Roadha Mihaaru
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި

ހަތަރު މަހަށް ފަހު އައްޑޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފި

31 ޑިސެމްބަރ 2021

ކޮވިިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ މޮނިޓަރިން އަށް ލިތާ ހަތަރު މަހަށް ފަހު އެ ހާލަތު އުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ މޮނިޓަރިން އަށް ލިތާ ހަތަރު މަހަށް ފަހު އެ ހާލަތު އުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައްޑޫ މިހާރު މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހޭ ސަބަބެއް ނެތުމާ އެކު، އެކަން އުވާލައި އަޅާފައިވާ ފިޔަވަޅުތައް ވެސް އުވާލާފައިވާ ކަމަށެވެ. މޮނިޓަރިން އަށް ލި ފަހުން އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ މިހާތަނަށް އެންމެ ބޮޑަށް ދަމަހައްޓަމުން އައީ ރޭގަނޑު 9:00 އިން ފަތިހު 4:00 ހަމައަށް ކުރިއަށް ގެންދިޔަ ކާފިއު އެވެ.

މޮނިޓަރިން އުވާލި އިރު، އައްޑޫގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވާން ވެސް ފަށައިފަ އެވެ. އެގޮތުން ފާއިތުވި ދެ ހަފުތާ އަށް ބަލާ އިރު ބައެއް ދުވަސް ދުވަހު އެއްވެސް ކޭހެއް ނުފެނި، ފެންނަ ކޭސްތަކިގެ އަދަދު ބައެއް ދުވަސް ދުވަހު 5 އަށް ވުރެ ވެސް މަދުވެފައިވެ އެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިން އަށް ލީ އޮގަސްޓް 28 ގަ އެވެ. އަދި ވަކިން އޮންނަ ހުޅުދު އާއި މީދޫ މޮނިޓަރިން އަށް ލީ ސެޕްޓެމްބަރު މަހުގެ 4 ގަ އެވެ.

އައްޑޫގެ ކޮވިޑްގެ ހާލަތުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބުރާސްފަތި ދުވަހުގެ ރެއާ ހަމައަށް ޕޮޒިޓިވްވީ 4 މީހެކެވެ. އެއީ މިހާރު ވެސް ކޭސްތައް އެންމެ ގިނަ ހިތަދޫންނެވެ. އެ ހަތަރު ކޭހާ އެކު ހިތަދޫގެ އެކްޓިވް ޖުމްލަ ކޭސްތަކުގެ އަދަދަކީ މިހާރު 34 އެވެ.

އައްޑޫގެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު 44 ގައި ހުރި އިރު، ފޭދު އާއި ހުޅުދޫގައި އެއްވެސް ކޭހެއް މިހާރު ނެތެވެ. ދެން ކޭސްތައް ބެހިފައިވާ ގޮތަށް ބަލާ އިރު، މަރަދޫފޭދޫން ފަހެއް، މީދު އާއި މަރަދޫން ކޮންމެ އަވަށަކުން ދެ ކޭސް އަދި މީހުން ދިރިއުޅޭ އަވަށްތަކުން ބޭރުން އެއް ކޭސް ހިމެނެ އެވެ.

އައްޑޫން ކޮވިޑް ޖެހުނު މީހުންގެ 2،977 ގައި ހުރި އިރު، ބަލީގައި 12 މީހަކު މަރުވެފައިވެ އެވެ. އަދި މިހާރު ވެސް ހަތަރު މީހަކު އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.