Roadha Mihaaru
އެއްވެ އުޅުން ހަނިކުރާ އިސްލާހު ގާނޫނުއަސާސީއާ ހިލާފު

އެއްވެ އުޅުން ހަނިކުރާ އިސްލާހު ގާނޫނުއަސާސީއާ ހިލާފު، އަޅުގަނޑު ޖަހާނީ ރަތް: ފާރިސް

17 އޯގަސްޓް 2016

އެއްވެ އުޅުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި އެ އިސްލާހަށް ވޯޓު ނުދެއްވާނެ ކަމަށް ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހްމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެއްވެ އުޅުމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި އެ އިސްލާހަށް ވޯޓު ނުދެއްވާނެ ކަމަށް ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހްމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް، މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު އިސްލާހެއް ހުށަހެޅުއްވީ، ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމެނުމަށެވެ. އަދި އެ ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި، ހޯމް މިނިސްޓްރީން ގެޒެޓް ކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ހެދި މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތު މިހާރު ލިބިވަޑައިގަންނަވަނީ ވަރަށް މަދުން ކަން ފާހަގަކުރައްވައި، މި އިސްލާހަށް ފާޑުވިދާޅުވަމުން ފާރިސް ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށް މި އިސްލާހުން އަރައިގަނެވޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުމުގެ މިނިވަންކަން ފެހި ގާނޫނު އަސާސީން ރައްޔިތުންނަށް ހޯދައިދީފައި ވަނީ އިސްލާހީ މަސައްކަތްތަކުގެ ތެރެއިން ކަން އޭނާ ވިދާޅުވި އެވެ.

"އިންތަކެއް ކަނޑައަޅައި މިގޮތަށް ރައްޔިތުންނަށް ހޯދައި ދީފައި އޮތް ހައްގެއް އިތުރަށް ހަނިކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ކުރެވޭނެ ކަމެއް ނޫން. ގާނޫނުއަސާސީގެ ރޫހާ ވެސް ހިލާފު ކަމެއް،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމީ ސަލާމަތާ ގުޅޭ ކަންކަމާ ގުޅިގެން ވަކި ސަރަހައްދުތަކެއް ކަނޑައަޅައި އެ ސަރަހައްދުތަކަށް އެއްވެ ނުވަތަ މުޒާހަރާ ނުކުރެވޭނެ ކަން ގާނޫނުން އޮތީ ކަނޑައަޅައިފަ އެވެ. މި ސަރަހައްދުތައް ކަނޑައަޅާފައި އޮއްވައި، ގާނޫނާހިލާފަށް އިތުރަށް ހަނިކުރަން ތަންތަން ކަނޑައަޅައި މުޒާހަރާކުރަން ހުއްދަ ހޯދަން ޖެހޭ ގޮތަށް ބަދަލު ނުކުރެވޭނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

"އެއްވެ އުޅުމުގެ ގާނޫނަށް މި ގެންނަ އިސްލާހާ މެދު ޕީޕީއެމްގެ ވަރަށް ގިނަ މެމްބަރުންނާއި އަޅުގަނޑުގެ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް،" ފާރިސް ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް މި ގެންނަ އިސްލާހުގެ އިތުރުން ވެސް ގާނޫނުއަސާސީގެ ދެ ވަނަ ބާބުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ނިގުޅައިގަންނަމުންދާތީ ފާރިސް ކަންބޮޑުވުންފާޅުކުރެއްވި އެވެ.

އޭނާ ވިދާޅުވީ ހިޔާލުފާޅުކުރުމާއި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ގާނޫނެއް ފާސްކުރީ ވެސް ގާނޫނުއަސާސީއާ ފުށުއަރާގޮތަށެވެ. އެއްވެ އުޅުމުގެ ގާނޫނަށް މި ގެންނަ އިސްލާހަކީ ވެސް އަސާސީ ހައްގުތައް ހުރަސްއެޅޭ ގޮތަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއަށް އިތުރުވި ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ބީލަމަށް ނުލައި ފަޅުތަކާއި ފަޅު ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލާ ދެކޮޅަށް ވޯޓު ދެއްވުމަށް ފަހު ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ހަނިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކާ ވެސް ފާރިސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވަން ފާސްކުރި ބިލަށް ވެސް އޭނާ ވޯޓެއް ނުދެއްވަ އެވެ.

ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ފާސްކުރި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވުމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ސުލޫކީ ކޮމެޓީ އަށް މައްސަލަ ހުށަހަޅައި ފާރިސް ވަނީ ޕީޕީއެމުން ވަކިކޮށްފަ އެވެ. އެކަމަކު އެއީ ސައްހަ ނިންމުމެއް ނޫން ކަަމަށް ޕީޕީއެމް އޮފީހުން ވަނީ ބަޔާން ނެރެފަ އެވެ.