Roadha Mihaaru
އެފްރިކާ އިން ގަމަށް ދަތުރުތައް ފަށައިފި

އެފްރިކާ އިން ގަމަށް ދަތުރުތައް ފަށައިފި

02 ޑިސެމްބަރ 2018

ސައުތު އެފްރިކާގެ ޖޮހަނެސްބާގުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސައުތު އެފްރިކަން އެއާވޭސްގެ ޝެޑިއުލް ދަތުރުތައް މިއަދު ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސައުތު އެފްރިކާގެ ޖޮހަނެސްބާގުން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސައުތު އެފްރިކަން އެއާވޭސްގެ ޝެޑިއުލް ދަތުރުތައް މިއަދު ފަށައިފި އެވެ.

ގިނަ އަދަދެއްގެ ޓޫރިސްޓުންނާއެކު އެފްރިކަން އެއާވޭސްގެ، އޭ330 މަރުކާރުގެ މަތިންދާބޯޓު ގަން އެއާޕޯޓްގައި ޖެއްސުމުން މަރުހަބާ ދެންނެވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. މަރުހަބާ ދެންނެވުމުގައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ގަން އެއާޕޯޓް ހިއްސާވާ ކާސާ ހޯލްޑިންސްގެ ވެރިޔާ ޗަމްޕާ ހުސައިން އަފީފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޓޫރިސްޓުންނަށް ރަތް ދޫލައިން މަރުހަބާ ކީއިރު ދޫލައިގެ ދެ ފަރާތުގައި ގައުމީ ހެދުމުގައި ތިބި އަންހެން ކުދިން ގައުމީ ލަވައަށް ނެށުން ހުށަހަޅައިދިނެވެ.

މިއީ އައްޑޫ އަށް ސީދާ ދަތުރު ފެށި ދެވަނަ ބައިނަލްއަގުވާމީ އެއާލައިނެވެ. މިހާރު ވެސް ސްރީލަންކަން އެއާލައިންސް އިން އަންނަނީ ލަންކާ އާއި އައްޑޫއާ ދެމެދު ދަތުރުތައް ބާއްވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހަފުތާއަކު ދަތުރެއް، އެފްރިކާ އިން އައްޑު އަށް ބޭއްވުމަށް ނިންމާފައިވާއިރު، ކޮންމެ ހަފުތާއަކު 300 އެއްހާ ޓޫރިސްޓުން އެފްރިކާ އިން އައްޑު އަށް ގެންދާނެ ކަމަށެވެ. އަދި ކޮންމެ މަތިންދާބޯޓެއްގައި 20 ޓަނުގެ މުދާ ރާއްޖެ އެތެރެކޮށް، ރާއްޖޭގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ވެސް ހުޅުވައިލަން ވަނީ ނިންމައިފަ އެވެ. އެފްރިކާ އަކީ ރާއްޖެ އަށް ތަރުކާރީ އާއި މަހުގެ ބާވަތްތައް އެތެރެކުރާ ގައުމެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝާ ވިދާޅުވީ އެ ދަތުރުތައް ފެށުމަކީ ދެކުނުގެ އިގްތިސާދަށާއި އޭވިއޭޝަން ދާއިރާ އަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ހުރިހާ ތަނެއް ގުޅާލަން ލިބޭނެ ފުރުސަތަކަށް މި ދަތުރުތައް ވާނެ. ޖުމުލަކޮށް ރާއްޖޭގެ ތަރައްގީ އަށް ލިބޭ ބޮޑު ކުރިއެރުމެއް މިއީ،" އައިޝާ ވިދާޅުވި އެވެ.

ދަތުރުތައް ފެށުމުގެ ހަފްލާގައި ގާސިމް ބައިވެރިވެ ވަޑައިގަންނަވަނީ--

ދަތުރުތައް ފެށުމުގެ ހަފްލާގައި ގާސިމް ބައިވެރިވެ ވަޑައިގަންނަވަނީ--

ދަތުރުތައް ފެށުނު ގޮތާ ގުޅޭގޮތުން ޗަމްޕާ އަފީފް ވިދާޅުވީ އެއީ އެ ދަތުރުތަކުގެ ޓުއާ އޮޕަރޭޓާ، "އެއާ ޓުއާ އޮޕަރޭޓާސް"ގެ މެނޭޖިން ޑިރެކްޓަރު ކޭތު ގޮވްގެ ހިޔާލެއް ކަމަށެވެ. ސައުތު އެފްރިކާ އަށް ނިސްބަތްވާ ކޭތު އެންމެ ފުރަތަމަ ރާއްޖެ އައީ 1977 ވަނަ އަހަރު އެވެ. އެއީ އިނގިރޭސީން ގަމުގައި ތިބި ދުވަސްވަރެވެ. އެ ދަތުރުތައް ފެށުމަކީ އޭރުއްސުރެ އޭނާގެ ޕްލޭނެއް ކަމަށް އަފީފް ވިދާޅުވި އެވެ.

ކީތު އައްޑޫގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށް ނިންމާފައިވާއިރު އޭނާއާ ބައްދަލުކޮށް، ވިޔަފާރިތަކަށް އޮތް ފުރުސަތުތައް ހޯދުމަށް އަފީފް ވިޔަފާރިވެރިންނަށް އިލްތިމާސްކުރެއްވި އެވެ.

"ވިޔަފާރިވެރިންނަށް އެއްޗެހި ގަނެވޭނެ ގޮތް ހަމަޖައްސަން ކީތު ވަރަށް ސާމްޕަލް ގެނައި. ބައްދަލުކޮށް އެ ސާމްޕަލްތައް ބަލައި އަގުތަކާ އެއްޗެހި ބަލައި އެ ރޮނގުން ވެސް އައްޑޫ ސިޓީއަށާއި މާލޭގައި ވިޔަފާރި ކުރާ މީހުންނަށް ފައިދާވާނެ ގޮތަކަށް މަސައްކަތް ކުރުމަށް އެދެން،" އަފީފް ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ދޮރެއް ހުޅުވުނު. މީގެ ކުރިން މުޅިން ފޯކަސް މިއޮތީ އުތުރަށް. މިބުނީ ޔޫރަޕަށް. ސައުތަށް ބަލާ މީހަކު ނޫޅުނު. އެހެންވީމަ ނަސީބަކުން ކީތުއާ ދިމާވެގެން އެކޮޅުން މީހުން ގެންނަން. މި މީހުން އެބަހުރި ވަރަށް ހިޔާލު. މި ދާއިރާ ފުޅާކުރަން."

ކީތު ވިދާޅުވީ އޭނާގެ މަގުސަދަކީ ސައުތު އެފްރިކަން އެއާލައިނަށާއި ރާއްޖެ އަށް ފައިދާ ހޯދައިދިނުން ކަމަށެވެ. ގަން ހަބަކަށް ހަދައި އެ އެއާޕޯޓުން ލަންޑަނަށާއި ހޮންގޮން ފަދަ މަންޒިލްތަކަށް ދަތުރު ފަށަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ސައުތު އެފްރިކަން އެއާލައިންގެ ދެ ފްލައިޓް ހަފްތާއަކު ގަމަށް ދަތުރުފެށުމަކީ އުއްމީދު ކަމަށް އޭނާ ވިދާޅުވި އެވެ.

"ލަންޑަނުން ގަމަށް. އަދި ގަމުން އޮސްޓްރޭލިއާ އަށް. ހޮންކޮންގުން ގަމަށް. އަދި ގަމުން ސައުތް އެފްރިކާ އަށް. މިއީ ޕްލޭނަކީ. މިއީ ދިގު ދަތުރެއް. ބުރަ ކަމެއް،" ކީތު ވިދާޅުވި އެވެ.

އައްޑޫ މޭޔަރު، އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ކެޕޭސިޓީ އިތުރުކޮށް އަދި ދެކުނުގެ ރަށްތަކުގެ ތެރެއިން ޓޫރިޒަމަށް ފުރުސަތު އޮތް ރަށްތަކާ ގުޅުވާލަން ޖެހޭ ކަމަށެވެ. އައްޑޫއަކީ މަސްވެރި ސަރަހައްދަކަށް ވާއިރު އެ އެއާލައިން މެދުވެރިކޮށް މަސް ވެރިކަމުގެ ދާއިރާ އަށް ފުރުސަތު އޮތުމަކީ ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ.

ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަންނަ ސައުތު އެފްރިކާއިން ރާއްޖެ އައުމަށް އާއްމުކޮށް 12 ގަޑިއިރު ދަތުރު ކުރަން ޖެހެ އެވެ. ނަމަވެސް ޑައިރެކްޓް ފްލައިޓާއެކު އެ ދަތުރު މިހާރު އެވަނީ ހަތް ގަޑިއިރަށް ކުރުވެފަ އެވެ.

އައްޑޫގައި ޓޫރިސްޓް ހޮޓަލެއްގެ ގޮތުގައި އީކުއޭޓާ ވިލެޖުގެ އިތުރުން ޝަންގްރިއްލާ ރިސޯޓާއި ހެރަތެރަ ރިސޯޓް އަންނަނީ ހިންގަމުންނެވެ. އެ ސިޓީގެ ޓޫރިސްޓު ބެޑް ކެޕޭސިޓީ އަކީ މިހާރު 1174 އެވެ. މި ދަތުރުތަކާ އެކު އައްޑޫގެ ޓޫރިޒަމް ފުޅާވެގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

އެ ދަތުރުތަކުގެ ޓުއާ އޮޕަރޭޓާ، "އެއާ ޓުއާ އޮޕެރޭޓާސް"ގެ މެނޭޖިން ޑިރެކްޓަރު ކޭތު ގޮވް ކުރިން ވިދާޅުވީ އެފްރިކަން އެއާވޭސް އަކީ ދުނިޔޭގެ ގިނަ ގައުމުތަކަށް ދަތުރުކުރާ އެއާލައިނަކަށް ވުމުން އަލަށް ފަށާ ދަތުރުތަކާ އެކު ގިނަ ގައުމުތަކަކުން ރާއްޖެ އަށް ޓޫރިސްޓުން ގެންނާނެ ކަމަށެވެ.