Roadha Mihaaru
އަށް ސަފީރަކަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

އަށް ސަފީރަކަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

10 ޑިސެމްބަރ 2018

އދ. ގައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމަށް އަދި އެހެން ބައެއް ގައުމުތަކުގެ ސަފީރުންގެ ގޮތުގައި ބޭފުޅުން އައްޔަން ކުރެއްވުމުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އދ. ގައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމަށް އަދި އެހެން ބައެއް ގައުމުތަކުގެ ސަފީރުންގެ ގޮތުގައި ބޭފުޅުން އައްޔަން ކުރެއްވުމުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، ރާއްޖޭގެ ފަރާތުން ބޭރު ގައުމުތަކުގައި ތިއްބަވާ ސަފީރުން ކަނޑައަޅުއްވާނީ ރައީސް އެވެ. އަދި އެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވަން ޖެހޭއިރު، ރައީސް ކަނޑައެޅުއްވި ބޭފުޅުން، ސަފީރުންނަށް އައްޔަން ކުރެވޭނީ މަޖިލީހުން ރުހުން ލިބިގެންނެވެ.

މަޖިލީހަށް ފޮނުއްވި އަށް ބޭފުޅުންނަކީ:

1- ރާއްޖޭގެ ފަރާތުން އދ. ގައި ހުންނަވާ ދާއިމީ މަންދޫބަކަށް އަދި އެމެރިކާގެ ސަފީރަކަށް ތިލްމީޒާ ހުސައިން، މ. ނޫހިރި

2- ބްރަސަލްސްގެ ސަފީރަކަށް ހަސަން ސޯބިރު، ގ. ފިޔާތޮށިގެ

3- އިންޑިއާގެ ސަފީރަކަށް އާއިޝަތު މުހައްމަދު ދީދީ، ހ. ދޫރިހާ

4- ލަންކާގެ ސަފީރަކަށް އުމަރު އަބްދުއްރައްޒާގް، ހ. ހިކިފިނިފެންމާގެ

5- ސިންގަޕޫރުގެ ސަފީރަކަށް ޑރ. އަބްދުﷲ މައުސޫމް، (ނަންބަރު 4336)

6- ޖަރުމަނު ސަފީރަކަށް އަހުމަދު ލަތީފް، ހ. ސީވީޑް

7- އިނގިރޭސި ވިލާތުގެ ސަފީރަކަށް ޑރ. ފަރަހަނާޒް ފައިސަލް، ހ. އަމީނީގެ

8- މެލޭޝިއާގެ ސަފީރަކަށް ވިސާމް އަލީ، ހ. އާޒާދެވާދީ

ބްރަސަލްސްގެ ސަފީރަކަށް އައްޔަން ކުރައްވާ ސޯބިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ސިންގަޕޫރުގެ ސަފީރަކަށް އައްޔަން ކުރައްވަން ނިންމެވި ޑރ. މައުސޫމަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ޖަރުމަނުގެ ސަފީރަކަށް އައްޔަން ކުރައްވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ) އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ބޭބެ އަހުމަދު ލަތީފެވެ. އޭނާ އަކީ، ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޗައިނާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މެލޭޝިއާގެ ސަފީރަކަށް އައްޔަން ކުރައްވަނީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި މިހާރު އެމްޑީޕީގެ މެމްބަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުން ވިސާމެވެ. ޑރ. ފަރަހަނާޒް އާއި ތިލްމީޒާ ވަނީ ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް އިނގިރޭސި ވިލާތާއި އެމެރިކާގެ ސަފީރުގެ މަގާމު ފުރުއްވައިފަ އެވެ.