Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

19 ޑިސެމްބަރ 2019

އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ 24 ގައި ރިލީޒްކުރާ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މިދިޔަ އަހަރު "ރޭސް 3" ގެނެސްދިނުމަށް ފަހު، ޑައިރެކްޓަރު ރެމޯ ޑި ސޫޒާ ގެނެސްދޭ މި ފިލްމަކީ ޑާންސް ގްރޫޕްތަކެއްގެ މެދުގައި ހިނގާ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާނެ ފިލްމެކެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، 3ޑީ ފޯމެޓްގައި ނެރޭ "ސްޓްރީޓް ޑާންސާ" ގެ ލީޑް ތަރިންނަކީ ރެމޯ 2014 ގައި ގެނެސްދިން ޑާންސް ފިލްމު "އޭބީސީޑީ 2" ގެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ބޮލީވުޑްގައި މިހާރު އެންމެ ވިދާ އައިޓަމް ގާލް ނޯރާ ފަތެހީ އާއި މަޝްހޫރު ނެށުންތެރިޔާ ޕްރަބޫދޭވާ ހިމެނެ އެވެ.

އިންޑިއާގެ އެންމެ ވަރުގަދަ ޑާންސް ފިލްމުގެ ގޮތުގައި ޕްރޮމޯޓްކުރަމުން އަންނަ "ސްޓްރީޓް ޑާންސާ" ގެ މަންޒަރުތައް ނަގާފައި ވަނީ އިންޑިއާ އާއި އިނގިރޭސިވިލާތުގެ އިތުރުން ޔޫއޭއީގަ އެވެ.

ކަބީރުގެ ވެބް ސީރީޒް އެމެޒޯނަށް

ޑައިރެކްޓަރު ކަބީރު ޚާންގެ އަލަތު ވެބް ސީރީޒް "ދަ ފޮގެޓްން އާމީ" އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާ ގޮތަށް ނިންމައިފި އެވެ.

އޭގެ މަސައަކްތައް މިހާރު ކުރިއަށްދާ އިރު، ސްޓްރީމްކުރަން ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. "ދަ ފޮގެޓްން އާމީ" ގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ބަންޓީ އޯރް ބަބްލީ" ގެ ދެވަނަ ބަޔަށް ސޮއިކޮށްފައިވާ އާ ބަތަލާ ޝަަރްވާރީ ވާގެވެ.

"ޓައިގާ ޒިންދާ ހޭ" އާއި "ބަޖިރަންގީ ބައިޖާން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ކަބީރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ އެޕްރީލްގައި ރިލީޒްކުރާ ކްރިކެޓް ފިލްމު "83" އެވެ. އެ ފިލްމުގެ ތަރިންނަކީ ރަންވީރު ސިންގް އާއި އޭނާގެ އަންހެނުން ދީޕިކާ ޕަދްކޯނެވެ.

"ހަސީން ދިލްރުބާ" ގައި ތާޕްސީ އާއި ވިކްރަންތު

އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނާއި އިރޯސް ގުޅިގެން ގެނެސްދޭ ނިންމާފައިވާ މާޑާ މިސްޓްރީ "ހަސީން ދިލްރުބާ" ގެ ލީޑް ރޯލަށް ތާޕްސީ ޕައްނޫ އާއި ވިކްރަންތު މަސޭ ހަމަޖައްސައި ފިލްމުގެ ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

މި ފިލްމުގެ ގެ ޑައިރެކްޓަރަކީ 2014 ވަނަ އަހަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ސިދާތު މަލްހޯތުރާ އާއި ޕަރިނީތީ ޗޯޕްޅާއާ އެކު ގެނެސްދިން ފިލްމު "ހަސީ ތޯ ޕަސީ" ގެ ޑައިރެކްޓަރު ވިނިލް މެތިއު އެވެ.

އޭނާ ޑައިރެކްޓްކުރާ ދެވަނަ ފިލްމު "ހަސީން ދިލްރުބާ" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ގަ އެވެ.

އަކްޝޭ އާއި ކަރީނާގެ ލަވައެއް

ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރް އެކުގައި ކުޅެފައިވާ އާ ފިލްމު "ގުޑް ނިއުޒް" ގައި ދެ ތަރިން އެކީގައި ފެނިގެންދާ އާ ލަވައެއް ދައްކާލައިފި އެވެ.

"ލާލު ގަނގްރާ" ގެ ނަން ދީފައިވާ މި ލަވައިގެ މިއުޒިކް ތަނިޝްގް ބަގްޗީ އާއި މަންޖް މިއުޒިކް އަދި ހާބީ ސަހާރާ ގުޅިގެން ހަދާފައިވާ އިރު، ލަވަ ކިޔާފައި ވަނީ ނޭހާ ކައްކަރާއި މަންޖްގެ އިތުރުން ހާބީ އެވެ. ލަވައިން ފޯރި ގަދަ ނެށުންތަކެއް ފެނިގެން ދެ އެވެ.

މި މަހުގެ 27 ގައި ރިލީޒްކުރާ "ގުޑް ނިއުޒް" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ކިއާރާ އަދުވާނީ އާއި ދިލްޖީތު ދޮސަންޖް ވެސް ހިމެނެ އެވެ.