Roadha Mihaaru
ހެލްތު މިނިސްޓަރު އަމީން އައްޑޫގައި

ސިއްހީ ދާއިރާގެ ހާލަތު ބެއްލެވުމަށް ހެލްތު މިނިސްޓަރު އަމީން އައްޑޫގައި

06 ޑިސެމްބަރ 2018

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމާ ހަވާލުވެވަޑައިގަތް ފަހުން އަތޮޅަކަށް ކުރައްވާ ފުރަތަމަ ދަތުރުގައި މިއަދު އައްޑު އަށް ވަޑައިގެން އައްޑޫގެ ސިއްހީ ދާއިރާގެ ކަންކަން ހުރި ނެތް ގޮތް ބެއްލުމުގެ މަސައްކަތް ފައްޓަވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމާ ހަވާލުވެވަޑައިގަތް ފަހުން އަތޮޅަކަށް ކުރައްވާ ފުރަތަމަ ދަތުރުގައި މިއަދު އައްޑު އަށް ވަޑައިގެން އައްޑޫގެ ސިއްހީ ދާއިރާގެ ކަންކަން ހުރި ނެތް ގޮތް ބެއްލުމުގެ މަސައްކަތް ފައްޓަވައިފި އެވެ.

މިނިސްޓަރު އައްޑު އަށް ވަޑައިގެންނެވީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

އަމީން އައްޑު އަށް ވަޑައިގެން އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވާފައި ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށެވެ. އެގޮތުން ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ސްޓާފުންނާ ބައްދަލު ކުރައްވައި، މި ވަގުތު ހޮސްޕިޓަލްގެ މަސައްކަތް ހިނގަމުންދާ ގޮތާއި ހުރި ދަތިތަކާއި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ވެސް އޮޅުންފިލުއްވާފައިވެ އެވެ.

ހެލްތު މިނިސްޓްރީގެ ޓްވީޓެއް.

އެޗްއާރްއެޗްގެ އިތުރުން ހިތަދޫގައި ސިމްޑީ ގްރޫޕުން ހިންގާ ހޮސްޕިޓަލް އައިއެމްޑީސީ އަށް މިއަދު ހަވީރު ވަޑައިގެން އެތަނުގެ މަސައްކަތް ވެސް ކުރިއަށްދާ ގޮތަށް މިނިސްޓަރު އަމީން ވަނީ ބައްލަވާލައްވައިފަ އެވެ.

ހެލްތު މިނިސްޓްރީގެ ޓްވީޓެއް.

ދެ ދުވަހުގެ މުއްދަތަށް އައްޑު އަށް ހެލްތު މިނިސްޓަރު ކުރައްވާ ދަތުރުގައި އައްޑޫގެ ޕަބްލިކް ހެލްތުގެ މަސައްކަތްތަކަށް ހާއްސަކޮށް މަރަދޫފޭދޫގައި ގާއިމުކޮށްފައިވާ ދަމަނަވެއްޓަށާއި މަރަދު އާއި ފޭދޫ ސިއްހީ މަރުކަޒަށް މިރޭ ވަޑައިގެން އެތަންތާގެ މުވައްޒަފުންނާ ވެސް ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ހެލްތު މިނިސްޓްރީގެ ޓްވީޓ

އަދި މާދަމާ މިނިސްޓަރު އައްޑޫ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމަށް ފަހު، އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި މިހާރު ގާއިމު ކުރަމުން އަންނަ 100 އެނދުގެ އާ ހޮސްޕިޓަލްގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާނެ އެވެ.

މީގެ އިތުރުން މާދަމާ މެންދުރު ފަހު މިނިސްޓަރު އަމީން ހުޅުމީދު އަށް ވަޑައިގެން އެރަށުގެ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި މުވައްޒަފުންނާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު އަމީންގެ އައްޑޫ ދަތުރު ނިންމަވާލައްވައި މާލެ އަށް ފުރާވަޑައިގަންނަވާނީ މާދަމާ ހަވީރު އެވެ.