Roadha Mihaaru
ވަކި ސިނގިރޭޓް ވިއްކުން ހުއްޓުވަން އެދެފި

ވަކި ސިނގިރޭޓް ވިއްކުން ހުއްޓުވަން އެދެފި

02 ޑިސެމްބަރ 2018

ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ހަދައި ރައީސް އޮފީހަށް ފޮނުވާފައިވާ ގަވައިދު ގެޒެޓްކޮށް ތަންފީޒުކޮށްދިނުމަށް ޓޮބެއިކޯ ކޮންޓްރޯލް ބޯޑުން ހެލްތު މިނިސްޓްރީގައި އެދިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ހަދައި ރައީސް އޮފީހަށް ފޮނުވާފައިވާ ގަވައިދު ގެޒެޓްކޮށް ތަންފީޒުކޮށްދިނުމަށް ޓޮބެއިކޯ ކޮންޓްރޯލް ބޯޑުން ހެލްތު މިނިސްޓްރީގައި އެދިއްޖެ އެވެ.

"ދުންފަތުގެ ބާވަތްތައް ޕެކޭޖްކުރުމާއި ލޭބަލް ކުރުމާ ބެހޭ ގަވައިދު" ހަދައި ރައީސް އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ގަވައިދު ފޮނުވީ ގާނޫނީ ގޮތުން ނިންމަން ޖެހޭ ހުރިހާ ކަމެއް ނިންމުމަށް ފަހު އެވެ. ނަމަވެސް އޭރުގެ ސަރުކާރުގެ ދައުރު ނިމުނުއިރު ވެސް އެ ގަވައިދު ގެޒެޓް ކޮށްފައެއް ނުވެ އެވެ.

"ފްރޭމްވޯކް ކޮންވެންޝަން ފޯ ޓޮބެއިކޯ ކޮންޓްރޯލް،" އެ މުއާހަދާގައި 2007 ވަނަ އަހަރު ރާއްޖެ ސޮއިކޮށްފައިވާއިރު މުއާހަދާ ބުނާގޮތުން އަހަރެއްގެ ތެރޭގައި އެ ގަވައިދުތައް ތަންފީޒު ކުރަން ޖެހެ އެވެ. މިހާރު ވެސް ދުނިޔޭގެ 105 ގައުމެއްގައި އެ މުއާހަދާ އަށް އަމަލު ކުރެ އެވެ. ސާކް ސަރަހައްދުން އެ ގަވައިދަށް އަމަލު ނުކުރަނީ ރާއްޖެ އެކަންޏެވެ.

ސިނގިރޭޓް ފޮށީގައި ދުންފަތުގެ ސަބަބުން ޖެހޭ މަލިތަކުގެ ފޮޓޯ ޖަހާފައި--

ސިނގިރޭޓް ފޮށީގައި ދުންފަތުގެ ސަބަބުން ޖެހޭ މަލިތަކުގެ ފޮޓޯ ޖަހާފައި--

މިދިޔަ ހަފްތާގެ ބުދަ ދުވަހު ޓޮބެއިކޯ ކޮންޓްރޯލް ބޯޑުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ ބައްދަލުކޮށް ވަނީ އެ ގަވައިދު ގެޒެޓްކޮށް ދިނުމަށާއި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ތަންފީޒުކޮށްދިނުމަށް އެދިފަ އެވެ.

އެ ބޯޑުގެ ވައިސް ޗެއާ، ޑރ. އައިޝަތު އަރޫނާ "މިހާރު" އަށް ވިދާޅުވީ އެ ގަވައިދު ތަންފީޒު ކުރުން ލަސްވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އެހެންކަމުން ވީހާ ވެސް އަވަހަކަށް އެ ގަވައިދަށް އަމަލު ކުރަން ފެށުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އޯގާތެރި އިންސާފުވެރި ސަރުކާރެއް ރައްޔިތުންނަށް ދުންފަތުގެ ނުރައްކަލުގެ މައުލޫމާތު ލިބުމުގެ މި ހައްގު ފޯރުކޮށްދިނުމަށް ފުރަތަމަ 100 ދުވަސް ތެރޭގައި އެ ގަވައިދު ގެޒެޓްކޮށް ދިނުމަށް އެދިފައިވާނެ،" އަރޫނާ ވިދާޅުވި އެވެ.

ގަވައިދުގައި ބުނާ ދެ ކަންތަކުގެ ތެރެއިން ވަކި ސިނގިރޭޓް ވިއްކުން ހުއްޓުވިއްޖެ ނަމަ ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުން ހުއްޓުވި، މިހާރު ދުންފަތުގެ އިސްތިއުމާލު ކުރާ ޒުވާނުން އެކަން ހުއްޓާލުމަށް ބާރަކަށް ވާނެ ކަމަށް އަރޫނާ ވިދާޅުވި އެވެ. އެއީ ދިރާސާތަކުން ފެނި ސާބިތުވެފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޮބެއިކޯ ކޮންޓްރީލް ބޯޑުގެ މެމްބަރުން ހެލްތު މިނިސްޓަރާ ބައްދަލު ކުރެއްވުން-- ފޮޓޯ: ހެލްތު މިނިސްޓްރީ

ޓޮބެއިކޯ ކޮންޓްރީލް ބޯޑުގެ މެމްބަރުން ހެލްތު މިނިސްޓަރާ ބައްދަލު ކުރެއްވުން-- ފޮޓޯ: ހެލްތު މިނިސްޓްރީ

ދުންފަތުގެ އިސްތިއުމާލު ކުރުމުން ނުރައްކާތެރި ބަލިތައް ޖެހޭއިރު އެ މަންޒަރުތައް ސިނގިރޭޓް ފޮށީގައި ޖެހުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި އެކަން ހުއްޓުވަން ބާރު އެޅުމަށް ކުރާ ކަމެކެވެ. ނަމަވެސް ރާއްޖޭގައި ސިނގިރޭޓް ވިއްކަމުން ދަނީ ފޮށީގައި އިންޒާރުގެ މެސެޖެއް ލިޔެގެންނެވެ.

ރައީސް އޮފީހަށް ފޮނުވާފައިވާ ގަވައިދުގައި ބުނެފައިވަނީ ރާއްޖޭގައި ވިއްކާ ސިނގިރޭޓް ފޮށީގެ 90 ޕަސެންޓުގައި ދުންފަތުގެ ސަބަބުން ޖެހޭ ބައްޔެއްގެ މަންޒަރެއް ހިމަނަން ޖެހެ އެވެ. އެއީ ހަގީގީ މަންޒަރަކަށް ވާންޖެހޭއިރު ޖަހަން ނިންމާފައިވާ ފޮޓޯގެ ކަންކަން ހެލްތު މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

އަރޫނާ ވިދާޅުވީ ސިނގިރޭޓް ފޮށީގައި އިންޒާރުގެ މަންޒަރު ޖެހުމަކީ ދުންފަތް ކޮންޓްރޯލް ކުރަން ކޮންމެހެން ކުރަން ޖެހޭ އަދި އެންމެ ގިނަ މީހުންނަށް ފައިދާ ލިބޭ ގޮތް ކަމަށެވެ.

"އިބާރާތުގެ އިންޒާރު އެހާ އިފެކްޓިވެއް ނޫން. މަންޒަރު މާ އިފެކްޓިވް ކަމަށް ރިސާޗްތަކުން ދައްކަނީ. އެއީ ހުއްޓާލަން ވެސް އަދި ދުންފަތުގެ ތެރެއަށް ވަނުން ހުއްޓުވުމަށް ވެސް އެންމެ ފައިދާ ހުރިގޮތް." އަރޫނާ ވިދާޅުވި އެވެ.

އެ ގަވައިދު ގެޒެޓް ކޮށްދިނުމަށް ނިމިދިޔަ ސަރުކާރުގައި ތަކުރާރުކޮށް އެދުމުން ވެސް އެކަން އޮތީ ކޮށްނުދީ އެވެ. ސަބަބާ ގުޅޭގޮތުން މީޑިއާތަކުން ސުވާލު ކުރުމުން ވަކި ޖަވާބެއް ނުދެއްވި އެވެ.