Roadha Mihaaru
ހަތް މެމްބަރުންގެ ހިތްވަރަށް ސާބަސް، ޝުކުރިއްޔާ

ހަތް މެމްބަރުންގެ ހިތްވަރަށް ސާބަސް، ޝުކުރިއްޔާ

10 އޯގަސްޓް 2016

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި ބިލާ ދެކޮޅަށް ވޯޓު ދެއްވި ހުރިހާ މެމްބަރުންނަށް ޝުކުރިއްޔާ އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވި 31 މެމްބަރުންނާއި ވޯޓު ގަޑިއަށް މަޖިލިހަށް ވަޑައިނުގެންނެވި ބޭފުޅުން ގައުމަށްޓަކައި އެވީ ގުރުބާނީއެކެވެ. އެކަމަކު އޭގެ ތެރެއިން ރަން އަކުރުން ފަވާލަން ޖެހޭ ހަތް މެމްބަރަކު އެބަ ތިއްބެވެ. ސަރުކާރުގެ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ނިސްބަތްވާ ހަތް މެމްބަރުންނެވެ. އެ ބޭފުޅުންގެ ކެރުމާއި ހިތްވަރު މިއަދު ނޫސްވެރިން ފާހަގަކުރަން ޖެހެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި ބިލާ ދެކޮޅަށް ވޯޓު ދެއްވި ހުރިހާ މެމްބަރުންނަށް ޝުކުރިއްޔާ އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވި 31 މެމްބަރުންނާއި ވޯޓު ގަޑިއަށް މަޖިލިހަށް ވަޑައިނުގެންނެވި ބޭފުޅުން ގައުމަށްޓަކައި އެވީ ގުރުބާނީއެކެވެ. އެކަމަކު އޭގެ ތެރެއިން ރަން އަކުރުން ފަވާލަން ޖެހޭ ހަތް މެމްބަރަކު އެބަ ތިއްބެވެ. ސަރުކާރުގެ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށް ނިސްބަތްވާ ހަތް މެމްބަރުންނެވެ. އެ ބޭފުޅުންގެ ކެރުމާއި ހިތްވަރު މިއަދު ނޫސްވެރިން ފާހަގަކުރަން ޖެހެ އެވެ.

ބިލަށް ނޫނެކޭ ވިދާޅުވެ "ރަތް" ޖެއްސެވި ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ނަޝީދާއި ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތިމަރަފުށި ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާ އާއި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފު އެކަން ކުރައްވާނީ ޔަގީނުން ވެސް ފަސޭހަ ކަމަކަށް ވާތީއެއް ނޫނެވެ. ވޯޓު ނެގި ވަގުތު މަޖިލިހަށް ވަޑައިނުގެންނެވި ޕީޕީއެމްގެ ތިން މެމްބަރުން ކަމަށްވާ އޭދަފުށި ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު އަދި ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދަށް ވެސް އަންނާނެ ޕްރެޝަރާ އެކު "ފިތޭނެ" ވަރު ކިތަންމެ ރަނގަޅަކަށް ވެސް ވަޒަންކުރެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ތިން މެމްބަރުން ކަމަށްވާ ނާޒިމް ރަޝާދު (ކ)، އަހުމަދު ސަލީމް (މ) އަދި އަމީތު (ވ). ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ތިން މެމްބަރުން ކަމަށްވާ ނާޒިމް ރަޝާދު (ކ)، އަހުމަދު ސަލީމް (މ) އަދި އަމީތު (ވ). ފޮޓޯ: މަޖިލިސް

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ބިލް އޮތަސް އޭގެ ސަބަބުން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓޭނެކަން މި ހަތް މެމްބަރުން ގަބޫލުކުރައްވައި އެއާ ދެކޮޅަށް ތެދުވެވަޑައިގަތުމަކީ ފަސޭހަ ކަމެއް ނޫނޭ މި ބުނަނީ ސަބަބުތަކަކާ އެކުގަ އެވެ. ވޯޓަށް މަޖިލިހަށް ވަޑައިނުގެންނެވި ބައެއް މެމްބަރުންނާއި ފަހުން "ޕްރެޝަރު" ބޮޑުވެގެން ވޯޓު ގަޑިއަށް މަޖިލިހަށް ވަޑައިގެންނެވި މެމްބަރުން އެދުވަހު އުޅުއްވި ގޮތް ވަރަށް ކައިރިން ފެނުނެވެ. ވޯޓަށް ދޮޅު ގަޑިއެއްހާއިރު ވެފައި ވަނިކޮށް ވެސް، އެބޭފުޅުން ހަދާނެ ގޮތް ހުސްވެގެން ދެކޮޅަށް ހިންގަވައި، ދެއްކެވި ވާހަކަތައް އަޅުގަނޑަށް އިވުނެވެ.

އެ މެމްބަރުންގެ އަމަލުތައް ހުރި ގޮތުން، މި ބިލްގެ ވޯޓަށް މަޖިލިހަށް ވަޑައިނުގަތުމަކީ ކިހާ އުނދަގޫ އަދި ކުރިމަގަށް ވެސް އަސަރު ކުރާނެ ކަމެއްކަން ސާފުކޮށް އެނގުނެވެ. ބައެއް މެމްބަރުން އެންމެ ފަހު ވަގުތު މަޖިލިހަށް ވަޑައިގަތީ ގޮތް ހުސްވެ، "އެކައްޗެއް ކިޔައި" ވަކި ކަމަކަށް އެއްބަސްވި "އަޚު މެމްބަރުންނަށް" ވެސް އޮޅުވާލައިފަ އެވެ. ބިލާ ދެކޮޅަށް ފާޅުގައި ވާހަކަ ވެސް ދައްކަވައިފަ އެވެ. އޭގެ ތެރެއިން މަޖިލިހަށް ވަޑައިނުގެންނެވި ބައެއް މެމްބަރުން އެ ގޮތުގައި ހިފެހެއްޓެވިއިރު ވެސް މޫނުމަތިން ފެނުނީ ހާސްކަމާއި ނުތަނަވަސް ކަމެވެ. މަޖިލިހަށް ވަޑައިނުގަތުމުގެ އަދަބެއްގެ ގޮތުން، ޖަލު ގޮޅީގެ ވާހަކަ ވެސް ބައެއް ބޭފުޅުން ދެއްކެވި އެވެ. ފްރޭމް ކޮށްފާނެ ކަމުގެ ބިރު ވެސް އޮތެވެ. އެ ހުރިހާ ކަމެއް ލޯމަތިން ފެންނަ ފަދައިން ވާހަކަ ދެއްކެވި ނަމަވެސް މަޖިލިހަށް ވަޑައިނުގަތީ ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ހައްގުގައިކަން އަޅުގަނޑު ޔަގީންކުރަމެވެ.

މަޖިލިހުގައި ބިލާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރަކަށް، ވޯޓުގެ ކުރިން ގުޅައި ވެސް ލީމެވެ. އެ މެމްބަރު އޭރު ވިދާޅުވި ގޮތުން ނަމަ، ބިލަށް އޭނާ އާނއެކޭ ޔަގީނުން ވެސް ވިދާޅެއް ނުވާނެ އެވެ. "ފެހި" ޖެއްސެވުމުގެ ބަދަލުގައި ހުންނަވާނީ ވަކިކޮޅަކަށް ނުވަތަ "އެބްސްޓެއިން" ބަޓަނަށް ފިތަން ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ވޯޓުގެ ނަތީޖާ އައިއިރު އެ މެމްބަރު ޖެއްސެވީ ރަތެވެ؛ އެކަމުގެ އުފަލުގައި ގުޅާލީމާ ލިބުނު ޖަވާބަކީ "ﷲ އަށް ވަކީލުކޮށްފައި" ރަތަށް ފިތާލެއްވީ ކަމަށެވެ. އޭނާ ވިދާޅުވީ ތްރީލައިން ވިޕާ ހިލާފުވެގެން، "އަޅާ ފިޔަވަޅެއް އަޅާނެ" ކަމަށާއި މި ބިލު ކުރިއަށް ވުރެ ގޯސްވުމުން ސީދާ ރަތް ޖެހުން ނޫން ގޮތެއް ފެނިވަަޑައިނުގެންނެވީ ކަމަށެވެ. މި މެމްބަރާ ވޯޓުގެ ކުރިން އަދި ފަހުން އަޅުގަނޑު ފޯނުން ވާހަކަ ދެއްކިއިރު ވެސް އަޑުގައި ހުރި ނުތަނަވަސްކަން ސާފުވެ އެވެ. އޭނާގެ ލޭގެ ޕްރެޝަރު އެ ވަގުތު ޗެކް ކުރި ނަމަ، ހުންނާނީ ވަރަށް މަތީގައި ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. އެހާ ވަރަށް އަޑުގައި ތުރުތުރުއެޅުން ހުއްޓެވެ. ދޭތެރެދޭތެރެއިން އަޅުގަނޑު ވާހަކަ ދައްކާ މެމްބަރުންގެ އަޑުގައި ހާސްކަމެއް އުޅޭ ކަމަށް ވަންޏާ އެނގޭނެތާ އެވެ.

ސަރުކާރުގެ އެކި ފެންވަރުގަ އާއި ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ވޯޓުލާން ތަކުރާރުކޮށް އެންގުމުން ވެސް އެއާ ހިލާފު ވާނީ ސަބަބުތަކެއް ހުރެގެންނެވެ. އެ ހުރިހާ މެމްބަރުން އެކަން ކުރައްވާނީ ހަމައެކަނި ސިޔާސީ ގޮތުން ކަމަށް ބުނަން ވަރަށް ދައްޗެވެ.

މިސާލަކަށް ނަޝީދު ނަގަމާ ހިނގާށެވެ؛ މީގެ ކުރިން އޭނާ ގާތްގަނޑަކަށް ހުރިހާ ވޯޓެއްހެން ދެއްވީ ޕީޕީއެމްގެ ޕީޖީ ގުރޫޕުން ބޭނުންވާ ގޮތަށެވެ. އެކަމަކު ހިޔާލުފާޅުކުރުން ހުއްޓުވާ ބިލް އެންމެ ކުޑަމިނުން މަޖިލިހަށް ބަލައިގަންނަން ވެސް އޭނާ ތާއީދެއް ނުކުރެއްވި އެވެ. އެފަހަރުގެ ވޯޓު ވަކި ކޮޅަކަށް ނުދެއްވަ އެވެ. ކޮމިޓީން މުޅިން އާ ޑްރާފްޓެއްގެ ގޮތުގައި ބިލް މަޖިލިހަށް ހުށަހެޅުމުން ސީދާ އެ ބިލަށް ރަތް ޖައްސަވާނީ ބިލް ވަރަށް ބޮޑަށް ގޯސްވެގެންނެވެ. މިހާތަނަށް އެހާ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރުގެ ވިސްނުމާ ދެކޮޅަށް އޭނާ މަސައްކަތެއް ނުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ނަޝީދު ވާހަކަ ދައްކަވަނީ: ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލާ ސީދާ ދެކޮޅަށް ވޯޓު ދެއްވި --ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ނަޝީދު ވާހަކަ ދައްކަވަނީ: ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލާ ސީދާ ދެކޮޅަށް ވޯޓު ދެއްވި --ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، ރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަން ގެނެސްދިނުމުގައި އިސް ދައުރެއް އަދާކުރެއްވީ ނަޝީދެވެ. އެހެންކަމުން އިއްޔެގެ ބިލުން އެ މިނިވަންކަން ގެއްލޭ މިންވަރާއި ނޫސްވެރިކަމަށް ހުރި ގޮންޖެހުންތައް އެންމެ ރަނގަޅަށް އިހުސާސް ކުރެއްވޭނެ އެއް ބޭފުޅަކީ އޭނާ އެވެ. އޭނާ އެ ބިލަށް ސީދާ ނޫނެކޭ ވިދާޅުވެ، ރަތް ޖެއްސެވުމުން އެނގެނީ ބިލްގެ ނުރައްކާތެރިކަމެވެ. އޭނާ އެ ދެއްވި މެސެޖަކީ "މި ބިލް ވަރަށް ގޯހެ"ވެ.

މަޖިލިހުގެ ޖަލްސާއެއްގައި އަމީތު: ބިލަށް ވޯޓު ދެއްވަން އެތައް ޕްރެޝަރެއް އައި --ފޮޓޯ: މަޖިލިސް

މަޖިލިހުގެ ޖަލްސާއެއްގައި އަމީތު: ބިލަށް ވޯޓު ދެއްވަން އެތައް ޕްރެޝަރެއް އައި --ފޮޓޯ: މަޖިލިސް

ދެން ހުންނެވީ އިއްޔެ މަޖިލިހަށް ވަޑައިނުގެންނެވި އަމީތެވެ؛ މިއީ ވެސް ކުރިން މީޑިއާގެ މެމްބަރެކެވެ. ކުޅަދާނަ ޓީވީ ހުށަހެޅުންތެރިއެކެވެ. ބިލާ ދެކޮޅަށް ހުންނެވުމުން އެނގެނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމަށް ކުރިމަގުގައި ކުރިމަތިވާނެ ބޮޑެތި އުނދަގޫތަކެވެ. ބިލަށް ވޯޓުލުމަށް އެދި އޭނާ އަށް އެންމެ މަތިން ފެށިގެން އައި ކޯލްތައް މަދެއް ނޫނެވެ. އެކަމަކު މީޑިއާގެ މިނިވަންކަމަށްޓަކައި އަމީތުގެ ފަރާތުން ފެނުނީ ގޮތް ދޫނުކުރައްވައި، ވިދާޅުވަމުން ގެންދެވި ބަހުގައި ހިފެހެއްޓެވި ތަނެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ސަލީމް ވާހަކަ ދައްކަވަނީ: ބިލާ ދެކޮޅުހެއްދެވި މައްސަލާގައި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ދަނީ ފިޔަވަޅު އަޅަމުން --ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ސަލީމް ވާހަކަ ދައްކަވަނީ: ބިލާ ދެކޮޅުހެއްދެވި މައްސަލާގައި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ދަނީ ފިޔަވަޅު އަޅަމުން --ފޮޓޯ: މަޖިލިސް

ރެޑްވޭވް ސަލީމަކީ ވޯޓަށް ވަޑައިނުގެންނެވުމުން އެންމެ ފަސޭހައިން "ކަތިލެވޭނެ" މެމްބަރަށް ވުން ދުރެއް ނޫނެވެ. ބިލާ ދެކޮޅު ހައްދަވާކަން ފާޅުގައި ދެއްކެވިއިރު އޭނާއަކީ މި ހަތް މެމްބަރުންގެ ތެރެއިން އެންމެ ބޮޑު ވިޔަފާރިވެރިޔާ އެވެ. އަދި ޕީޕީއެމް މަޖިލިސް މެމްބަރުންގެ ތެރެއިން އެންމެ ސީނިއަ އެއް ބޭފުޅެވެ. ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުންތައް އެންމެ ފަސޭހައިން އަންނާނީ ވެސް ސަލީމަށެވެ. އެކަމަކު އޭނާ އެ ގޮތުގައި ހިފެހެއްޓެވުމުން އެކަން ފާހަގަކޮށްލަން ޖެހެ އެވެ.

ފާރިސް އާއި މުސްތޮފާ އަކީ ބިލަށް ފާޅުގައި ކުރިން ފާޑު ވިދާޅުވި ބޭފުޅުންނެވެ. ޕީޕީއެމް ޕީޖީ ވައިބަ ގްރޫޕުން މުސްތޮފާ ބޭރުކުރީ ވެސް އޭނާގެ އެ ދެކޮޅުހެދުންތަކާ ހެދި އެވެ. އެހެންކަމުން ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގައި މި ދެ ބޭފުޅުން ތެދުވެންނެވުމަކީ އޭގެ ޒާތުގައި ހަމަ ވަރަށް ބޮޑު ކަމެކެވެ.

އެމްޑީއޭގެ އަރީފް އިއްޔެގެ ވޯޓުގައި ސީދާ ނޫނެކޭ ވިދާޅުވީ އެމްޑީއޭ އިން ބިލަށް ތާއީދުކުރާކަން އަންގާފައި ވަނިކޮށެވެ. އަދި މި ބިލް ފާސްކުރަން ޕީޕީއެމަށް ލިބުނު އެންމެ ބޮޑު ބާރު ވެސް މެ އެވެ. އެހެންކަމުން އަރީފް އެވޯޓުގައި ރަތް ޖެއްސެވުމަކީ ވެސް އޭގެ ޒާތުގައި ފާހަގަކޮށްލަން ޖެހޭ ނިންމެވުމެކެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ ބިލަށް މަޖިލިހުގައި އިއްޔެ ވޯޓަށް އެހި ވަގުތު ބައެއް ނޫސްވެރިން މަޖިލިހުގެ އިދާރާ ކައިރީގައި އަޑުއުފުލަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވުމުގެ ބިލަށް މަޖިލިހުގައި އިއްޔެ ވޯޓަށް އެހި ވަގުތު ބައެއް ނޫސްވެރިން މަޖިލިހުގެ އިދާރާ ކައިރީގައި އަޑުއުފުލަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލާ ދެކޮޅަށް، މީޑިއާ ރަނގަޅަށް ދެނެވަޑައިގަންނަވާ ނަޝީދާއި އަމީތުމެން ފަދަ މެމްބަރުން ނުކުންނެވުމަކީ ނޫސްވެރިންނަށް ވެސް ހިތްވަރެކެވެ. އަދި ބިލަށް ވޯޓު ނުދެއްވި ސަރުކާރު ކޯލިޝަންގެ އެހެން މެމްބަރުން މިހާރު ނަގަން ޖެހޭނީ މިސާލެއްގެ ގޮތުގަ އެވެ. ޝުކުރިއްޔާ އެވެ، ސާބަހެވެ.