Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

18 ޑިސެމްބަރ 2018

މި އަހަރު ބެލުންތެރިން އެންމެ ހައިރާންކޮށްލި އެއް ހިޓް ކަމަށްވާ ހޮރޯ ކޮމެޑީ "އިސްތިރީ" އަށް ފަހު، އެ ފިލްމުގެ ޓީމުން އަނެއްކާ ވެސް ހަމަ މި ޖޯންރާގެ ފިލްމެއް ގެނެސް ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ބެލުންތެރިން އެންމެ ހައިރާންކޮށްލި އެއް ހިޓް ކަމަށްވާ ހޮރޯ ކޮމެޑީ "އިސްތިރީ" އަށް ފަހު، އެ ފިލްމުގެ ޓީމުން އަނެއްކާ ވެސް ހަމަ މި ޖޯންރާގެ ފިލްމެއް ގެނެސް ދޭން ނިންމައިފި އެވެ.

އެކަން ކަށަވަރުކޮށް ދެމުން ޕްރޮޑިއުސަރު ދިނެޝް ވިޖަން ބުނީ މި ފަހަރު ވެސް ފިލްމުގައި ބަތަލުގެ ރޯލް ކުޅޭނީ "އިސްތިރީ" ގައި ވެސް ބަތަލުގެ ރޯލް ކުޅެގެން ދާދި ފަހުން ބޭއްވި ސްޓާ ސްކްރީން އެވޯޑްގައި ބެސްޓް އެކްޓަރު (ޕޮޕިއުލާ) އެވޯޑް އުފުލައިލި ރާޖްކުމާރު ރާއޯ ކަމަށެވެ.

އަދި ވަކި ނަމެއް ދީފައިވާ ނުވާ މި ފިލްމުގައި ކާސްޓުންގެ ތެރޭގައި ދެން ހާއްސަ އެކަކީ ކޮމެޑީ ރޯލްތަކުން މިހާރު މަގުބޫލުކަން ހޯދަމުން އަންނަ ޒުވާން އެކްޓަރު ވަރޫން ޝަރުމާ އެވެ. އޭނާއަކީ "ފުކްރޭ" އާއި "ދިލްވާލޭ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ.

ދިނޭޝް ބުނި ގޮތުގައި މި ފަހަރުގެ ހޮރޯ ކޮމެޑީއަކީ ވެސް ރަށްފުށުގެ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމެވެ. މި ފިލްމު ލިޔެ، ޑައިރެކްޓް ކުރަން ހަވާލުކޮށްފައި ވަނީ "ފުކްރޭ" އާއި "ފުކްރޭ ރިޓާންސް" ގެ ޑައިރެކްޓަރު މިރުދީޕް ސިިންގް ލާމްބާއާ އެވެ.

މެޑޮކްގެ ޓްވީޓެއް.

ފިލްމުގެ ޝޫޓިން އަންނަ އަހަރު ފަށައި ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ 2020 ގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. "އިސްތިރީ" އަށް ފަހު ރާޖް ވަނީ ދިނޭޝްގެ "މޭޑް އިން ޗައިނާ" ގެ މަސައްކަތް ވެސް ކޮށްފަ އެވެ. މޯނީ ރޯއި ބަތަލާގެ ރޯލް ކުޅެފައިވާ އެ ފިލްމު ސިނަމާތަކަށް އަންނާނީ އޮގަސްޓް، 15، 2019 ގަ އެވެ.

ދިނޭޝްގެ ފިލްމު ކުންފުނި މެޑޮކް ފިލްމްސް އިން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސް ދޭނީ މާޗް 1 ގައި ރިލީޒް ކުރާ ރޮމޭންޓިކް ކޮމެޑީ "ލުއްކާ ޗުއްޕީ" އެވެ. މި ފިލްމުގެ ތަރިންނަކީ ކާތިކް އާރިޔަން އާއި ކިރިތީ ސެނަން އެވެ.

"ކޭސަރީ" ގައި ޕަރިނީތީ ފެންނާނެ ގޮތް ދައްކާލައިފި

އަކްޝޭ ކުމާރާ އެކު ޒުވާން ބަތަލާ ޕަރިނީތީ ޗޯޕްޅާ ކުޅޭ ތާރީހީ ހަނގުރާމަ ފިލްމު "ކޭސަރީ" ގައި އޭނާ ފެނިގެން ދާނެ ގޮތް ދައްކާލައިފި އެވެ.

ޕަރިނީތީ އާއި އަކްޝޭ "ކޭސަރީ" ގައި ފެންނާނެ ގޮތް.

މީގެ ކުރިން ޕަރިނީތީ ކުޅުނު ފިލްމުތަކުގައި މޮޑަން އަދި ވަރަށް ގްލެމަރަސް އަންހެނެއްގެ ރޯލްތަކާ ހިލާފަށް މި ފިލްމުގައި އޭނާ ފެނިގެން ދާނީ ތަންކޮޅެއް ޓްރެޑިޝަލް ލުކެއްގަ އެވެ. އަދި "ކޭސަރީ" ވެގެން ދާނީ އަކްޝޭއާ އެކު، ޕަރިނީތީ ކުޅޭ ފުރަތަމަ ފިލްމަށެވެ.

ޕަރިނީތީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮކްޓޯބަރު މަހު ރިލީޒް ކުރި "ނަމަސްތޭ އިންގްލެންޑް" އެވެ. އެކަމަކު އެއީ ބަލާނެ ބަޔަކު ނުވި ބޮޑު ފްލޮޕެކެވެ.

"ކޭސަރީ" އަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދައި، އަނޫރާގް ސިންގް ޑައިރެކްޓް ކުރާ ފިލްމެވެ.

ފަގުޑި އަޅައި، ދިގު ތުނބުޅިއަކާ އެކު އަކްޝޭ ފެނިގެންދާ "ކޭސަރީ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މާޗް 21 ގަ އެވެ.

ޕްރަބާސްގެ "ސާހޯ" އޮގަސްޓް 15 ގައި

އަންނަ އަހަރުގެ އޮގަސްޓް މަހުގެ 15 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "މިޝަން މަންގަލް" އާއި ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" ގެ އިތުރުން ރާޖްކުމާރުގެ "މޭޑް އިން ޗައިނާ" ހިމެނެ އެވެ.

ޕްރަބާސްގެ ޓްވީޓެއް.

މި ލިސްޓަށް މި ފަހަރު ވަނީ އަނެއްކާ ވެސް ވަރުގަދަ ފިލްމެއް އިތުރުވެފަ އެވެ. އެއީ "ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ހޯދި އެކްޓަރު ޕްރަބާސްގެ "ސާހޯ" އެވެ. ވަރަށް އާބަން ސްޓައިލަކަށް ހަދާފައިވާ މި އެކްޝަން ތުރިލާ އަންނަ އޮގަސްޓް 15 އަށް ތާވަލު ކުރި އިރު މި ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ޓީ ސީރީޒްގެ ބުޝަން ކުމާރަކީ "ބަތުލާ ހައުސް" ގެ ވެސް ހިއްސާދާރެކެވެ.

އެހެންވެ އޭނާގެ ހިއްސާ އޮތް ދެ ފިލްމެއް އެއް ދުވަހެއްގައި ސިނަމާތަކަށް ގެންނާނެތޯ ބޮލީވުޑްގެ ވިޔަފާރި ދިރާސާ ކުރާ ބައެއް މީހުން މިހާރު ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ.

އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ޑައިރެކްޓަރު ސުޖީތު ޑައިރެކްޓްކޮށްފައިވާ "ސާހޯ" ގެ ބަތަލާއަކީ ޝުރަދާ ކަޕޫރެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ނީލް ނިތެން މުކޭޝް، ޖެކީ ޝްރޮފް، ޗަންކޭ ޕާންޑޭ، މަހޭޝް މަންޖްރޭކަރު އަދި އެވެލީން ޝަރުމާ ހިމެނެ އެވެ.

"ޗިޗޯރް" ގެ ދެވަނަ ޝޫޓިން ޝެޑިއުލް ވެސް ނިންމާލައިފި

މިދިޔަ ސެޕްޓެމްބަރު މަހު ޝޫޓިން ފަށައި، އޮކްޓޯބަރު މަހުގެ ތެރޭގައި ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމައިލި "ޗިޗޯރް" ގެ ދެވަނަ ޝޫޓިން ޝެޑިއުލް ވެސް ނިންމާލައިފި އެވެ.

ފިލްމު ކްރިޓިކް ތަރަންގެ ޓްވީޓެއް.

މި ފިލްމަކީ 2016 ވަނަ އަހަރު ބޮކްސް އޮފީހުގައި ރެކޯޑްތައް ހެދި އާމިރު ހާންގެ "ޑަންގަލް" ގެ ޑައިރެކްޓަރު، އެ ފިލްމަށް ފަހު ހަދާ ފުރަތަމަ ފިލްމެވެ. ސީދާ ކޮން ކަހަލަ ކޮންސެޕްޓަކަށް ހަދާ ފިލްމެއްކަން އަދި ހާމަ ނުކުރި ނަމަވެސް "ޗިޗޯރް" ގެ ފުރަތަމަ ޕޯސްޓަރުން ފެންނަ ގޮތުގައި މިއީ ތަންކޮޅެއް މަޖާ ސްޓައިލްގެ ފިލްމަކަށް ވާނެ އެވެ.

އޮކްޓޯބަރު މަހު ދައްކައިލި ފުރަތަމަ ޕޯސްޓަރުގައި ފިލްމުގެ މައިގަނޑު ކާސްޓުން ދައްކާލައިފައި ވަނީ ކޮންމެ ތަރިއަކު ވެސް ދެ ކޮސްޓިއުމެއްގައި ޑަބަލްކޮށެވެ.

އަންނަ އަހަރުގެ އޮގަސްޓް މަހުގެ 30 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ކާސްޓުންނަކީ ސުޝާންތު ސިންގް ރާޖްޕޫތު، ޝްރަދާ ކަޕޫރު، ވަރުން ޝަރުމާ، ޕްރަތީކް ބައްބަރު، ތާހެރް ރާޖް ބާސިން، ތުޝާރު ޕާންޑޭ، ނަލްނީޝް ނީލް އަދި ނަވީން ޕޮލިޝެޓީ އެވެ.