Roadha Mihaaru
ބޮޑު ބަދަލަށް ގައުމުތަކުން ތާއީދު: އިންފަންޓީނޯ

ވޯލްޑް ކަޕްގެ ބޮޑު ބަދަލަށް ގައުމުތަކުން ތާއީދު: އިންފަންޓީނޯ

14 ޑިސެމްބަރ 2018

ދޯހާ، ގަތަރު (ޑިސެމްބަރު 14) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިކުރާ ޓީމުތައް އިތުރުކުރުމަށް ފީފާ އިން މަސައްކަތްކުރަމުން އަންނައިރު، 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ މުބާރާތުގައި އެކަން ކުރަން ގިނަ ގައުމުތަކުން ތާއީދުކުރާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދޯހާ، ގަތަރު (ޑިސެމްބަރު 14) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިކުރާ ޓީމުތައް އިތުރުކުރުމަށް ފީފާ އިން މަސައްކަތްކުރަމުން އަންނައިރު، 2022 ވަނަ އަހަރު ގަތަރުގައި ބާއްވާ މުބާރާތުގައި އެކަން ކުރަން ގިނަ ގައުމުތަކުން ތާއީދުކުރާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ފީފާ އިން ހަތަރު އަހަރުން އެއް އަހަރު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މިހާރު ކުރިއަށްދަނީ 32 ޓީމުގެ މެދުގަ އެވެ. އެ އަދަދު 48 އަށް އިތުރުކުރުމަށް މަޝްވަރާކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ކުރިން ބެލެވިފައި އޮތީ 2026 ވަނަ އަހަރު އުތުރު އެމެރިކާގައި އޮންނަ ވޯލްޑް ކަޕްގައި އެ ބަދަލާ އެކު ބޭއްވޭނެ ކަމަށެވެ. އެކަމަކު އޭގެ ކުރިން އެ ބަދަލު ފެނުމުގެ ފުރުސަތު ބޮޑުކަމަށް އިންފަންޓީނޯ ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ.

ގަތަރުގައި ބޭއްވި ތިން ދުވަހުގެ ސަމިޓަކަށް ފަހު އިންފަންޓީނޯ އިއްޔެ މީޑިއާ އަށް ވިދާޅުވީ ވޯލްޑް ކަޕްގެ ބަދަލާ ބެހޭގޮތުން އެކި ލެވެލްގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

"އަހަރެމެން މި ދަނީ ބަލަމުން. ވަރަށް ގިނަ ގައުމުތަކުން ތާއީދު ވޯލްޑް ކަޕްގެ އަދަދު އިތުރުކުރަން. މި އުޅެނީ ހަމައެކަނި އިތުރު 16 ޓީމަށް ފުރުސަތު ދޭކަށް ނޫން. މި އުޅެނީ 50 ނޫނީ 60 ވަރަކަށް ގައުމަށް ވޯލްޑް ކަޕްގައި ކުޅުމުގެ ހުވަފެނުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިދޭން،" އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާ އިން އަންނަނީ ގަތަރު ވޯލްޑް ކަޕްގައި އެކަން ކުރެވިދާނެތޯ ބަލަން ކުރަން ޖެހޭ ދިރާސާތައް ކުރަމުންނެވެ. މި ކަމުގައި އެންމެ ފަހުގެ ނިންމުމެއް ނިންމާނީ އަންނަ އަހަރު މާޗް މަހުގައި އޮންނަ ފީފާ ކައުންސިލް ބައްދަލުވުމުގައި ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ގިނަ ގައުމުތަކާއި ގަތަރާ ގުޅުން ކުޑަވެފައިވީ ނަމަވެސް ވޯލްޑް ކަޕަށް އޭގެ ސަބަބުން އަސަރެއް ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި ގަތަރުގައި އަހަރު ފަހު ކޮޅުގައި 28 ދުވަހުގެ މުއްދަތަށް ވޯލްޑް ކަޕް ބާއްވަން ނިންމީ ހުރިހާ ކަމަކަށް ބެލުމަށް ފަހު ކަމަށާއި އެކަމަކު މުބާރާތުގައި ކުޅޭ ޓީމުތައް އިތުރު ވިޔަސް އެ ޝެޑިއުލަށް ބަދަލެއް ގެންނާނީ ގަތަރުގެ ފެޑެރޭޝަނާއި ފީފާގެ އެގްޒެކްޓިވް ކޮމިޓީއާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ގެނައި ބޮޑު ބަދަލަކީ 1982 ވަނަ އަހަރު 24 ޓީމަށް ކުޅެވޭ ގޮތަށް ގެނައި ބަދަލެވެ. މިހާރު މި އޮތް ފޯމެޓަށް 32 ޓީމުގެ މެދުގައި ކުޅެން ފެށީ 1998 ވަނަ އަހަރު އެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިންފަންޓީނޯ އަންނަނީ އަންނަ އަހަރު އޮންނަ ފީފާގެ އިންތިހާބު ކާމިޔާބު ކުރުމުގެ ގޮތުން ފުޓްބޯޅައިގެ ބޮޑެތި ޕްލޭންތަކެއް އެކި ބައްރުތަކާ ހިއްސާކުރަމުންނެވެ. އެ ގޮތުން ދާދި ފަހުން އެފްރިކާ އަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އިންފަންޓީނޯ ވަނީ ވައުދުވެވަޑައިގެންފަ އެވެ.