއްޓަށް ދާ މީހުން ވަރަށް ގިނަ،" އޭނާ ވިދާޅުވި އެވެ.
ކެޕިޓަލް ޓްރެވެލް އެންޑް ޓުއާސްގެ ފައުންޑަރު ޔޫސުފް ރިފްއަތު ވިދާޅުވީ، އާއިލާތައް އެންމެ ގިނައިން ދަތުރުދާ މަންޒިލަކީ އިންޑިއާ އާއި މެލޭޝިއާ ކަމަށެވެ.
"ބެންކޮކް، މެލޭޝިއާ، ސިންގަޕޫރު، އިންޑިއާ އަދި ސްރީލަންކާ އަކީ އަދިވެސް އެންމެ ގިނަ އިން ދަތުރުދާ ތަންތަން،" އޭނާ ވިދާޅުވި އެވެ.
ޗުއްޓީ އަށް ދަތުރުކުރާ ގައުމުތަކަށް ބަދަލު އައިސް ދިވެހިން ބޭރު ގައުމުތަކަށްދާ މިންވަރު އިތުރުވެގެންދިއުމަކީ އިގްތިސޯދީ ފެހި ސިގްނަލެކެވެ. ބޭރު ގައުމުތަކަށް ދިވެހިން ހޭދަކުރާ މިންވަރު އިތުރުވެގެންދާނީ ވަކި ވަކި ފަރުދުންނަށް ލިބޭ އާމްދަނީ ބޮޑުވުމުގެ ސަބަބުންނެވެ.
ދިވެހި ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންވަރު ފަސް ބިލިއަން ޑޮލަރަށް އަރާފައިވާ އިރު ދިވެހިންނަށް އެކަމުން ލިބޭ ކުރިއެރުންތައް ފެނިގެންދާނީ ދިވެހިން ކުރާ ހޭދައިންނެވެ. ދިރިއުޅޭ ތަނަށް ބޮޑު ކުއްޔެއް ދައްކާއިރު ވެސް ޗުއްޓީއާއި ހިތްހަމަ ޖައްސާލުމަށް ދިވެހިން ކުރާ ހޭދަތަކުން ދިވެހިންގެ ދިރިއުޅުމުގެ ފެންވަރަށް އަންނަ ކުރިއެރުން ދައްކުވައިދޭނެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިންގެ ދަތުރުކުރުމުގެ ސްޓައިލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް ޓްރެވެލް އޭޖެންސީތަކުން ބުނެ އެވެ.
ޔޫއޭއީގެ އަގުހެޔޮ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް
ރާއްޖެއައި އެއާއިންޑިއާ ބޯޓެއް އިމަޖެންސީގައި ޖައްސައިފި
ސްރީލަންކަން އިން 25 ޕަސެންޓް ޑިސްކައުންޓް
މިދިޔަ އާދިއްތަ ދުވަހަކީ އެއާޕޯޓުގެ ރެކޯޑު ދުވަހެއް
ދޮވެމި ޝޮޕުގެ ނަސީބުވެރިޔާއަށް ޔަމަހާ ސައިކަލެއް
އެއާޕޯޓްގެ ޓްރެފިކް ރެކޯޑް އަދަދަކަށް މައްޗަށް
ސީޒަނަށް އެއާލައިންތަކުން ބޮޑެތި ބޯޓުތަކަށް ބަދަލުކުރަނީ
ރިޓަޔާ ކުރުމަށް ފަހު ދާނީ ރާއްޖެއަށް: އަންޗެލޮޓީ
ނެގެޓިވް ވާހަކައެއް ދައްކަން ސުޒޭން ބޭނުމެއް ނޫން
ގާމެންޓްއެކްސްޕޯޓުކުރުމުން ކޮންޓެއިނަރުގެ އަދަދު މައްޗަށް