Roadha Mihaaru
ގާސިމާއި ކޯލިޝަންގެ ފަސް މެމްބަރަކު ބިލާ ދެކޮޅު

އެއްވެ އުޅުން ހަނިކުރަން ޕީޕީއެމް ކޯލިޝަންގެ ފަސް މެމްބަރަކާއި ގާސިމް ދެކޮޅު

17 އޯގަސްޓް 2016

އެއްވެ އުޅުން ހަނިކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކުރަން ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ކޯލިޝަންގެ ފަސް މެމްބަރަކު އެ ވިޕާ ހިލާފުވުމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އެއާ ދެކޮޅަށް މިއަދު ވޯޓު ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެއްވެ އުޅުން ހަނިކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކުރަން ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ކޯލިޝަންގެ ފަސް މެމްބަރަކު އެ ވިޕާ ހިލާފުވުމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އެއާ ދެކޮޅަށް މިއަދު ވޯޓު ދެއްވައިފި އެވެ.

އެއްވެ އުޅުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ދިއްގަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ފާރިސް މައުމޫން، ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފެވެ. ތަޅުމުގައި އިންނަވައި އެކަމަކު އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވީ ތިމަރަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު މުސްތޮފާ އެވެ. ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮން މަނިކު މަޖިލިހުގައި އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައެއް ނުގެންނެވި އެވެ.

މީގެ އިތުރުން ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ނާޒިމް ރަޝާދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި ނަމަވެސް ވޯޓު ގަޑީގައި އޭނާއެއް ނެތެވެ.

ކޯލިޝަންގެ ވިޕާ ދެން ހިލާފުވެވަޑައިގަތީ ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ. ވޯޓު ނެގުމުގެ ބައިގަޑިއެއްހާއިރު ކުރިން އޭނާ މަޖިލިހުން ނުކުންނެވީ ތްރީ ލައިން ވިޕް ވެސް ނެރުއްވި ފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ވަހީދު ވާހަކަ ދައްކަވަނީ: އެއްވެ އުޅުމުގެ ހައްގު ހަނިކުރާ ބިލަށް ވޯޓަށް އެހުމުގެ ކުރިން އޭނާ މަޖިލިސް ދޫކުރައްވައި ވަޑައިގެންފި.--- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ވަހީދު ވާހަކަ ދައްކަވަނީ: އެއްވެ އުޅުމުގެ ހައްގު ހަނިކުރާ ބިލަށް ވޯޓަށް އެހުމުގެ ކުރިން އޭނާ މަޖިލިސް ދޫކުރައްވައި ވަޑައިގެންފި.--- ފޮޓޯ: މަޖިލިސް

ބީލަމަށް ނުލައި ޓޫރިޒަމްގެ މަސައްކަތްތަކަށް ރަށްރަށާއި ފަޅު ފަދަ ތަންތަން ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހަށް ވޯޓު ނެގިއިރު ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމުން ވައްޑޭ ވަނީ ކުރިން އޭނާ ހިމެނުނު ކޮމިޓީން އެއަށް ވުރެ އާދައިގެ ކޮމިޓީއަކަށް ވެސް ބަދަލުކޮށްފަ އެވެ.

އެއްވެއުޅުން ހަނިކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްވީ ޕީޕީއެމް އާއި އެމްޑީއޭގެ 37 މެމްބަރުންގެ ވޯޓުންނެވެ.

ރައީސް ޔާމީނާއި ގާސިމް ސަލާމް ކުރައްވަނީ: އެއްވެ އުޅުން ހަނިކުރުމަށް ގާނޫނަށް މިއަދު ގެނައި އިސްލާހާ ދެކޮޅަށް ގާސިމް ވަނީ ވޯޓު ދެއްވާފައި.---މިހާރު ފޮޓޯ

ރައީސް ޔާމީނާއި ގާސިމް ސަލާމް ކުރައްވަނީ: އެއްވެ އުޅުން ހަނިކުރުމަށް ގާނޫނަށް މިއަދު ގެނައި އިސްލާހާ ދެކޮޅަށް ގާސިމް ވަނީ ވޯޓު ދެއްވާފައި.---މިހާރު ފޮޓޯ

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރުން ވޯޓު ދެއްވީ މި އިސްލާހާ ދެކޮޅަށެވެ. މީގެ ކުރިން ސަރުކާރުގެ ބިލްތަކާ އެއްކޮޅަށް ވޯޓު ދެއްވި ނަމަވެސް ގާސިމް ވަނީ މި ބިލް ބަލައިގަންނަން ވެސް ދެކޮޅު ހައްދަވައިފަ އެވެ. އޭނާގެ އެ ނިންމެވުން މިއަދުގެ ވޯޓުގައި ވެސް ދެއްކެވި އެވެ.

މަޑުއްވަރީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަމީތު މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އެއްވެ އުޅުން ހަނިކުރާ އިސްލާހަށް މަޖިލިހުގައި މިއަދު ވޯޓަށް އެހިއިރު އޭނާ މަޖިލިހަށް ވަޑައެއް ނުގަންނަވާ.---ފޮޓޯ: މަޖިލިސް

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިޔާލުފާޅުކުރުން ހުއްޓުވަން މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓަށް އެހިއިރު ޖަލްސާ އަށް ވަޑައިނުގެންނެވި ގޮތަށް އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވެސް ވަޑައެއް ނުގަންނަވަ އެވެ. އޭގެ އިތުރުން ހިޔާލުފާޅުކުރުން ހުއްޓުވުމުގެ ބިލާ ދެކޮޅަށް ވޯޓު ދެއްވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ނަޝީދު ވެސް މިއަދުގެ ޖަލްސާގައި ނެތެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ސަލީމް ވާހަކަ ދައްކަވަނީ: ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހަޅުއްވާ ބައެއް ކަންކަމާ އޭނާ ސީދާ ދެކޮޅު. --ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ސަލީމް ވާހަކަ ދައްކަވަނީ: ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހަޅުއްވާ ބައެއް ކަންކަމާ އޭނާ ސީދާ ދެކޮޅު. --ފޮޓޯ: މަޖިލިސް

ޕީޕީއެމް ކޯލިޝަނުން ނެރޭ ތްރީ ލައިން ވިޕުތަކާ ހިލާފަށް އެ ކޯލިޝަންގެ ބައެއް މެމްބަރުން ވޯޓު ދެއްވުން މިހާރު ވަނީ އާންމު ކަމަކަށް ވެފަ އެވެ. ވިޕާ ހިލާފުވެވަޑައިގަންނަވާ މެމްބަރުންގެ މައްސަލަ ބަލާނެ ކަމަށް ބުނި ނަމަވެސް، އެ މެމްބަރުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

މިއަދު ފާސްކުރި އިސްލާހުގައިވާ ގޮތުން ހޯމް މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް އިއުލާންކޮށްފައިވާ ތަންތަނުގައި ފުލުހުން ލިޔުމަކުން ދޭ ހުއްދައަކާ އެކު ނޫނީ އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ނުބޭއްވޭނެ އެވެ. އަދި މި އިސްލާހު ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި ހޯމް މިނިސްޓްރީން ގެޒެޓް ކުރަން ޖެހެ އެވެ.