Roadha Mihaaru
ޗާއިނާ އިން ނެގި ދަރަނީގެ މިންވަރު 21 ބިލިއަނަށް!

ޖުމްލަ ދަރަނި 57 ބިލިއަން ރުފިޔާ، ޗައިނާ އިން އެކަނި 21 ބިލިއަން ރުފިޔާ

03 ޑިސެމްބަރ 2018

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންގެ ދަރަންޏާއި ގެރެންޓީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު (57 ބިލިއަން ރުފިޔާ) ނަގާފައިވާ އިރު، އޭގެ ތެރެއިން 1.4 ބިލިއަން ޑޮލަރަކީ ޗައިނާ އިން ނަގާފައިވާ ދަރަންޏާއި ގެރެންޓީ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންގެ ދަރަންޏާއި ގެރެންޓީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު (57 ބިލިއަން ރުފިޔާ) ނަގާފައިވާ އިރު، އޭގެ ތެރެއިން 1.4 ބިލިއަން ޑޮލަރަކީ ޗައިނާ އިން ނަގާފައިވާ ދަރަންޏާއި ގެރެންޓީ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަ އިބްރާހިމް އަމީރު ވިދާޅުވީ ކުރީ ސަރުކާރުން އެންމެ ގިނަ އިން ލޯނު ނަގާފައިވަނީ ޗައިނާ އިން ކަމަށެވެ.

"ޗައިނާ އިން ނަގާފައިވާ ދަރަނީގެ ތެރެއިން މިހާތަނަށް [ދައުލަތަށް] ޑިސްބާސް ކޮށްފައިވަނީ (ދޫކޮށްފައިވަނީ) 857 މިލިއަން ޑޮލަރު. ފިނޭންސް މިނިސްޓްރީން މިހާތަނަށް ކޮންޓްރެކްޓް ކޮށްފައި އެބައިން 1.4 ބިލިއަން ޑޮލަރު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ދަރަނި 2.8 ބިލިއަން ޑޮލަރުގައި މިހާރު ހުރި އިރު އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 53 ޕަސެންޓް ކަމަށެވެ.

އާ ސަރުކާރު ވެރިކަމާ ހަވާލުވި އިރު ދައުލަތުގެ އެކި ކުންފުނިތަކަށް ދައުލަތުން ދޫކުރަންޖެހޭ ފައިސާގެ މިންވަރު 2.4 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ޕާޗޭސް އޯޑަރުގެ ގޮތުގައި 428 މިލިއަން ރުފިޔާ އާއި އިންވޮއިސްގެ ގޮތުގައި 824 މިލިއަން ރުފިޔާ އާއި އާސަންދަ އަށް 103 މިލިއަން ރުފިޔާ ދޭން ޖެހެ އެވެ. އަދި އެސްޓީއޯ އަށް 786 މިލިއަން ރުފިޔާ ދޭންޖެހޭ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.