Roadha Mihaaru
ޝާން ޝާކިރު ޖަރުމަނުގެ ސަފީރަކަށް ހަމަޖައްސަނީ

ޗީފް އޮފް ޕްރޮޓޮކޯލް ޝާން ޝާކިރު ޖަރުމަނުގެ ސަފީރަކަށް ހަމަޖައްސަނީ

25 އެޕްރީލް 2022

ރާއްޖެ އިން ޖަރުމަނަށް ކަނޑައަޅާ އާ ސަފީރަކަށް، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި އާއިޝަތު ޝާން ޝާކިރު ހަމަޖެއްސެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައި، އެ ނަމަށް މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

ރާއްޖެ އިން ޖަރުމަނަށް ކަނޑައަޅާ އާ ސަފީރަކަށް، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި އާއިޝަތު ޝާން ޝާކިރު ހަމަޖެއްސެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައި، އެ ނަމަށް މަޖިލީހުގެ ރުހުން ހޯދަން ފޮނުއްވައިފި އެވެ.

ރާއްޖޭގެ ފުރަތަމަ އަންހެން ޕްރޮޓޮކޯލް ޝާން ޝާކިރު ޖަރުމަނުގެ ސަފީރަކަށް ހަމަޖައްސާއިރު، މިހާތަނަށް އެ މަގާމުގައި ހުންނެވީ އަހުމަދު ލަތީފް (ސީވިޑް ލަތީފް) އެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީގައި ވިދާޅުވީ، ލަތީފް އަނބުރާ ގެންނަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ދެން ހަމަޖައްސަވާނެ ތަނެއް ރައީސް އަދި ވިދާޅެއް ނުވެ އެވެ.

ޝާން ޝާކިރު، ޖަރުމަނުގެ ސަފީރަކަށް ހަމަޖެއްސުމާ ގުޅޭ ގޮތުން އޭނާގެ ނަން ދިރާސާކޮށް، ގޮތެއް ނިންމުމަށްޓަކައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވަން ނިންމެވީ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި އެވެ.

ޝާން ޝާކިރު، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 15، 2020 ގަ އެވެ.

އޭނާ ވަނީ ފޮރިން މިނިސްޓްރީގެ އެހެނިހެން އިސް މަގާމުތައް ވެސް ކުރިން ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި އެ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަން ވެސް ހިމެނެ އެވެ. އަދި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް އޭނާ ކުރެއްވި އެވެ.

ލަތީފް، ޖަރުމަނުގެ ސަފީރަކަށް ހަމަޖެއްސީ ޖެނުއަރީ 20، 2019 ގައެވެ. އަދި އޭނާ ވަނީ ޗައިނާގެ ސަފީރުކަން ވެސް ކުރިން ކުރައްވައިފަ އެވެ.