Roadha Mihaaru
ހުޅަނގުން ކަންބޮޑުވަނީ ގަތަރަކީ މުސްލިމް ގައުމަކަށްވީމަ

ހުޅަނގުން ކަންބޮޑުވަނީ ގަތަރަކީ މުސްލިމް ގައުމަކަށް ވީމަ: އިންފަންޓީނޯ

19 ނޮވެމްބަރ 2022

ދޯހާ (ނޮވެމްބަރު 19) - ސްޓޭޑިއަމްތަކުގައި ބަނގުރަލާއި ބިޔަރު ބޭނުން ކުރުމަކީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވެސް މާ ކުރިން ފެށިގެން މަނާ ކޮށްފައި އޮތް ކަމެއް ކަމަށާއި ނަމަވެސް ގަތަރުން އެގޮތަށް އަމަލު ކުރުމުން ޔޫރަޕާއި ހުޅުނގުގެ ގައުމުތަކުން ކަންބޮޑު ވަނީ ގަތަރަކީ މުސްލިމް ގައުމަކަށް ވުމުން ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސުވާލު އުފައްދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދޯހާ (ނޮވެމްބަރު 19) - ސްޓޭޑިއަމްތަކުގައި ބަނގުރަލާއި ބިޔަރު ބޭނުން ކުރުމަކީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވެސް މާ ކުރިން ފެށިގެން މަނާ ކޮށްފައި އޮތް ކަމެއް ކަމަށާއި ނަމަވެސް ގަތަރުން އެގޮތަށް އަމަލު ކުރުމުން ޔޫރަޕާއި ހުޅުނގުގެ ގައުމުތަކުން ކަންބޮޑު ވަނީ ގަތަރަކީ މުސްލިމް ގައުމަކަށް ވުމުން ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސުވާލު އުފައްދައިފި އެވެ.

ވޯލްޑް ކަޕް ފެށެން ދެ ދުވަހަށް ވެފައި ވަނިކޮށް ގަތަރުން ވަނީ، ސްޓޭޑިއަމްތަކުގައި ބަނގުރަލާއި ބިޔަރު ވިއްކުމާއި ބޭނުން ކުރުން ވެސް މަނާ ކޮށްފަ އެވެ. ކުރިން ހަމަޖައްސާފައި އޮތީ އެ ހުއްދަ ދިނުމަށެވެ. އެކަމަކު މުބާރާތަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ގަތަރުން އެކަން ބަދަލު ކުރުމުން ހުޅުގުގެ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، އިންފަންޓީނޯ ވިދާޅުވީ ސްޓޭޑިއަމަށް ބިޔަރު ހިފައިގެން ވަނުމަކީ ޔޫރަޕްގެ ފްރާންސާއި ސްޕެއިން އަދި ޕޯޗުގަލްގެ އިތުރުން ސްކޮޓްލޭންޑްގައި ވެސް މަނާ ކަމެއް ކަމަށެވެ.

"ފްރާންސާއި ސްޕެއިން، ޕޯޗްގަލް އަދި ސްކޮޓްލެންޑްގައި ވެސް ހަމަ މި ގަވާއިދަށް އަމަލު ކުރޭ. އެ ގައުމުތަކުގައި ވެސް ސްޓޭޑިއަމް އަށް ބިޔަރު ހިފައިގެން ނުވަދެވޭ. މިތާންގައި އެކަން ކުރާތީ ބޮޑު ކަމަކަށް ހަދައިލައިގެން އުޅެނީ މުސްލިމް ގައުމަކަށް ވީމަ. އަހަންނަކަށް ނޭނގެ ކީއްވެގެން ކަމެއް މިތަނަށް ވީމަ އެހެން ވާން ޖެހޭނީކީ،" ފީފާގެ ރައީސް ކަމުގައި ތިންވަނަ ދައުރެއް ހޯދަން އަންނަ އަހަރު ކުރިމަތިލާ އިންފަންޓީނޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ވާހަކަ ހުޅަނގުން ދައްކާއިރު އެހެން ގައުމުތަކުން ހުޅަނގަށް ހިޖުރަ ކުރާ ރެފިއުޖީންނަށް ޔޫރަޕްގެ ގައުމުތަކުން ގެންގުޅޭ ބޭއިންސާފު ރަނގަޅު ނޫން ކަމަށެވެ.

އިންފަންޓީނޯ ވިދާޅުވީ އަފްގާނިސްތާންގެ ފުޓްބޯޅަ ކޮމިޔުނިޓީ އަށް ނިސްބަތްވާ 10،000 މީހުންނަށް ރެފިއުޖީންގެ ގޮތުގައި ހިމާޔަތް ދިނުމަށް ޔޫރަޕްގެ ގައުމުތަކާ އެކު ފީފާއިން މަޝްވަރާ ކުރި ކަމަށެވެ. ނަމަވެސް ޔޫރަޕްގެ ވަރުގަދަ ގައުމުތަކުން އެކަމަށް އެއްބާރުލުން ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި 10،000 ކުޅުންތެރިންނަށް ފުރުސަތު ދިނީ އަލްބޭނިއާއިން،" އިންފަންޓީނޯ ވިދާޅުވި އެވެ.

"ހިޖުރަ ކުރާ މީހުންނަށް މިހާރު ވެސް ޔޫރަޕްގެ ގައުމުތަކުގެ ދޮރު ވަނީ ބަންދުކޮށްފަ."

ގަތަރުގައި ޔޫރަޕްގެ ގިނަ ކުންފުނިތަކުން ވިޔަފާރި ކުރަމުން ދާއިރު ބިދޭސީ މަސައްކަތްތެރިންގެ ވާހަކަ އެ ގައުމުތަކުން ނުދައްކާ ކަމަށެވެ.

"ސަބަބަކީ އެ ކުންފުނިތަކުން ވެސް މަސައްކަތް ކުރުވަނީ ކުޑަ އަގެއްގައި. ބިދޭސީ މަސައްކަތްތެރިންނަށް އަޅާލައި އެހީތެރިވީ ފުޓްބޯޅައިން. ފީފާއިން،" އޭނާ ވިދާޅުވި އެވެ.

"ރެފިއުޖީންނާ މެދު ގަތަރުން ގެންގުޅޭ އުސޫލުތަކަކީ ޔޫރަޕްގެ ގައުމުތަކުން ވެސް ފިލާވަޅު ދަސްކުރަން ޖެހޭ ކަންތައްތަކެއްް. އަހަރެން ނިސްބަތްވާ ޔޫރަޕްގެ ގައުމުތަކުން މިތާންގައި މަސައްކަތް ކުރާ ގައުމުތަކުގެ މަސައްކަތްތެރިންނަށް އޮތީ ބޯޑަރު ބަންދުކޮށްފައި. ގަތަރުން އެ މީހުންނަށް ފުރުސަތު ދެނީ ގާނުނުގެ ތެރެއިން."

ވޯލްޑް ކަޕް ފުރަތަމަ މެޗުގައި މާދަމާ ރޭ ރާއްޖޭ ގަޑިން 9 ޖަހާއިރު ނުކުންނާނީ ގަތަރާއި އިކުއެޑޯ އެވެ.