Roadha Mihaaru
ދުންފަތުން ނަގާ ޓެކްސް އިތުރުކުރަންޖެހޭ: ނައިބު ރައީސް

ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް އިތުރުކުރަންޖެހޭ: ނައިބު ރައީސް

21 ސެޕްޓެމްބަރ 2016

ރާއްޖޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް މިހާރަށް ވުރެ އިތުރު ކުރަންޖެހޭ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ރާއްޖޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް މިހާރަށް ވުރެ އިތުރު ކުރަންޖެހޭ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި ޓެކްސް ބޮޑުކުރަން ޖެހޭނީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގަ އެވެ.

"އެކަމާ މެދު މެމްބަރުން ވިސްނަވައި މަޝްވަރާ ކުރައްވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން،" ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އާއި ހެލްތު މިނިސްޓްރީ ގުޅިގެން ބޭއްވި ފޯރަމްގައި ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކުރިއަށް އޮތް ޖީލުތަކަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ބަޔަކަށް ވާނެ ކަމަށާއި އެކަން ހާސިލު ކުރުމަށް ސަރުކާރުން ވައުދުވާ ކަމަށެވެ.

ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ މީހަކު އަމިއްލަ އަށް މަރުވުން ފަދަ ކަމެކެވެ. ނަމަވެސް ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންގެ އަދަދު ވަރަށް ގިނަ ކަމަށާއި ބޭރުގެ ގައުމުތަކުން ދިމާވާ ޑޮކްޓަރުން ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން މިރޭ ބޭއްވި ފޯރަމްގައި ކަމާ ބެހޭ ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން މިރޭ ބޭއްވި ފޯރަމްގައި ކަމާ ބެހޭ ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނައިބު ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ އަކީ ދުންފަތުގެ އިސްތިއުމާލް ނުކުރާ ގައުމަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުގެ ހިތްވަރު އެބަހުއްޓެވެ.

އެމަނިކުފާނު ވިދާޅުވީ ދުންފަތުގެ ދުމުގެ އަސަރުކޮށްގެން ލިބޭ ގެއްލުންތައް ވެސް ވަކި ކުޑަ ނޫން ކަމަށާއި އެހެންވެ އެ މައްސަލަ އަށް ވެސް ހައްލެއް ގެންނަންޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ، ނައިބު ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކޮންމެ ގެއަކީ ވެސް ދުންފަތުގެ އިސްތިއުމާލް ނުކުރާ ގެއަކަށް ހަދައިގެންނެވެ. އެހެންކަމުން، ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލް ނުކޮށް، އެހެން މީހަކަށް އޭގެ އަސަރު ނުކުރާނެ ފަދަ ގޮތަކަށް، އެފަދަ ތަނެއްގައި ކުރުމަށް އެންމެން ވެސް ބާރު އެޅުމަށް އެމަނިކުފާނު ގޮވައިލެއްވި އެވެ.

އެއާ އެކު، ރާއްޖޭގެ ކުރިއަށް އޮތް ޖީލުތަކަކީ އެއްވެސް ވަރަކަށް ދުންފަތުގެ އިސްތިއުމާލް ނުކުރާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމަށް ސަރުކާރުން ވައުދާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ހާސިލް ކުރެވޭނެ ލަނޑުދަނޑިއެއް ކަމަށާއި އެކަން ކުރުމަށް ބޭނުންވަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ބޭރުގެ ފަރާތްތަކުގެ އިތުރަށް ރައްޔިތުން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

"ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލުމަށް އަޅުގަނޑު ވެސް އެހީވާނަން،" އެމަނިކުފާނު އެއްވެސް ވަރަކަށް ދުންފަތުގެ އިސްތިއުމާލް ނުކުރައްވާކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން މިރޭ ބޭއްވި ފޯރަމްގައި ކަމާ ބެހޭ ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން މިރޭ ބޭއްވި ފޯރަމްގައި ކަމާ ބެހޭ ދާއިރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލް ކުރުމާ ދެކޮޅަށް ކުރާ މަސައްކަތަށް މިހާރަށް ވުރެ އިތުރަށް ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ފޯރަމްގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދުނިޔޭގެ ތަޖުރިބާކާރުން ވެސް ބައިވެރިވި އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވަނީ އެ ގައުމުތަކުގެ ތަޖުރިބާ ހިއްސާކުރައްވައި މި ސަރަހައްދުގެ ގައުމުތަކުން ދުންފަތުގެ އިސްތިއުމާލް ކުރުން ނައްތާލުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ މެދު ވާހަކަ ދައްކަވައިފަ އެވެ.

އެގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ފަރާތުން ހަސަން މުހައްމަދު ވިދާޅުވީ ހަމައެކަނި ސިގިރެޓް ގަތުމަށް ރާއްޖޭގައި އަހަރަކު 1.1 ބިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށެވެ.

އެކަމާއި ދުންފަތުގެ އިސްތިއުމާލް ކުރުމާ ގުޅުން ހުރި ސިއްހީ މައްސަލަތަކަށް ބެލުމަށް ފަހު ރާއްޖެއިން މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަސަން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާއި ރާއްޖޭގައި އަމަލުކުރަމުންދާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ތަންފީޒު ކުރުމާއި ދުންފަތް އެތެެރެކުރާ ފަރާތްތަކަށް ވަކިވަކިން ލައިސެންސް ދޫކުރާ ގޮތަށް ހެދުން ހިމެނެ އެވެ.

ދެ ހާސް ދިހަ ވަނަ އަހަރު އެކުލަވައިލި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވަނީ އެކަމަށް ހާއްސަ ބޯޑެއް އެކުލަވައިލައިފަ އެވެ. އެ ގާނޫނުގެ ދަށުން އާންމު ގިނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ގޮތަށް އޮތް ނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވެމުން ނުދެ އެވެ. އަދި މިދިޔަ ފަސް އަހަރަށް ބަލާއިރު، ރާއްޖެ އަށް ދުންފަތް އެތެރެ ކުރި ނިސްބަތް 35 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.