Roadha Mihaaru
މުހިއްމީ ތަށީގެ ވާހަކަ ދެއްކުން: މޮރީނިއޯ

މުހިއްމީ ތަށީގެ ވާހަކަ ދެއްކުން: މޮރީނިއޯ

15 ޑިސެމްބަރ 2018

މެންޗެސްޓާ (ޑިސެމްބަރު 15) - ޓީމުތަކުން ދައްކާ ކުޅުމާއި ކުރާ ހަރަދާ މި ހުރިހާ ކަމަކާމެދު ހިޔާލުފާޅުކުރާއިރު އެންމެ މުހިއްމު ކަމަކީ އެ ޓީމެއް ހޯދާ ކާމިޔާބީ ނޫނީ ތަށީގެ ވާހަަކަ ދެއްކުން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޑިސެމްބަރު 15) - ޓީމުތަކުން ދައްކާ ކުޅުމާއި ކުރާ ހަރަދާ މި ހުރިހާ ކަމަކާމެދު ހިޔާލުފާޅުކުރާއިރު އެންމެ މުހިއްމު ކަމަކީ އެ ޓީމެއް ހޯދާ ކާމިޔާބީ ނޫނީ ތަށީގެ ވާހަަކަ ދެއްކުން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ލިވަޕޫލާ ދެކޮޅަށް މާދަމާ ރަށުންބޭރުގައި ކުޅޭއިރު ޔުނައިޓެޑް މި ސީޒަނުގައި އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާއި ހަ ވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު 16 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

"މިއީ އަހަރެމެންނަށް ބޮޑަށް މުހިއްމު މެޗެއް. ހާލަތު އޮތްގޮތުން އިތުރު ޕޮއިންޓްތަކެއް ގެއްލިގެން ރަނގަޅެއް ނުވާނެ،" މޮރީނިއޯ ބުންޏެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކްލޮޕް ހަވާލުވި ފަހުން އެ ޓީމުގެ ކުޅުމަށް ގިނަ ބަޔަކު ތައުރީފް ކުރި ނަމަވެސް މިހާތަނަށް ކާމިޔާބެއް ލިބިފައިނުވެ އެވެ. ތިން މުބާރާތުގެ ފައިނަލުން ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލް ވަނީ ބަލިވެފަ އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވި ފުރަތަމަ އަހަރު ލީގު ކަޕާއި ޔޫރޮޕާ ލީގު ހޯދި އެވެ. އެކަމަކު މިދިޔަ ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާ އެވެ. ޔުނައިޓެޑުން ދައްކާ ކުޅުމަށް ކުރީގެ ކުޅުންތެރިންނާއި ސަޕޯޓަރުން އަންނަނީ ފާޑުކިޔަމުންނެވެ.

"ތަށި ހޯދުމަކީ އެންމެ މުހިއްމު ކަންތައް. އެއީ ތަށްޓައް ވާދަކުރެވޭނެ ފެންވަރުގެ ޓީމެއް އެކަން (ތަށި ހޯދުން) ކުރުން އެއީ ވަރަށް މުހިއްމުކަމެއް. ތަށި ހޯދޭނެ ފެންވަރުގެ ޓީމުތައް އެންމެ މުހިއްމު ކަމަކަށް ދެކެންވީ އެކަން ކުރުން. އެ ނޫން ގޮތަކަށް ވާހަކަ ދައްކައިފިނަމަ އެއީ ވިސްނުންތޫނު މީހުން ކަންތައް ކުރާނެ ގޮތެއް ނޫން،" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވި ފަހުން އޭނާ ވަނީ ބޮޑު އަގުގައި ކުޅުންތެރިން ގެނެސްފަ އެވެ. އެކަމަކު އެ ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅަށް މޮރީނިއޯ އަށް ނުހިފޭއިރު، އޭނާ ބުނީ މިހާރު ޔުނައިޓެޑްގައި އޮތީ އޭނާގެ ވިސްނުމާ އެއްގޮތަށް އޮތް ޓީމެއް ނޫން ކަމަށެވެ. އެ ވާހަކަތައް އޮޅުން ފިލުވައިދިނުމަށް މޮރީނިއޯ ޖެހީ ގެޔެއްގެ މިސާލެކެވެ.

"ފުޓްބޯޅަ ޓީމަކީ ހަމައެކަނި ލާރި ހަރަދުކޮށްގެން ވާކަމެއް ނޫން. ފުޓްބޯޅަ ޓީމަކީ މިސާލަކަށް ގެޔެއް. ގެޔަކަށް ހަމައެކަނި ބޭނުންވާ ފަރުނީޗަރު ހޯދުމެއް ނޫން އޮތީ. އެންމެ ރަނގަޅު ފަރުނީޗަރު ގަނެވުނީމަ މި ލިބެނީ ރަނގަޅު ގެޔެއްގައި އުޅުމުގެ ހިތްހަމަ ޖެހުން،" މޮރީނިއޯ ބުންޏެވެ.

އޭނާ ވަނީ ލިވަޕޫލްގެ ކޯޗު ކްލޮޕް އެ ޓީމު ވަރުގަދަ ކުރުމަށް ކޮށްފައިވާ މަސައްކަތަށް ތައުރީފްކޮށްފަ އެވެ. އަދި ލިވަޕޫލް މި ވަގުތު އޮތީ އެކި ގޮތްގޮތުން ބަލާއިރު ކުރީގައި ކަމަށާއި އެ ހަގީގަތް ގަބޫލުކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ޔުނައިޓެޑާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.