Roadha Mihaaru
އަހަންނަކީ އަދިވެސް މަތީ ފަންތީގެ ކޯޗެއް: މޮރީނިއޯ

އަހަންނަކީ އަދިވެސް މަތީ ފަންތީގެ ކޯޗެއް: މޮރީނިއޯ

18 ޖެނުއަރީ 2019

ލަންޑަން (ޖެނުއަރީ 18) - ރިޓަޔާކުރާ އުމުރަށް އަދި ނުދާ ކަމަށާއި އަދިވެސް އޭނާ ނިސްބަތްވަނީ އެންމެ މަތީ ފަންތިއަށް ކަމަށް ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑުން ވަކިކުރި ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 18) - ރިޓަޔާކުރާ އުމުރަށް އަދި ނުދާ ކަމަށާއި އަދިވެސް އޭނާ ނިސްބަތްވަނީ އެންމެ މަތީ ފަންތިއަށް ކަމަށް ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑުން ވަކިކުރި ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މިދިޔަ މަހު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ފަހުން މޮރީނިއޯ މީޑިއާގައި ފާއިތުވި ދުވަސްތަކުގައި އެހާ ގިނަ ވާހަކަތަކެއް ނުދައްކަ އެވެ. ކުރީގެ ކްލަބް ބެންފީކާ އިން ލިބުނު ފުރުސަތަށް ވެސް މޮރީނިއޯ ވަނީ ނޫނެކޭ ބުނެފަ އެވެ. އެކަމަކު އެ ފަހަރު ވެސް އޭނާގެ މިހާރުގެ ހާލަތާ ބެހޭގޮތުން އެހާ ތަފްސީލުކޮށް ވާހަކަ ދައްކަން ވަނީ ދެކޮޅު ހަދައިފަ އެވެ.

އެކަމަކު ގަތަރުގެ ބެއިންސްޕޯޓްސް ޗެނަލުގެ އޭޝިއަން ކަޕް ކަވަރޭޖުގައި މޮރީނިއޯ ވަނީ އޭނާގެ މިހާރުގެ ހާލަތާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދައްކައިފަ އެވެ. އަދި އޭނާ އަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ހެދި ގިނަ ބަޔެއްގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް އެކަށީގެންވާ ޖަވާބުތަކެއް ދިނެވެ.

"އަހަރެން އަދިވެސް ބޭނުން ކޯޗިން އިން ކުރިއަށްދާން. އަހަންނަކީ އަދިވެސް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ކޯޗެއް. އެއީ އަހަރެން ދެން ވެސް ފެންނާނެ ތަނަކީ،" ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑަށް ވެސް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

"އަހަރެން އަދި (ރިޓަޔަކުރާ އުމުރަށް ވުރެ) ވަރަށް ޒުވާން. އަހަރެން ފުޓްބޯޅައިގައި ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ. ދުވަސްތަކެއް ފަހުން އަހަންނަށް 56 އަހަރު ފުރޭނެ. އެކަމަކު ވެސް އަހަރެން ދެކެނީ ފުޓްބޯޅައިގައި އަހަންނަކީ އަދިވެސް ޒުވާން މީހެއްގެ ގޮތުގައި."

ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން މިދިޔަ މަހު 18 ވަނަ ދުވަހު މޮރީނިއޯއާ އެކު ހަދާފައި އޮތް އެއްބަސްވުން ނިމުމަކަށް ގެނައިއިރު ގިނަ ކަންތައްތަކަކަށް ވަނީ އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ޔުނައިޓެޑުގައި ދިމާވި ކަންތައްތަކާ ބެހޭގޮތުން މީޑިއާގައި ވާހަކަ ނުދެއްކުން ހިމެނެ އެވެ.

މޮރީނިއޯ ވަކިކޮށް ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ގެނައި އޮލެ ގުނަ ސޯލްޝެއާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ހަ މެޗުން ވަނީ މޮޅުވެފަ އެވެ. މިހާރު ޔުނައިޓެޑްގެ ހާލަތު އެއްކޮށް ބަދަލުކޮށްލާފައިވާ ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް މޮރީނިއޯ ވަނީ އެކަން އެހެން ރަނގަޅުނުވާނެ ކަމަށް އިޝާރާތްކޮށް ވާހަކަ ދައްކައިފަ އެވެ.

"ކްލަބްތައް ހިންގަންވާނީ އުސޫލެއްގެ ތެރެއިން. ވެރިޔެއް ހުންނަން ޖެހޭނެ. ޗީފް އެގްޒެކްޓިވް އެއް ދެން ހުންނާނީ. އެ އަށް ފަހު ސްޕޯޓިން ޑައިރެކްޓަރެއް. ދެން ކޯޗެއް. މިއީ ކްލަބްގެ ކަންތައްތައް ހިގަންޖެހޭނެ އުސޫލަކީ. ހަމައެކަނި ހުރިހާ ކަމެއްގެ ޒިންމާ ކޯޗެއްގެ ބޮލުގައި އެޅޭގޮތަށް އޮންނަ އޮތުން ބަދަލުކުރަން ޖެހޭ،" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗުކަން މޮރީނިއޯ އަށް ގެއްލުނު އެންމެ ބޮޑު އެއް ސަބަބަކީ އެ ޓީމުގެ ވައިސް ޗެއާމަން އެޑް ވުޑްވާޑާ ދެމެދު ޖެހުނު މައްސަލަތަކެވެ. މޮރީނިއޯ ޑިފެންޑަރުން ގެންނަން އެދުމުން އެކަމަށް ވުޑްވާޑް ދެކޮޅު ހެދި އެވެ. އެ މައްސަލަ އަށް ހައްލެއް ނުލިބުނު އެންމެ ބޮޑު ސަބަބަކީ ޔުނައިޓެޑްގައި ސްޕޯޓިން ޑައިރެކްޓަރެއް ނެތުމެވެ. އަދި ޓްރާންސްފާގެ ކަންތައްތަކުގައި އުޅޭނެ ވަކި ފަރާތެއް ނެތި ވަކި ބަޔެއްގެ އަތުގައި ކްލަބްގެ ބޮޑު ކޮންޓްރޯލް އޮތުމެވެ.

"ކްލަބްތައް އޮންނަން ޖެހޭނީ އެކި ހާލަތްތަކާ ކުރިމަތިލެވޭ ފަދަ ގޮތަކަށް ތައްޔާރުވެފައި. ކޯޗަކަށް ހަމައެކަނި އޮންނަން ޖެހޭނީ ކޯޗެއްގެ ޒިންމާ، އެހެން ހުރިހާ ކަމެއް އޮންނަން ޖެހޭނީ ޒިންމާއާ ހަވާލުވާ ފަރާތުން ފުރިހަމަ އަށް އަދާކޮށްފައި،" ޔުނައިޓެޑްގައި ދިމާވި ކަންތައްތަކަށް އިޝާރާތްކޮށް މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑްގައި މޮރީނިއޯ ހޭދަކުރި ފަހު ދުވަސްތަކުގައި އޭނާއާ ޓީމުގެ ގިނަ ކުޅުންތެރިންނާ ދެމެދު މައްސަލަތަކެއް ޖެހުނެވެ. އޭގެތެރެއިން މީޑިއާގައި އެންމެ ގަދަކޮށް ދެކެވުނީ ފްރާންސްގެ ތަރި ޕައުލް ޕޮގްބާއާ ދެމެދު އުފެދުނު މައްސަލަތަކެވެ.

"ކަންތައްތައް ވެފައި އޮތްގޮތުން އަހަރެން ކުޅުންތެރިންނަށް ރަނގަޅަށް ކޮށްދިން އެއްވެސް ކަމެއް އެއީ ހަބަރެއް ނޫން. ހުރިހާ ވާހަކައެއް ދެކެވުނީ އުފެދުނު ހިޔާލުތަފާތުވުންތަކާ ބެހޭގޮތުން. ފަހުގެ ފުޓްބޯޅައިގައި ކަންތައްވެފައި އޮތްގޮތުން ކުޅުންތެރިއާ އަށް ރަނގަޅު ގޮތެއް ކޯޗު ބުނެދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. ކުޅުންތެރިއާ އަށް އަމިއްލަ އަށް ވިސްނޭގޮތް އެންމެ ރަނގަޅުވަނީ،" ޕޮގްބާއާ ދެމެދު ޖެހުނު މައްސަލަތަކާ ބެހޭގޮތުން މޮރީނިއޯ ބުންޏެވެ.

"ކުޅުންތެރިންގެ ޕްރޮފެޝަނަލިޒަމް ދަމަހައްޓަން ވެސް ފުޓްބޯޅައިގައި ވަކި ކަންތައްތައް ކްލަބްތަކުން ކުރަން ޖެހިފައި އޮތީ."

ޔުނައިޓެޑަށް ކޯޗުކޮށްދިން ފުރަތަމަ އަހަރު މޮރީނިއޯ ވަނީ އެ ޓީމާ އެކު ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ހުސްއަތާ ނިންމާލިއިރު، މޮރީނިއޯ ދެކެނީ އެއީ ވެސް ކާމިޔާބު އަހަރެއްގެ ގޮތުގަ އެވެ.

"އަހަރެން ދެކޭގޮތުގައި މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީ ފަަހަތުގައި އޮވެގެން އަހަރެމެން ދެ ވަނައިގައި ނިންމާލިޔަސް އެ ވެސް ކާމިޔާބެއް. މީހުން ބުނެފާނެ 25 ތަށި ހޯދި ކޯޗެއް މިހާރު މި ދައްކަނީ މޮޔަ ވާހަކައޭ. އެކަމަކު ހަގީގަތަކީ ކެމެރާ ފުރަގަހުގައި އަހަރެން ކުރި މަސައްކަތް އަހަންނަށް އެނގޭ. އެއީ މީހުންނަށް ފެންނާނީ ކެމެރާ ކުރިމަތީގެ މަންޒަރުތައް. އަހަރެން ކެމެރާ ފުރަގަހުގައި ގިނަ ކަންތައްތަކާ ކުރިމަތިލިން." މޮރީނިއޯ ބުންޏެވެ.

ދެން ހަވާލުވާނެ ޓީމަކާ ބެހޭގޮތުން އަދި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި އެކަމަކު އުއްމީދަކީ ވަރަށް އަވަހަށް އެނބުރި ކޯޗިން އަށް އައުން ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުގައި މޮރީނިއޯ މިހާރު އަންނަނީ ޓީވީ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. މިދިޔަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި އެ ގައުމުގެ ޓީވީއެއްގެ އެނަލިސްޓެއްގެ ގޮތުގައި ވެސް މޮރީނިއޯ ވަނީ މަސައްކަތްކޮށްފަ އެވެ. އެ ފަހަރު އޭނާ އަށް ތިން މިލިއަން ޑޮލަރު ލިބުނެވެ. މި ފަހަރު ބެއިން ސްޕޯޓްސްގެ އޭޝިއަން ކަޕްގެ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްގެން މޮރީނިއޯ އަށް 120،000 ޕައުންޑް ލިބޭކަމަށް ރިޕޯޓްތައް ބުނެ އެވެ.