Roadha Mihaaru
ރާއްޖޭގެ ވަފުދު އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހަށް

ރާއްޖޭގެ ވަފުދު އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހަށް

14 ޑިސެމްބަރ 2018

ޕޮލެންޑުގައި ކުރިއަށްދާ ދުނިޔޭގެ މޫސުމާ ބެހޭ ކޮންފަރެންސްގައި ރާއްޖެ އިން ބައިވެރިވާ ވަފުދުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ ބައްދަލުކޮށް ބޮޑެތި ކަންބޮޑުވުންތަކެއް މިއަދު ހިއްސާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕޮލެންޑުގައި ކުރިއަށްދާ ދުނިޔޭގެ މޫސުމާ ބެހޭ ކޮންފަރެންސްގައި ރާއްޖެ އިން ބައިވެރިވާ ވަފުދުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ ބައްދަލުކޮށް ބޮޑެތި ކަންބޮޑުވުންތަކެއް މިއަދު ހިއްސާކޮށްފި އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ދައުވަތަކަށް ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި ބޭރުގެ ބޮޑެތި ބައެއް ގައުމުތަކުގެ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އެ ބޭފުޅުން މަޝްވަރާ ކުރެއްވީ އައިޕީސީސީ އިން ނެރުނު ރިޕޯޓާ ގުޅޭ ގޮތުންނެވެ.

އައިޕީސީސީގެ ރިޕޯޓުގައިވާ ގޮތުން މިހާރުގެ ނިސްބަތަށް ވުރެ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީއަށް މައްޗަށް ހިނގައްޖެ ނަމަ، ދުނިޔެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އެބަ އޮތެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެ ފަދަ ކުދި ގައުމުތަކުގެ 70-90 ޕަސަންޓުގެ ފަރުތައް ހަލާކުވެ، ރަށްތަކަށް ގެއްލުން ލިބޭނެ އެވެ. އަދި ރަށްތައް ހިމާޔަތް ކުރުމަށް ބޮޑު ހިލަ ގިނަ އަދަދަކަށް ޖަހަން ޖެހޭނެ ކަން ރިޕޯޓުގައި ފާހަގަކުރި އެވެ.

މީގެ އިތުރުން، ފިނިހޫނުމިން ދެ ޑިގްރީއަށް މަތިވެއްޖެ ނަމަ، އިއާދަ ނުކުރެވޭ ފަދަ ގެއްލުންތަކެއް ރާއްޖެ ފަދަ ކުދި ގައުމުތަކަށް ލިބޭނެ ކަމަށް ރިޕޯޓުުގައިވެ އެވެ. އަދި ދުނިޔެ އިން ފިޔަވަޅު ނާޅާ ތިބިއްޖެ ނަމަ، 2050 ވަނަ އަހަރަށް ދާއިރު، ހޫނުމިން މިހާރަށް ވުރެ ތިން ޑިގްރީއަށް މައްޗަށް ހިނގައިދާނެ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ކޮންފަރެންސް އޮފް ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް24) ގެ ހަވާސާގައި އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލު ކުރެއްވުމަށް ފަހު، ޑރ. ހުސެއިން "މިހާރު" އަށް މިރޭ ވިދާޅުވީ ރާއްޖޭގެ ކަންބޮޑުވުންތައް ކޮޕްގެ ރިޔާސަތާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ގުޓުރެސް، ރާއްޖޭގެ ވަފްދާ ބައްދަލުކުރެއްވީ އެކަން އެނގިވަޑައިގަތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ހުސެއިން ވިދާޅުވީ ރާއްޖޭގެ ކަންބޮޑުވުންތަކާ ގުޅިގެން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވަން ގުޓުރެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި، މަދު ގައުމުތަކުގެ "ބަހުރުވަ" ހުރި ގޮތުން ފާހަގަވީ، އެ ގައުމުތަކުން ރިޕޯޓަށް އިސްކަން ނުދޭ ކަމެވެ. އެކަމަކު އެއީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ތައްޔާރު ކުރި ރިޕޯޓެއް ކަމަށް ވާތީ، އެ ހަގީގަތް ގަބޫލު ކުރުމުގެ މުހިންމު ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޑރ. ހުސެއިން ވިދާޅުވީ ގައުމުތަކުން ދުނިޔޭގެ ތިމާވެއްޓަށް ގެއްލުން ނުލިބޭ ގޮތަށް އަމަލު ކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް، ޖައްވަށް ވިހަ ގޭސް ދޫކުރުން މަދުކޮށް، ކުދި ގައުމުތަކަށް ހާއްސަ ހާލަތްތަކެއް ދިމާވެފައި އޮތް ކަން ގަބޫލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ ސަލާމް ކުރައްވަނީ. --- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

"އަޅުގަނޑުމެން ގަބޫލުކުރަނީ މި ދެންނެވި ކަންކަން ކޮޕްގެ ރިޔާސަތަށް ގެނެސްދެއްވާނެ ކަމަށް،" ޕޮލެންޑްގައި ހުންނަވައި ފޯނުން ދެއްވި އިންޓަވިއުގައި ޑރ. ހުސެއިން ވިދާޅުވި އެވެ.

ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ރާއްޖެއަށް އެކަނި ނޫން ކަމަށާއި އެކަމުގެ ސަބަބުން ކުދި ގައުމުތަކަށް ވެސް ގެއްލުން ލިބެމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް ރާއްޖޭގެ ކަންކަން ބަދަލު ކުރެވިދާނެ. އެކަމަކު ދުނިޔޭގެ ކަންކަން ކުރެވޭނީ ވާހަކަ ދައްކައި މަޝްވަރާކޮށްގެން،" ޑރ. ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދުނިޔެ ހޫނުވުމުންނާއި ތިމާވެށިން ލިބޭ ގެއްލުމުން ސަލާމަތް ކުރުމަށް ފިޔަވަޅު ނާޅައިފި ނަމަ، ދުނިޔެއަށް ވެސް އިއާދަނުކުރެވޭ ގެއްލުން ލިބުމުގެ ފުރުސަތު އެބަ އޮތެވެ. އަދި މިހާރު ފިޔަވަޅު ނާޅައިފި ނަމަ، އަންނަން އޮތް ޖީލުތަކުން އެކަން ކުށްވެރިކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮޕް24 ގައި ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ. އެކަމަކު ދުނިޔޭގެ ހޫނުކަން ކުޑަކުރަން އަޅާނެ ފިޔަވަޅުތަކަށް ބޮޑެތި ބައެއް ގައުމުތަކުން އަދިވެސް އެއްބަސްވުމަކަށް ނާދެވެ އެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ ވެސް ހިމެނެ އެވެ.