Roadha Mihaaru
ނޫސްވެރިކަމުގެ ގިނަ އެވޯޑުތައް ސަންގަށް

ނޫސްވެރިކަމުގެ ގިނަ އެވޯޑުތައް ސަންގަށް

12 އޮކްޓޯބަރ 2021

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ ގިނަ އެވޯޑުތައް ސަންގު ޓީވީން މިރޭ ހޯދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ ގިނަ އެވޯޑުތައް ސަންގު ޓީވީން މިރޭ ހޯދައިފި އެވެ.

ތަފާތު 12 ކެޓަގަރީއަކަށް އެވޯޑަށް ހުޅުވައިލުމުން 80 އަށް ވުރެ ގިނަ ހުށަހެޅުން އެމްއެމްސީ އަށް ލިބުނެވެ. މިއީ، އެމްއެމްސީން މި އެވޯޑު ދޭން ފެށި ފަހުން އެންމެ ގިނަ ނޫސްވެރިން ކުރިމަތިލި ފަހަރު ވެސް އަހަރެވެ.

އެކަމަކު، ބައެއް ދާއިރާތަކަށް އެކަށީގެންވާ ވަރަށް ނޫސްވެރިން ކުރިމަތިލާފައި ނުވާތީ އެވޯޑު ދީފައިވަނީ ނުވަ ދާއިރާއަކުންނެވެ. އޭގެ ތެރެއިން، ސަންގު ޓީވީން ތިން ދާއިރާއަކުން އެވޯޑު ހޯދި އެވެ. "މިހާރު" އާއި "ވަގުތު" އަދި "ރާއްޖެ ޓީވީ" އަށް ދެ ކެޓަގަރީއަކުން އެވޯޑު ލިބުނެވެ.

ފީޗާ/ރިޕޯޓު ދާއިރާއިން އެވޯޑު ލިބުނު ސަންގު ޓީވީގެ މާހަތަށް، ދިވެހި ބަހުގެ އެކަޑެމީގެ ރައީސް ޑރ. އަޝްރަފު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފީޗާ/ރިޕޯޓު ދާއިރާއިން އެވޯޑު ލިބުނު ސަންގު ޓީވީގެ މާހަތަށް، ދިވެހި ބަހުގެ އެކަޑެމީގެ ރައީސް ޑރ. އަޝްރަފު އިނާމު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މީގެ ކުރިން އޮންލައިން އަދި ބްރޯޑްކާސްޓިން މީޑިއާތަކަށް އެވޯޑު ދިނީ ވަކިންނެވެ. އެކަމަކު މި ފަހަރު ދޭން ނިންމީ، ދެ ދާއިރާ އެއްކޮށްލައިގެންނެވެ. އަދި މި ފަހަރު ގިނަ އެވޯޑްތައް ހޯދީ ބްރޯޑްކާސްޓިން މީޑިއާތަކުންނެވެ.

އެވޯޑު ލިބުނު ނޫސްވެރިން:

- އިންވެސްޓިގޭޓިވް ޖާނަލިޒަމް: މުހައްމަދު އަޒުހީމް، ވަގުތު

- ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ: އަމްނާ އިމާދު، ރާއްޖެ ޓީވީ

- ސިޔާސީ ދާއިރާ: މާހަތު ހުސައިން ރަޝީދު، ސަންގު ޓީވީ

- ޝަރުއީ އަދި ގާނޫނީ ދާއިރާ: ލައިޝާ އަހުމަދު، ރާއްޖެ ޓީވީ

- ވިޔަފާރިއާއި އިގްތިސޯދީ ދާއިރާ: ފާތިމަތު ޝަނާ މުހައްމަދު، މިހާރު

- ކުޅިވަރު ދާއިރާ: މުހައްމަދު ހަމްދޫން، މިހާރު

- ފޮޓޯ ޖާނަލިޒަމްގެ ދާއިރާ: އިބްރާހިމް ޝާބިލް، ވަގުތު

- ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ: ހައްވާ މިންހާ، ސަންގު ޓީވީ

- ފީޗާ/ރިޕޯޓު ދާއިރާ: މާހަތު ހުސެއިން ރަޝީދު، ސަންގު ޓީވީ

އެންމެ އުއްމީދީ ނޫސްވެރިޔާގެ މި ފަހަރު އެކަށީގެންވާ ވަރަށް ހުށަހެޅުން ލިބިފައި ނުވާތީ އެ ކެޓަގަރީން މި އަހަރު އިނާމެއް ނުދެ އެވެ.

ކުޅިވަރު ދާއިރާއިން އެވޯޑު ލިބުނު ހަމްދޫނަށް، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހު އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކުޅިވަރު ދާއިރާއިން އެވޯޑު ލިބުނު ހަމްދޫނަށް، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހު އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެމްސީގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ، އެ ކައުންސިލުން މަސައްކަތް ކުރަނީ އެވޯޑު ދޭ ދާއިރާތަކަށް އަހަރުން އަހަރަށް ބަދަލު ގެނެސް، ވީހާ ވެސް ގިނަ ފުރުސަތުތައް ފަހިކޮށްދޭން ކަމަށެވެ. މި އަހަރުގެ އިނާމަށް ގިނަ ނޫސްވެރިން ކުރިމަތިލުމަކީ އެ ގެންނަ ބަދަލުތައް ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މީޑިއާތަކަކީ މާލީގޮތުން ދަތިތަކާ ކުރިމަތިވެފައިވާ ތަންތަން ކަމަށާއި އެ ގޮންޖެހުންތައް ދެނެގަނެ މީޑިއާތަކުގެ ކުރިއެރުމަށް މަސައްކަތްތައް ކުރަންޖެހޭ ކަމަށް ޝަހުބާން ވިދާޅުވި އެވެ. އެހެންވެ، އެކަންކަމަށް ބަލައި މީޑިއާތަކަށް އެހީތެރިވެދޭނެ ގޮތްތައް އިއުލާނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑީއާތަކަށް ދިމާވާ މައްސަލައަކީ ފަންނުވެރިން ނެތުންކަން ފާހަގަކުރައްވައި ޝަހުބާން ވިދާޅުވީ މީޑިއާ ދާއިރާ ތަރައްގީކުރަން އިސްކަންދޭންޖެހޭ ކަމަށެވެ.