Roadha Mihaaru
އިންސާނީ ހައްގުގެ ދެ މުއާހަދާގައި ވަނީ ސޮއިނުކޮށް

އިންސާނީ ހައްގުގެ މުހިންމު ދެ މުއާހަދާގައި ވަނީ ސޮއިނުކޮށް: ޝަމީމް

10 ޑިސެމްބަރ 2018

އިންސާނީ ހައްތުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ހަދާފައިވާ ބައިނަލްއަގުވާމީ ދެ މުއާހަދާއެއްގައި ރާއްޖޭން ބައިވެރިވެފައި ނުވާތީ އެކަން ވީހާ ވެސް އަވަހަށް ކުރުމަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ގޮވާލައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިންސާނީ ހައްތުތައް ކަށަވަރުކޮށް ދިނުމަށްޓަކައި ހަދާފައިވާ ބައިނަލްއަގުވާމީ ދެ މުއާހަދާއެއްގައި ރާއްޖޭން ބައިވެރިވެފައި ނުވާތީ އެކަން ވީހާ ވެސް އަވަހަށް ކުރުމަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ގޮވާލައްވައިފި އެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ޝަމީމް ވަނީ ރާއްޖޭން ދެ މުއާހަދާއެއްގައި ބައިވެރި ވެފައި ނުވާކަން ފާހަގަ ކުރައްވައިފަ އެވެ. އެއީ ބިދޭސީ މަސައްކަތްތެރިންގެ ހައްގު ބަޔާން ކުރާ މުއާހަދާ އާއި ނިޒާމުން ގެއްލޭ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ މުއާހަދާ އެވެ.

"މި ތާރީހީ ޖަލްސާގައި ސަރުކާރަަށް އަޅުގަނޑު ގޮވާލަން މި ދެ މުއާހަދާގައި ބައިވެރިވުމަށް،" އެޗްއާރުސީއެމްގެ މެމްބަރުކަން ކުރެއްވި ޝަމީމް ވިދާޅުވި އެވެ.

ދުނިޔޭގެ އަސާސީ އިންސާނީ ހައްގުތަކާ ގުޅޭ އެ ދެ މުއާހަދާ ފިޔަވައި އެހެން މުއާހަދާތަކުގައި ރާއްޖޭން ވަނީ ބައިވެރި ވެފަ އެވެ.

ހިއުމަން ރައިޓްސް އެކްޝަން ޕްލޭނެއް އެކުލަވާލާފައި ވީނަމަވެސް ތަންފީޒު ކުރަން ނުފެށިފައި ވާތީ އެކަން ލަސްނުކޮށް ފެށުމަށް ވެސް ޝަމީމް މިއަދު ގޮވާލެއްވި އެވެ.

އެޗްއާރުސީއެމްގެ މަސައްކަތްތަކަށް ރައްޔިތުން މަޖިލީހުން ދޭންޖެހޭ ސަމާލުކަން ނުދޭކަން ޝަމީމް ފާހަގަ ކުރެއްވި އެވެ. އެގޮތުން އިންސާނީ ހައްގުތަކާ ގުޅޭގޮތުން ހުރިކަންކަން ފާހަގަކޮށް އެޗްއާރުސީއެމުން ކޮންމެ އަހަރަކު ރިޕޯޓެއް ނެރޭތާ 15 އަހަރު ވެފައިވާއިރު އެ ރިޕޯޓްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ނުކުރާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ދުނިޔޭގެ ތަރައްގީ ވެފައިވާ އެހެން ގައުމުތަކުގެ މަޖިލިސްތަކުގައި ހުންނަ ފަދަ އިންސާނީ ހައްގުތަކުގެ މައްސަލަތަކަށް ހާއްސަ ކޮމެޓީއެއް ރާއްޖޭގެ މަޖިލީހުގައި އުފައްދާފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝަމީމް ވަނީ އިންސާނީ ހައްގުތައް ދިފާއު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ގައުމީ ފެންވަރެއްގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަށް ބާރު އަޅާ ހާއްސަ ގާނޫނެއް ހެދުން މުހިންމު ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"ހިއުމަން ރައިޓްސް ގާނޫނަކު ނޫން އިންސާނީ ހައްގުތަކުގެ ވާހަކަތައް ބަޔާންވެގެން އަންނަންވީ. މިކަމަށް ހާއްސަ ގާނޫނެއް އެބަ އޮންނަންޖެހޭ. އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަކީ އެޗްއާރުސީއެމާއި ސަރުކާރުގެ އެކަނި ޒިންމާއެއް ނޫން."

އެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ވެސް ޝަމީމް ފާހަގަ ކުރެއްވި އެވެ. އެގޮތުން އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި ރާއްޖެ ވަނީ ދުނިޔޭގެ ފެންވަރުގައި ލީޑްކުރާ ގައުމަކަށް ވެފައި ކަމަށް ވިދާޅުވި އެވެ. އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެމްބަރުކަން ދެ ފަހަރު ރާއްޖެ ކޮށްފައިވާއިރު ޝަމީމް ވަނީ އެ ކައުންސިލްގައި ރާއްޖެ ތަމްސީލް ކުރައްވާފަ އެވެ.