Roadha Mihaaru
މި ސަރުކާރަށް އަބަދުވެސް ފާޑުކިޔޭނެ: ރައީސް

މި ސަރުކާރަށް އަބަދުވެސް ފާޑުކިޔޭނެ: ރައީސް

10 ޑިސެމްބަރ 2018

ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިއުމުގެ ފުރުސަތު ރައްޔިތުންނަށް އަބަދުވެސް އޮންނާނެ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑުކިއުމުގެ ފުރުސަތު ރައްޔިތުންނަށް އަބަދުވެސް އޮންނާނެ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުތައް ހަނިކުރުމުން މުޅި ނިޒާމު ގަނޑުބަޑު ވެގެންދާ ކަމަށާއި އެއީ ވެރިކަން ކުރަން އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށެވެ.

"ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުތައް ހަނިކުރުމުން މުޅި ނިޒާމު ގަޑުބަޑުވެގެންދޭ. މިއީ އަޅުގަނޑު ވެރިކަން ކުރަން ބޭނުންވާ ގޮތެއް ނޫން. މި ސަރުކާރުން ކުރާ ކަންތައްތަކާ މެދު ފާޑުކިއުމުގެ ފުރުސަތު އަބަދުވެސް ރައްޔިތުންނަށް އޮންނާނެ. ނޫސްވެރިކަމުގެ މިނިވަންކަން މި ސަރުކާރުން ކަށަވަރު ވެސް ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް"ގައި ރާއްޖެ ވަރަށް ފަހަތުގައި އޮތްކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެގޮތުން ދުނިޔޭގެ 180 ގައުމެއްގެ ތެރެެއިން ރާއްޖެ އޮތީ 120 ވަނައިގަ އެވެ. އެއީ މިދިޔަ އަަހަރާ އަޅާ ބަލާއިރު ތިން ދަރަޖައިގެ ވެއްޓުމެކެވެ. ވޯލްޑް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ 2012 ވަނަ އަހަރުން ފެށިގެން އައީ ވެއްޓެމުންނެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ސިފަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު މިހާރު އޮތީ ވިހަވެފަ އެވެ.

މި ކަންތައްތައް ފާހަގަކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ އަންނަ އަހަރުގެ މި ދުވަހު އެމަނިކުފާނު ދައްކަވާ ވާހަކަފުޅުގައި އިއުލާނު ކުރައްވާނީ ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަށް ކުރިއެރުން ލިބިއްޖެކަން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުގެ މި ދުވަހު އަޅުގަނޑު ދައްކާ ވާހަކައިގައި ނޫސްވެރިކަމުގެ އިންޑެކްސްގައި ދިވެހި ރާއްޖެ އަށް ކުރިއެރުން ލިބުނުކަން ހާމަ ކުރެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން ސިޔާސީ ހަރަކާތްތަކަށް ވެސް ހުރަސްތައް އަޅައި ޑިމޮކްރެޓިކް ގޮތުން ވެސް ރާއްޖެ ފަހަތަށް ގޮސްފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ ސިޔާސީ ޕާޓީތަކާއި ފަރުދުންގެ މިނިވަންކަން (ކުރީގެ ސަރުކާރުން) ދިޔައީ ހިފަހައްޓަމުން ކަމަށެވެ.

"ނަތީޖާއަކަށް ވެގެން ދިޔައީ ބައިނަލް އަގުވާމީ މިންގަނޑުތަކުން ދިވެހިރާއްޖެއަކީ ޑިމޮކްރަސީއެއް ނޫން ކަމުގައި ނިންމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގެ އިތުރުން ޑިމޮކްރެޓިކް ގޮތުން ވެސް އަންނަ އަަހަރުގެ މި ދުވަހާ ހަމަށް ކުރިއެރުން ހޯދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މަސްވެރި ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ އުކުޅަހަށް ރައީސް ވަޑައިގަތީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާއި ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ. މިއަދުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް އެހެން ބައެއް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ. ރައީސް އުކުޅަހަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ބަނދަރަށް ނުކުތެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ފުރަތަމަ ވަޑައިގެންނެވީ ކ. ދިއްފުށްޓަށެވެ. އުކުޅަހަކީ އެމަނިކުފާނު ދެވަނައަށް ވަޑައިގެންނެވި ރަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި އަހަރުގެ ރިޔާސީ ޓިކެޓު ދިނުމަށް ފާސްކުރީ ވެސް އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގަ އެވެ.