Roadha Mihaaru
ދަރަނި ރިސްޓްރަކްޗާކުރަން މަޖިލީހުން ސަރުކާރަށް ލަފާދީފި

ދަރަނި ރިސްޓްރަކްޗާކުރަން މަޖިލީހުން ސަރުކާރަށް ލަފާދީފި

27 އޮކްޓޯބަރ 2020

އެހެން ގައުމުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ނަގާފައިވާ ދަރަނިތައް ފިޔަވައި އެހެން ދަރަނިތައް ރިސްޓްރަކްޗާކުރަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ލަފާދީ ރިޕޯޓެއް މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެހެން ގައުމުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ނަގާފައިވާ ދަރަނިތައް ފިޔަވައި އެހެން ދަރަނިތައް ރިސްޓްރަކްޗާކުރަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ލަފާދީ ރިޕޯޓެއް މިއަދު ފާސްކޮށްފި އެވެ.

ދައުލަތުގެ ދަރަނީގެ ކަންތައްތައް ހުރި ނެތްގޮތް ބަލައި މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް މިއަދުގެ ޖަލްސާއިން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 56 މެމްބަރުންގެ ވޯޓުންނެވެ.

ދަރަންޏާ ގުޅޭ ގޮތުން 10 ކަމެއް ކުރަން ރިޕޯޓުގައި ސަރުކާރަށް ލަފާދީފައިވެ އެވެ. ލޯނުތައް ރިސްޓްރަކްޗާކުރުން ނުވަތަ ރިޕްރޮފައިލްކުރުމަކީ އޭގެ ތެރެއިން ފުރަތަމަ ކަންތަކެވެ. ދަރަނީގެ ކަންތައް އެގޮތަށް ހަމަަޖައްސަން ހާއްސަ ކޮމިޓީއެއް އުފައްދައި، އެ ކޮމިޓީ އަށް ބައިނަލްއަގުވާމީ މާލީ މާހިރުންގެ ފަންނީ ލަފާ ހޯދަން ވެސް އެ ހުށަހެޅުމުގައި ލަފާދީފައިވެ އެވެ. ކޮމިޓީގެ މަސަައްކަތް އަށް މަސްދުވަހުގެ ތެރޭގައި ނިންމައި ކޮމިޓީގެ ހޯދުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި މަޖިލީހަށް ހުށަހަޅަން ވެސް ރިޕޯޓްގައި ލަފާދީފައިވެ އެވެ.

ކޮމިޓީގެ މަސައްކަތްކުރަމުން އަންނަ ގޮތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މަހަކު އެއްފަހަރު ބަލާނެ އެވެ.

ފިނޭންސް މިނިސްޓްރީ އާއި މަރުކަޒީ ބޭންކް އެމްއެމްއޭ އިން މައުލޫމާތުތައް އެއްކޮށްގެން މަޖިލީހުން އެކުލަަވައިލި އެ ރިޕޯޓްގައިވާ ގޮތުން ދައުލަތުގެ ދަރަނީގެ ޖުމްލަ އަކީ މިހާރު 172 މިލިއާން ރުފިޔާ އެވެ. ރިޕޯޓްގައި ރިސްޓްރަކްޗާކުރަން ލަފާދީފައި ވަނީ ގައުމުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތައް ކަަމަށް ވާއިރު އެފަދަ ދަރަނީގެ ޖުމްލަ އަކީ 25.9 ބިލިއަން ރުފިޔާ އެވެ. އެހެންވެ، ރިސްޓްރަކްޗާކުރަން ޖެހޭ ދަރަނީގެ ޖުމްލައަކީ 146.1 ބިލިއަން ރުފިޔާ އެވެ.

ރިޕޯޓްގައި ސަރުކާރަށް ލަފާދީފައިވާ މުހިއްމު އަނެއް ކަމަކީ އަންނަ އަހަރު ދައްކަން ޖެހޭ އެތެރޭގެ ދަރަނިތައް ރޯލް-އޯވާ ކޮށް އެދަރަނި ދެއްކުން ފަސްކުރަން ފިނޭންސް މިނިސްޓްރީއަށް އެންގުމެވެ. ދަރަނި ރިސްޓްރަކްޗާކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެންނަން ވެސް ރިޕޯޓްގައި ލަފާދީފައި ވެއެވެ. އެގޮތުން އިސްލާހުކުރަން ޖެހޭނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނެވެ. ދައުލަތުން ގެރެންޓީ ދީގެން ލޯނުތައްް ނަގައިގެން ކުރާ މަަސައްކަތް ހިނގާ ނުހިނގާ ގޮތް ފިނޭންސުން ބަލަން ފެށުމަށް ވެސް މަޖިލީހުން ލަފާ ދިނެވެ.

ދަރަންޏާ ބެހޭ ގޮތުން ފާހަގަވި ކަންތައްތައް

ދައުލަތުގެ ދަރަންޏާ ބެހޭ ގޮތުން މަޖިލީހުން އެކުލަވައިލި ރިޕޯޓްގައި މަޖިލީހަށް ފާހަގަކުރެވުނު ކަންތައްތަކެއް ހިމަނާފައިވެ އެވެ. އެފަދަ އެއްކަމަކީ ދައުލަތުން ލޯނުތައް ނަގާފައި ވަނީ ކޮންސެޝަނަލް ރޭޓްތަކުގައި ކަމަށް ވިޔަސް ބޮންޑް ވިއްކާފައި ވަނީ ބޮޑެތި އިންޓަރެސްޓް ރޭޓްގައި ކަމެވެ. އެގޮތުން ހަތް ޕަސެންޓް އިންޓަރެސްޓްގައި ވެސް ބޮންޑް ވިއްކާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.

އެގޮތަށް ވިއްކާފައިވާ ބޮންޑަށް 2022 ވަނަ އަހަރު ފައިސާ ދައްކަން ޖެހޭ އިރު އެެ ބޮންޑްތައް ރިޕްރޮފައިލް ކުރަން ރިޕޯޓްގައި ލަފާދީފައި ވެ އެވެ. ދަރަނިތަކަށް އަނބުރާ ފައިސާ ދައްކަން މިދިޔަ އަހަރު 10 ބިލިޔަަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްްފައިވާ ކަމާއި މިއަހަރު ވެސް ނުވަ ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެކަން ވެސް ފާހަގަކުރެވޭ ކަމެއްގެ ގޮތުގައި ރިޕޯޓްގައި ހިމަނާފައި ވެ އެވެ. ފާހަގަކޮށްފައިވާ އަނެއް ކަމަކީ ދަރަނީގެ ރިސްކް އެންމެ ބޮޑީ ދައުލަތުން ގެރެންޓީ ދީގެން ދަރަނިތަކުގައި ކަމެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދަރަނި އަދާކުރުމުގެ ހަރަދު އަހަރުން އަހަރަށް ދަނީ ބޮޑުވަމުންނެވެ. އަދި ދަރަނީގެ ސަބަބުން އޮތް އެންމެ ބޮޑު އެއް ރިސްކަކީ އެކަމަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ހަރަދުކުރަން ޖެހުމުން، ބޭރުފައިސާގެ ދަތިކަން ކުރިމަތިވުމެވެ. އެ ރިސްކު ކުޑަކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެގޮތުން ކުރެވޭނެ އެއް ކަމަކީ ހަރަދުކުޑަކުރުން ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.