Roadha Mihaaru
ސަލްމާންގެ "ދަ-ބަންގް" ޓުއާގައި ޝިލްޕާ ބައިވެރިވަނީ

ސަލްމާންގެ "ދަ-ބަންގް" ޓުއާގައި ޝިލްޕާ ބައިވެރިވަނީ

28 ނޮވެމްބަރ 2021

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން "ދަ-ބަންގް" ގެ ނަމުގައި ބާއްވަމުން އަންނަ ލައިވް ޝޯގެ އާ ޓުއާ އަންނަ މަހުގެ ތެރޭގައި މެދުއިރުމަތީގެ ގައުމުތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އޭގައި ބަތަލާ ޝިލްޕާ ޝެޓީ ވެސް ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން "ދަ-ބަންގް" ގެ ނަމުގައި ބާއްވަމުން އަންނަ ލައިވް ޝޯގެ އާ ޓުއާ އަންނަ މަހުގެ ތެރޭގައި މެދުއިރުމަތީގެ ގައުމުތަކުގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އޭގައި ބަތަލާ ޝިލްޕާ ޝެޓީ ވެސް ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ޓުއާގެ ފުރަތަމަ މަންޒިލަކީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދު ކަމަށާއި އެ ތަނުގައި "ދަ-ބަންގް" ގެ ޝޯ ބާއްވާނީ އަންނަ މަހުގެ 10 ގައި ކަމަށެވެ. އޭގައި ޝިލްޕާ ބައިވެރިވާނެ ކަމަށް މީޑިއާތަކުން ބުންޏަސް "ދަ-ބަންގް" ގެ އާ ޓުއާއާ ބެހޭ އެއްވެސް މައުލޫމާތެއް ސަލްމާން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. މި ޓުއާ ބާއްވަން ފެށި ފަހުން ސޯޝަލް މީޑިއާގައި އޭނާ ވަރަށް ބޮޑަށް އެ ޕްރޮމޯޓްކުރެ އެވެ.

"ދަ-ބަންގް" ޓުއާގައި ޝިލްޕާ ބައިވެރިވާނެކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، އޭނާ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ސޮނީ ޓީވީގެ ޝޯ، އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) ގެ 9 ވަނަ ސީޒަންގެ ޝޫޓިން ވެސް މިދިޔަ ހަފުތާގައި ވަނީ ފަށައިފަ އެވެ. އެ ޝޯ ދައްކަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސަލްމާން އަދި ޝިލްޕާ.

ސަލްމާން އަދި ޝިލްޕާ.

ސަލްމާނާ އެކީ ފިލްމުތަކެއް ވެސް ކުޅެފައިވާ އަދި އަބަދުވެސް އޭނާއާ ގާތް އެކުވެރިކަމެއް އޮންނަ ޝިލްޕާގެ އިތުރުން "ދަ-ބަންގް" ގެ މެދުއިރުމަތީ ޓުއާގައި ބައިވެރިވާނެ ކަމަށް ބުނާ ފަންނާނުންގެ ތެރޭގައި ޖެކްލިން ފެނަންޑޭޒް އާއި "ދަބަންގް 3" އިން ތައާރަފުކުރި ބަތަލާ ސައީ މަންޖްރޭކަރް އާއި ކޮމީޑިއަން/އެކްޓަރު ސުނިލް ގްރޯވާ އަދި ލަވަކިޔުންތެރިޔާ ގުރޫ ރާންދްވާ ހިމެނެ އެވެ.

ސަލްމާންގެ ޓުއާތަކުގައި ކުރިން ވެސް މަޝްހޫރު އެތައް ތަރިންނެއް ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ކެޓްރީނާ ކައިފް، ސޮނާކްޝީ ސިންހާ، ބިޕާސާ ބާސޫ، ޑެއިޒީ ޝާހް، ޕްރަބޫދޭވާ، ބާދުޝާ، ސޫރަޖް ޕަންޗޯލީ އަދި މަނީޝް ޕޯލް ފަދަ ފަންނާނުން ހިމެނެ އެވެ.

"ދަ-ބަންގް" ޓުއާ މިހާތަނަށް ވަރަށް ގިނަ ގައުމުތަކުގައި ބާއްވާފައިވެ އެވެ.