Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

12 ޑިސެމްބަރ 2018

އަންނަ މަހުގެ 25 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރުނިކާ: ދަ ކުއީން އޮފް ޖާންސީ" އެ ތާރީހުގައި ރިލީޒް ކުރެވޭނެކަމާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ 25 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރުނިކާ: ދަ ކުއީން އޮފް ޖާންސީ" އެ ތާރީހުގައި ރިލީޒް ކުރެވޭނެކަމާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.

މި ފިލްމަކީ ކުރިން މިދިޔަ ނޮވެމްބަރު މަހުގެ 29 ގައި ރިލީޒް ކުރަން އުޅުނު ފިލްމެކެވެ. ނަމަވެސް އެ ތާރީހުގައި ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމު "2.0" ރިލީޒް ކުރަން ނިންމުމުން "މަނިކަރްނިކާ" އަންނަ އަހަރަށް ފަސްކުރި އެވެ.

މި ފިލްމުގެ އެކްޓަރަކާ ހަވާލާދީ ބޮލީވުޑް ހަންގާމާ އިން ބުނީ "މަނިކަރުނިކާ" ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތުގެ ވަރަށް ބޮޑު ބައި އަދިވެސް ނުނިމި ހުރި ކަމަށާއި ފިލްމުގެ ސްޕެޝަލް އިފެކްޓްސް ވެސް އަދި އެއްކޮށް ފުރިހަމަ ނުވާ ކަމަށެވެ. އެހެންވެ ގިނަ މަސައްކަތްތަކެއް ކުރަން ހުރުމާ އެކު، ޖެނުއަރީ 25 ގައި ފިލްމު ސިނަމާތަކަށް ގެނެވޭނެކަމާ ދޭތެރޭ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް ބުންޏެވެ.

"މަނިކަރުނިކާ" ގެ ޑައިރެޓަރު ކްރިޝް ފިލްމުގެ މަސައްކަތްތަކުން އަތްދޫކޮށްލި އިރު، މީގެ ވަރަށް ގިނަ މަންޒަރުތަކެއް ހުރީ އަލުން ޝޫޓް ކުރަން ޖެހިފަ އެވެ. އެހެންވެ އެ މަސައްކަތާ ހަވާލުވެ، އަލުން ޝޫޓް ކުރަން ޖެހުނު މަންޒަރުތައް ޑައިރެކްޓް ކުރީ ބަތަލާ ކަންގަނާ އެވެ.

"މަނިކަރުނިކާ" އަކީ އިންޑިއާގެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވުނު އަންހެން ހަނގުރާމަވެރިޔެއް ކަމަށްވާ ރާނީ ލަކްޝްމީބާއީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ ކަންގަނާ އެވެ.

"ޕަންގާ" ގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި

ބަތަލާ ކަންގަނާ ރަނާވަތު ކަބައްޑީ ކުޅުންތެރިއެއްގެ ރޯލް ކުޅޭ ފިލްމު "ޕަންގާ"ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.

އަޝްވިނީގެ ޓްވީޓް.

މީގެ ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީ ކުރި ޓްވީޓެއްގައި ވަނީ އެކަން ފޭނުންނާ ހިއްސާކޮށްފަ އެވެ. "ޕަންގާ" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ކުރިއަށް ގެންދިޔައީ ބޯޕާލްގަ އެވެ. އަންނަ އަހަރު ރިލީޒް ކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖެއްސީ ގިލް، ނީނާ ގުޕްތާ، ރިޗާ ޗައްޑާ އަދި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.

"ޕަންގާ" އަކީ މިދިޔަ އަހަރު ރިލީޒް ކުރި "ބެރިލީ ކީ ބަރުފީ" އަށް ފަހު، އަޝްވިނީ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމު އިއުލާން ކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

"ޒީރޯ" ގެ "އިސަގްބާޒީ" ދައްކާލައިފި

މި މަހުގެ 21 ގައި ރިލީޒް ކުރާ ޝާހްރުކް ހާންގެ ފިލްމު "ޒީރޯ" ގެ ދެވަނަ ލަވަ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

މި ފަހަރު ލަވައިގެ ނަމަކީ "އިސަގްބާޒީ" އެވެ. ލަވަ ކިޔާފައި ވަނީ ސުކްވިންދަރު ސިންގް އާއި ދިވްޔާ ކުމާރެވެ. ލަވައިގެ މިއުޒިކް އަޖޭ-އަތުލް ހަދާފައިވާ އިރު، ޅެން ހަދާފައި ވަނީ އިރުޝާދު ކާމިލެވެ. "އިސަގްބާޒީ" ގެ އެންމެ ހާއްސަ ކަމަކީ މި ލަވައިން ޝާހްރުކާ އެކު ސަލްމާން ހާން ވެސް ފެނިގެންދާތީ އެވެ. މިއީ "ޒީރޯ" ގައި ހިމެނޭ ސަލްމާންގެ ހާއްސަ ފެނިލުމެކެވެ.

އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ ފިލްމުގައި ޝާހްރުކާ އެކު ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ އަނުޝްކާ ޝަރުމާ އާއި ކެޓްރީނާ ކައިފެވެ. "ޒީރޯ" ގައި ޝާހްރުކް ކުޅެފައި ވަނީ ޑްވާފެއްގެ ރޯލެވެ.

"ގޯ ގޯއާ ގޯން 2" އަށް ތައްޔާރު

ދެހާސް ތޭރަ ވަނަ އަހަރު ރިލީޒް ކުރި ޒޮމްބީ/ކޮމެޑީ ފިލްމު "ގޯ ގޯއާ ގޯން" ގެ ދެވަނަ ބައިގެ މަސައްކަތް އަންނަ އަހަރު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ވީރް ދާސް ބުނެފި އެވެ.

އޭނާ ބުނީ ފިލްމާ ގުޅޭ ގޮތުން މީގެ ޓީމް ބައްދަލުކޮށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު ޝޫޓިން ފަށާނެ ސީދާ ދުވަހެއް ނުބުނެ އެވެ. "ގޯ ގޯއާ ގޯން" އަކީ ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް، ސައިފް އަލީ ހާނާއި އޭނާގެ ޅިޔަނު ކުނާލް ކޭމޫ، ވީރު، އާނަންދު ތިވާރީ އަދި ޕޫޖާ ގުޕްތާ މުހިއްމު ރޯލްތައް ކުޅުނު ފިލްމެކެވެ.

މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ރާޖް އެންޑް ޑީކޭ އެވެ. "ގޯ ގޯއާ ގޯން" ގެ ދެވަނަ ބައި ވެސް ޑައިރެކްޓް ކުރާނީ އެ ދެ މީހުންނެވެ.

ވީރް ބުނި ގޮތުގައި ފުރަތަމަ ބަޔަށް ވުރެ ދެވަނަ ބައި މާ މަޖާވާނެ އެވެ.

"ޓޯޓަލް ދަމާލް" ލަސްކުރީ ސްޕެޝަލް އިފެކްޓްސް ނުނިމިގެން

ކުރިން މި މަހުގެ 7 ގައި ރިލީޒް ކުރަން ތާވަލުކޮށްފައި އޮތް ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" އަންނަ އަހަރަށް ފަސްކުރި މައިގަނޑު ސަބަބަކީ ފިލްމުގެ ސްޕެޝަލް އިފެކްޓްސް ނުނިމުން ކަމަށް އެކްޓަރު ޖާވިދު ޖެފްރީ ބުނެފި އެވެ.

"ޓޯޓަލް ދަމާލް" ގެ ލަވައެއްގެ ޝޫޓިންގެ ތެރެއިން.

އޭނާ ބުނީ އިންދަރު ކުމާރު ޑައިރެކްޓްކޮށް ގެނެސްދޭ "ދަމާލް" ފްރެންޗައިޒްގެ ތިން ވަނަ ބައިގައި ވަރަށް ގިނަ އަދަދަކަށް ސްޕެޝަލް އިފެކްޓްސް ހިމެނޭ ކަމަށެވެ. އެހެންވެ އެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް ބުންޏެވެ.

"ޓޯޓަލް ދަމާލް" ރިލީޒް ކުރަން މިހާރު ތާވަލުކޮށްފައި އޮތީ އަންނަ ފެބުރުއަރީ 22 ގަ އެވެ.

މި ފިލްމުގެ ކާސްޓާ އަލަށް މި ފަހަރު ގުޅުނު ތަރިންގެ ތެރޭގައި އަނިލް ކަޕޫރު، މަދޫރީ ޑިކްސިޓް އަދި އަޖޭ ދޭވްގަން ހިމެނެ އެވެ. "ދަމާލް" ފްރެންޗައިޒްގެ އާންމު ކާސްޓުންނަކީ ޖާވިދުގެ އިތުރުން އަރުޝަދު ވަރުސީ އާއި ރިތޭޝް ދޭޝްމުކް އެވެ. މި ތަރިން ވެސް "ޓޯޓަލް ދަމާލް" އިން ފެނިގެން ދާނެ އެވެ.

އަދި ފިލްމުގެ ހާއްސަ ފެނިލުމަކުން ސޮނާކްޝީ ސިންހާ ވެސް ފެނިގެން ދާނެ އެވެ.