Roadha Mihaaru
ޝަމާލަށް އަލުން ވަޒީފާދޭން ހައި ކޯޓުން ހުކުމްކޮށްފި

ޝަމާލަށް އަލުން ސިފައިންގެ ވަޒީފާދޭން ހައި ކޯޓުން ހުކުމްކޮށްފި

11 ޑިސެމްބަރ 2018

ސިފައިންގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ވަޒީފާ އިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ އަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިފައިންގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ވަޒީފާ އިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ އަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނޮވެމްބަރު، 2013 ގައި ޝަމާލް ސިފައިންގެ އިން ވަކިކުރީ ސިފައިންގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަން ހާމަ ކުރުމުގެ ބޭނުމުގައި ލިޔުމެއް ސޯޝަލް މީޑިއާގައި އާންމުކޮށް، ސިފައިންގެ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތް ކޮށް، މަސްލަހަތު ނަގާލަން އުޅުނު ކަމަށް ބުނެ އެވެ. އެ މައްސަލަ ޝަމާލްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ސެޕްޓެމްބަރު، 2016 ގައި ހުކުމްކުރީ އޭނާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށެވެ.

ޝަމާލްގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ހުކުމްކުރީ ޝަމާލް ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ އެހެންވެ، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް 15 ދުވަސް ތެރޭގައި އަލުން ދިނުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް 30 ދުވަސް ތެރޭގައި ޝަމާލަށް ދިނުމަށް ހުކުމުގައި އަންގާފައިވެ އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ސޯޝަލް މީޑިއާގައި އާންމުވި ކަމަށް ބުނާ ލިޔުން އާންމު ކުރުމުގައި ޝަމާލްގެ އެއްވެސް ދައުރެއް އޮތްކަން ދައުލަތުން ހުށަހެޅި ބަޔާންތަކާއި ސިއްރު ލިޔުންތަކުން އެނގެން ނެތް ކަމަށެވެ. އަދި އެފަދަ ކަމެއް ޝަމާލް ކުރެއްވި ކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ޝަމާލާ އެއްވެސް ސުވާލެއް ކޮށްފައިވާ ކަން އެނގެން ނެތް ކަމަށާއި އަދި އެކަމުގައި ދިފާއުވުމަށް އޭނާއަށް ފުރުސަތު ދީފައިވާ ކަން އެނގެން ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އިދާރީ ފިޔަވަޅެއް މީހަކާ މެދު އަޅާ ނަމަ، އެ މީހަކާ މެދު އެ ފިޔަވަޅެއް އަޅާ ސަބަބެއް އެންގުމާ އެކު އެ މައްސަލައެއް ނިންމުމުގައި އަދުލުވެރިކަމާ އެކު އިޖްރާއާތުތައް ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެކަމަކު ޝަމާލް ވަކިކުރީ ތުހުމަތުކުރާ އެއްވެސް ކަމާ މެދު ސުވާލު ކުރުމެއް ނެތި އަދި އޭނާއަށް ދިފާއުވުމުގެ ފުރުސަތު ނުދީ ކަމަށާއި އެހެންވެ، އޭނާ ވަކިކުރީ ޑިއު ޕްރޮސެސް ފުރިހަމަ ނުކޮށް ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ޝަމާލް ވަކި ކުރިއިރު އޭނާ އަކީ 25 އަހަރު ސިފައިންގެ ޚިދުމަތުގައި އުޅުއްވާފައިވާ ބޭފުޅެއް ކަމަށާއި އެ މުއްދަތުގައި އޭނާގެ ސުލޫކީ އެއްވެސް މައްސަލައެއް ފާހަގަ ނުވުމުގެ އިތުރުން އޭނާ އަކީ އަޚްލާގީ ކުލަ ލިބެމުން އައިސްފައިވާ ބޭފުޅެއް ކަން ވެސް އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.

ޝަމާލަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން އަމުރު ކުރިއިރު، ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ހަމީދަށް ވެސް އަލުން ވަޒީފާ ދޭން ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ ހުކުމްކޮށްފަ އެވެ.