Roadha Mihaaru
ހައްގުތައް ރައްކާތެރިކުރަން ފަރުދީ މަސައްކަތް ކުރަންޖެހޭ

އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރަން ޖެހޭ: އީނާސް

10 ޑިސެމްބަރ 2016

އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ދިފާއުކުރުމަށްޓަކައި ފަރުދީ ގޮތުން ކުރެވިދާނެ ގިނަ ކަންކަން އެބަހުރި ކަމަށާއި އެފަދަ ކަންތައްތައް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސާ އައިޝަތު އީނާސް މިއަދު ގޮވާލައްވައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ދިފާއުކުރުމަށްޓަކައި ފަރުދީ ގޮތުން ކުރެވިދާނެ ގިނަ ކަންކަން އެބަހުރި ކަމަށާއި އެފަދަ ކަންތައްތައް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސާ އައިޝަތު އީނާސް މިއަދު ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހާ ގުޅިގެން، އެޗްއާރުސީއެމްގެ ރައީސާ ދެއްވި ހިތާބެއްގައި ވިދާޅުވި ގޮތުގައި، ގެވެށި އަނިޔާ އާއި ޖިންސީ އަދި ގޯނާކުރުމުގެ މައްސަލަތަކާއި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް އުނިކަން ލިބޭ ފަދަ ކަންކަމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ހިދުމަތްތައް ނުލިބުމުގެ މައްސަލަތައް ދަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެ، ތަކުރާރު ވަމުންނެވެ. އެކަމާ މެދު ވިސްނައި ފިކުރުކޮށް، އެކަންކަމާ ދެކޮޅަށް ތެދުވެ، މައްސަލަތައް ހައްލުކޮށްދިނުމަށް އަނެކާގެ ހައްގުގައި ފަރުދީ ގޮތުން ވެސް މަސައްކަތް ކުރެވިދާނެ ކަމަށް އީނާސް ވިދާޅުވި އެވެ.

"އެހެންކަމުން، އަނެކާގެ ހައްގުގައި ތެދުވެ، އުމުރުން ދުވަސްވީ މީހަކު އާންމު ހިދުމަތް ދޭ ތަނެއްގައި ކޮޅަށް ހުންނަން ޖެހިއްޖެ ނަމަ، ތިމާ އިށީންދެ އިންނަ ގޮނޑި އެ މީހާ އަށް ދެމާތޯ އެވެ. އަންހެނުންނަށް ފުރައްސާރަކޮށް، ފޮށުމާއި އަނިޔާކުރާ ތަން ފެނުމުން އެކަން ހުއްޓުވަމާތޯ އެވެ. ކުއްޖާ ބެލެހެއްޓުމުގައި އިހުމާލުވެ، ކާން ނުދީ، އެކަހެރިކޮށްފައި ވާ ކުއްޖާގެ ވާހަކަ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރަމާތޯ އެވެ،" އެޗްއާރުސީއެމްގެ ރައީސާ ވިދާޅުވި އެވެ.

"އަލަށް އިމާރާތްކުރާ އިމާރާތްތަކުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ، ހާއްސަ އިންތިޒާމެއް ގާއިމު ކުރެވި، އެ ތަނަކުން ފޯރުކޮށްދޭ ހިދުމަތެއް ވެސް ހާއްސަ އުސޫލެއްގެ ތެރެއިން ހަމަޖެހޭނެ ގޮތްތަކެއް ކަނޑައަޅާމާތޯ އެވެ. ބިދޭސީ މަސައްކަތްތެރިންގެ ގެއްލެމުންދާ ހައްގުތައް ހިމާޔަތްކޮށްދީ އިންސާނީ ހައްގުތަކަކީ ކޮބައި ކަމާ، އެ ހައްގުތައް ރައްކާތެރި ކުރާނެ ގޮތްތައް އަޅުގަނޑުމެންގެ ދަރިންނަށް ދަސްކޮށްދެމާތޯ އެވެ."

އީނާސް ފާހަގަކުރެއްވި ގޮތުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ، އަނެކާގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް މަސައްކަތްކުރުމަކީ މުޖުތަމައުގެ އަމާންކަން ގާއިމުވެ އޮތުމަށާއި އެކުވެރި، އޯގާތެރިކަމުގެ ރޫހެއް މުޖުތަމައުގައި އާލާކުރުމަށާއި ހައްގުތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެކެވެ. އިސްލާމް ދީނުގައި ވެސް ބާރު އަޅާފައިވާ ފަދައިން އިންސާނީ ހައްގުތައް ބިނާވެގެންވަނީ އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި ރިވެތި އަހުލާގާއި މިނިވަންކަމާއި ހަމަހަމަކަމުގެ މަތިވެރި ސުލޫކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތަކީ އެކަކު އަނެކެއްގެ ހައްގުތަކަށް އިހުތިރާމް ކުރާ އަދި އެ ހައްގުތައް ރައްކާތެރިކުރުމަށް ހިތްވަރާ އެކު ކޮންމެ ދުވަހަކުމެ މަސައްކަތްކުރާ ފަރާތަކަށް ވުމަށް، އަޅުގަނޑު އިލްތިމާސް ކުރަމެވެ. މިއަދަކީ އިންސާނީ ހައްގުތައް ކުރިއެރުވުމަށްޓަކައި ކޮންމެ ފަރުދަކު ވެސް އާ އަޒުމުތަކެއް ކަނޑައެޅުމަށް އޮތް ދުވަހެއްގެ ގޮތުގައި ބަލަމާތޯ އެވެ،" އެޗްއާރުސީއެމްގެ ރައީސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެޗްއާރުސީއެމުން މި އަހަރު ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް 964 މައްސަލަ ކޮމިޝަނުން ބަލައި ނިންމާފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި ކޮމިޝަނަށް 384 މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް އީނާސް ވިދާޅުވި އެވެ. އެންމެ ގިނައިން ހުށަހަޅާފައި ވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބިގެން ހުށަހަޅާފައިވާ މައްސަލަތަކާއި ގައިދީންގެ ހައްގުތަކާ ގުޅުން ހުރި މައްސަލަތައް އަދި ކުޑަކުދިންގެ ހައްގުތަކާ ގުޅުން ހުރި މައްސަލަތަކެވެ.

މީގެ އިތުރުން، އިންސާނީ ހައްގުތަކާ ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުމުގެ ގިނަ އަދި ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށް ވެސް އީނާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިންސާނީ ހައްގުތައް ފޯރުކޮށްދޭ މިންވަރު ބަލައި، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފައި ތިބޭ މަރުކަޒުތައް މޮނިޓަކޮށް، އަދި އިންސާނީ ހައްގުތަކާ ގުޅޭ ދިރާސާ ކުރުމުގެ މަސައްކަތް ވެސް މި އަހަރު ކުރިއަށް ގެންގޮސްފައިވެ އެވެ.